ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ސެމީގައި ރޭ އާޖެންޓީނާ އިން ވަނީ 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. އެ މެޗުގައި މެސީގެ ގޯލަކާއި އެސިސްޓެއް ވެސް ފެނިގެންދިޔައެވެ. އާޖެންޓީނާގެ އަނެއް ދެ ގޯލު ޖެހީ ހޫލިއަން އަލްވަރޭޒެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ ފަސް ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ޖެހިލައިފައެވެ. މެސީގެ އިތުރުން އޭނާއާއެކު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އެމްބާޕޭ ވެސް ވަނީ އެ އަދަދަށް ގޯލު ޖަހައިފައެވެ.

ރޭގެ މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވަނީ ރެކޯޑެއް ވެސް މުގުރާލައިފައެވެ. މެސީގެ ކެރިއަރުގައި ވޯލްޑް ކަޕްގައި ޖެހި 11 ވަނަ ގޯލާއެކު އޭނާ މުގުރާލާފައިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑެވެ. ކުރިން އެ ރެކޯޑު ކުރިން އޮތީ ވޯލްޑް ކަޕްގައި ދިހަ ގޯލު ކާމިޔާބުކުރި އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ގެބްރިއަލް ބަޓިސްޓޫޓާގެ އަތުގައެވެ.

ސައުދީ އަތުން 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވި މެޗު ވެގެންދިޔައީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ބޮޑު ސިހުމެއް ގެނުވި އެއް މެޗުގެ ގޮތުގައެވެ. މެސީ ދެކޭ ގޮތުގައި އެ މެޗުން ބަލިވުމުން ލިބުނީ އިތުރު ހިތްވަރެކެވެ.

"ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވުން ވެގެންދިޔައީ އުނދަގޫ ކަމަކަށް. އެގޮތަށް ވޯލްޑް ކަޕް ފެށުމަށް އަދި ސައުދީ އަތުން ބަލިވުން އެއީ އަހަރެމެން އުންމީދުކުރި ގޮތެއް ނޫން. އެ މެޗު ވެގެންދިޔައީ އަހަރެމެންނަށް ވަރުގަދަ އިމްތިހާނަކަށް. އެކަމަކު މުޅި ސްކޮޑު ސާބިތުކޮށްދިނީ އަހަރެމެންގެ ވަރުގަދަކަން، ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ. އެ މެޗަށްފަހު އުނދަގޫތަކެއް ކުރިމަތިވި ކަމުގައިވިޔަސް، އަހަރެމެން ހުރިހާ މެޗެއް ކާމިޔާބުކުރިން،" ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މެސީ ބުންޏެވެ.

މެސީ ބުނީ އޭނާއަށް އެއްވެސް އަނިޔާއަކާ ކުރިމަތިވެފައި ނުވާ ކަމަށާއި މެޗަށް ހުރިހާ ކުޅުންތެރިން ވެސް ނުކުތީ ވަރުބަލިކަންމަތީ ކަމަށެވެ. އަދި ވަރުބަލިކަމާއެކު މެޗަށް ނުކުތް ނަމަވެސް، ރަނގަޅު ކުޅުމަކާއެކު މޮޅެއް ހޯދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ މިރޭ 12:00 ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.