ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި މިރޭ ކްރޮއޭޝިއާ ބަލިކޮށް، އާޖެންޓީނާއިން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.
ގަތަރުގެ ޝަރަފުވެރި ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގެ ކުރިން ކްރޮއޭޝިއާއާއި އާޖެންޓީނާ ވޯލްޑް ކަޕްގައި ކުރިމަތިލާފައި އޮތީ ދެ ފަހަރަކުއެވެ. އެއީ ކްރޮއޭޝިއާއިން މިނިވަންކަމުގައި އެގައުމުގެ އަމިއްލަ ނަމުގައި ފުރަތަމަ ކުޅުނު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި މިދިޔަ 2018 ވަނަ އަހަރު ތާރީހު ލިޔެލި ވޯލްޑް ކަޕްގައެވެ. އެ ދެފަހަރުވެސް ވާދަކުރީ ގްރޫޕް ސްޓޭޖުގައެވެ. މިއީ ނޮކްއައުޓްގެ ފުރަތަމަ ކުރިމަތިލުމެވެ. 1998 ވަނަ އަހަރުގެ މެޗުން އާޖެންޓީނާ 1-0 އިން މޮޅުވި ނަމަވެސް، އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި ކްރޮއޭޝިއާ އޮތީ 3-0 އިން އާޖެންޓީނާ ބަލިކޮށްފައެވެ.
ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކޮށް ކްރޮއޭޝިއާއިން މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުތް އިރު، އާޖެންޓީނާ ކުއާޓާގައި ބަލިކުރީ ނެދަލޭންޑްސްއެވެ. ދެޓީމުންވެސް ކުއާޓާގައި ކުޅުނު މެޗުން މޮޅުވީ ޕެނަލްޓީގައެވެ.
ފޯރިގަދަކޮށް ފެންނާނެ ކަމަށް އުންމީދުކުރެވުނު ސެމީ ފައިނަލް ފެށިގެން ފުރަތަމަ 15 ވަރަކަށް މިނެޓް ތެރޭގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ސަމާލުވެގެން ކުޅުނުތަނެވެ. ހަމަޖެހިލައިގެން ކުޅެން ދެޓީމުންވެސް މަސައްކަތް ކުރި އިރު، މެދުތެރޭގެ ކޮންޓްރޯލު ހޯދުމަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައި ފުރަތަމަ ކުރި ހޯދީ ކްރޮއޭޝިއާއިންނެވެ. ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާގެ ހުނަރުވެރި މިޑްފީލްޑަރުން، ކެޕްޓަން ލޫކާ މޮޑްރިޗާއި މާސެލޯ ބްރޮޒޮވިޗް އަދި މަޓިއޯ ކޮވިސިޗް ބޭނުންކޮށްގެން އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އެޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ކްރޮއޭޝިއާއިން މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް އާޖެންޓީނާއިން ދިޔައީ ފުރުސަތަކަށް އިންތިޒާރު ކުރަމުންނެވެ. އެ ފުރުސަތަށް ވިސްނައި، މެޗުގެ 25 ވަނަ މިނެޓުގައި އާޖެންޓީނާގެ ފުރަތަމަ ހަމަލާވެސް އުފެއްދިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ.
އެ ހަމަލާއަށްފަހު އާޖެންޓީނާއިން ކުރިއަށް ބޯޅަތައް ސަޕްލައި ކުރަން ކުރި މަސައްކަތުގައި އެޓީމަށް ކާމިޔާބުވެސް ލިބުނެވެ. ކުރިއަށް ވައްޓާލި ބޯޅައަކަށް މަސައްކަތް ކުރި އާޖެންޓީނާ ފޯވަޑް ހޫލިއަން އަލްވަރޭޒަށް ކްރޮއޭޝިއާ ކީޕަރު ލިވާކޮވިޗް ކުރި ފައުލާ ގުޅިގެން މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީ ލިބުނެވެ.
އެ ޕެނަލްޓީގައި ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލީ ކްރޮއޭޝިއާ ގޯލުގެ މަތީ ކަނަކަށެވެ. އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕްގައި ޖެހި 11 ވަނަ ގޯލާއެކު އާޖެންޓީނާގެ ފޯވަޑް ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑު މުގުރާލިއެވެ. މެސީ ވެފައި ވަނީ އާޖެންޓީނާގެ ޖާޒީގައި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ކްރޮއޭޝިއާއިން އަނެއްކާވެސް މަސައްކަތް ކުރީ ހަމަލާތަކަށް ކުރިއަށް ޖެހުމަށެވެ. އެހެން ނަމަވެސް އެކަމުން އަނެއްކާވެސް އަދަބު ލިބުނީ އާޖެންޓީނާގެ ފުރިހަމަ ކައުންޓާ އެޓޭކެއްގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އާޖެންޓީނާ ލީޑު އިތުރަށް ފުޅާކުރީ އަލްވަރޭޒްގެ ޖާދުވީ ގޯލަކާއެކު އެކުގައެވެ. އާޖެންޓީނާގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އުނދަގޫ ގޮތަކަށް ދެ ޑިފެންޑަރުން ނައްޓުވާލައި، އަލްވަރޭޒް ޖެހި ގޯލާއެކު އާޖެންޓީނާއިން ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައެވެ.
ދެވަނަ ހާފަށް ނުކުމެ އާޖެންޓީނާ ބެލީ ޑިފެންސިވް ވިސްނުމެއްގައި ކުޅުމަށެވެ. އެގޮތުން 61 ވަނަ މިނެޓުގައި މިޑްފީލްޑަރު ޕަރޭޑޭސްގެ ބަދަލުގައި ކުޅެން ނުކުތީ ލިސާންޑްރޯ މާޓިނޭޒެވެ. އާޖެންޓީނާގެ ކުރިއަށް ކުޅޭ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސް ކުރަމުން ދިޔަ ނަމަވެސް އެޓީމުން ދިޔައީ ކައުންޓާގެ ފުރުސަތަކަށް ބަލަމުންނެވެ. އެ ފުރުސަތުގައި ބަރޯސާވާން ވިސްނާފައި އޮތީވެސް މެސީގެ ޖާދުލަށެވެ.
އެ ވަގުތުކޮޅު މެޗުގެ 70 ވަނަ މިނެޓުގައި ފެނިގެން ދިޔައެވެ. ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މެސީ ދިން ބޯޅައަކުން އާޖެންޓީނާއަށް ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން އަލްވަރޭޒެވެ. އެ ގޯލުގައި އެންމެ ބޮޑަށް ފާހަގަވީ މެސީ އަރިމަތިން ކުރި މަސައްކަތެވެ.
އެ ގޯލާއެކު އާޖެންޓީނާއިން ހަމަޖެހިލައި، އެގައުމުގެ ތާރީހުގައި ހަވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރިއެވެ. މިއީ 2014 ވަނަ އަހަރަށްފަހު އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެފަހަރު ބަލިވީ ޖަރުމަނު އަތުންނެވެ.
އާޖެންޓީނާއިން މިފަހަރުގެ ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމު އެނގޭނީ މާދަމާ ރޭ ފްރާންސާއި މޮރޮކޯ ވާދަކުރާ ސެމީ ފައިނަލަަށްފަހުއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022