އެކި އެކި ނަންނަމުގައި ގުޅައިގެން، ލަކީޑުރޯ ދިމާވިކަމަށް ބުނެ އެކައުންޓުގައި ހުރި ފައިސާކޮޅު ނަގަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ފުލެޓް ލިބިގެން ކަމަށްބުނެ ބޮޑެތި އަދަދުތަކުން އެޑްވާންސް އަތުލާތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެއެވެ. ޑޮލަރު ގަންނަން ފޮނުވާ ލާރިކޮޅު ހިފައިގެން ފިލަމުންދާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ނުވިތާކަށް ހައްޖުދަތުރު ހަމަޖެހިގެންނާއި މިނޫންވެސް އެތައް ކަމެއްގައި ހުސްބުޅީގައި ދިވެހީން ބޭނުމަށްފަހު ލާރިކޮޅު އެކައުންޓުން ނަގާފައިވާ އެތައް ސަތޭކަ މައްސަލެއް ޕޮލިހުން އަންނަނީ ބަލަމުންނެވެ.

މިކަން ފެށިގެން އައިގޮތަށް ބަލާއިރު ޖަލުތަކުގައި ތިބި ކުށްވެރިން ގެންގުޅޭ ފޯނުތަކަށް ރީލޯޑް އެޅުމަށް ފެއްޓި މި ސުކޭމްތައް ފުޅާވަމުންގޮސް ބޭންކު އެކައުންޓްގައި ހުރި ފައިސާކޮޅު ހުސްކޮށްލާ ހިސާބަށް މިކަން ދިޔައީ ފަރުވާ ކުޑަވެގެން ކަމުގައި ބުނެވިދާނެއެވެ. ޖަލު ތަކުގެ ކޮންޓްރޯލް ދޫވެ، ރައްޔިތުން ހޭލުންތެރިކޮށްނުދެވި، ހުރިހާ މުއައްސަސާތަކެއްގެ ފަރުވާ ކުޑަކަންވެސް އޮތީ މި ސުކޭމް ތަކުގެ ނެޓްވޯކް ފުޅާވެގެން ދިއުމާ ގުޅިލާމެހިފައެވެ.

ދެވަނަ ކަމަކަށް ސުމާޓް ފޯނު ގެންގުޅޭ ދިވެހީން އެކި އެކި ފޮޓޯ ހުންނަ ޓެލެގުރާމް އަދި މިނޫންވެސް ގުރޫޕްތަކަށް ވަނުމަށް ހުންނަ ފޯރި މާބޮޑަށްވެސް ގަދައީއެވެ. ބަރަހަނާ ދިވެހި އަންހެނުންގެ ފޮޓޯ ހުންނަ ގުރޫޕްތަކަށް ހާހުން މަތީގެ އަދަދު ތަކުން މީހުން ވަންނަކަން އޮތީ ފެންނާނެވެ. މި ގުރޫޕްތަކުގެ ތެރޭގައި ދޭތެރެއަކުން މަޝްހޫރު މީހެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ލީކުވި ކަމަށްބުނެ ދޭ ލިންކު ތަކަށް ޖެހިލުމެން ނެތި ފިއްތާލައެވެ. އެ ލިންކްތަކުގައި އީމެއިލް އަދި ޕާސްވޯޑަށް ޖަހަންވާނީ އެންމެ ގިނައިން ބޭނުންކުރާ އީމެއިލް އާއި ޕާސްވޯޑް ކަމަށް ބުނެފައި ހުންނަ އިރުވެސް މިވާ ގޮތެއް ވިސްނައި ނުލައި އީމެއިލްއާއި ޕާސްވޯޑް ދޭ ފަހަރުވެސް މަދެއް ނޫނެވެ.

ވަގު ސިމްކާޑްތަކުން ގުޅާކަމާއި ބޭންކު އެކައުންޓް ތަކުން ފައިސާ ދައުރުވާ ގޮތާއި އެކި އެކި ނަންނަމުގައި ހޭލުންތެރި ނޫން އެތައް ބަޔަކު އުމުރު ދުވަހުން އެއްކުރި ފައިސާކޮޅު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވަގުން ނަގާކަންވެސް ނޭނގޭ ކަމަށް ހަދައިގެން ހުރިހާ މުއައްސަސާތަކުން ތިބުމަށް ކިޔެން އޮތީ ހަމަ ފަރުވާ ކުޑަ ކަމެވެ. ކޮންމެ ބިދޭސީއެއްގެ ނަމުގައި 5000 ސިމްކާޑް ދޫކުރެވިފައި ހުރުމަކީ މޯބައިލް ސިމް ވިއްކާ 2 ކުންފުނީގެ ފަރުވާ ކުޑަކަން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟ އެކަކު 5000 ސިމް ބޭނުން ނުކުރާނެކަން ނޭނގޭނީ ކާކަށް ހެއްޔެވެ؟

ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ ސުކޭމްތައް ހިންގާކަން ކިރިޔާ އެނގޭ ހިސާބުން ނުހުއްޓުވި ލަސްވެގެން ދަނީ އެކަން ކުރަން ނޭނގިގެންކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ޖަލުތަކުގައި ކުށްވެރިން ގެންގުޅޭ ވަގު ފޯނުތަކާއި އެ ފޯނުތަކަށް ރީލޯޑް އަޅަމުންދާނެ ކަމާއި އެކަން ފުޅާވެ ޖަލުބޭރާ ގުޅިގެން އާންމު ރައްޔިތުންގެ ބޭންކު އެކައުންޓްތަކާއި ހަމައަށް ފޯރާ ހިސާބަށް ދިޔައީ ފަރުވާ ކުޑަ ކުރުމުންނެވެ. އިހުމާލުވެގެންނެވެ. ވަގުން އަބަދުވެސް ވައްކަން ކުރާނެކަން އެންމެންވެސް ގަބޫލު ކުރެއެވެ. އެހެން ނަމަވެސް މިފަދަ ސުކޭމްތަކުން ދިވެހިންނަށް އަރައިނުގަނެވި އެތައް މިލިއަން ރުފިޔާ ގެއްލިގެން މިދަނީ ހަމަ އެކަނި ވަގުން ސުމާޓްވެގެން ކަމަށް ބުނަން އުނދަގޫވާ އެތައް ކަމެއް ހުރީ ހާމައަށް ފެންނާށެވެ.

ޖަލުތަކުގައި ވަކި އެންޓަނާ މިހާރު ޖަހާފައިވާ ކަމަށް އެބަ ބުނެއެވެ. ކުރީންވެސް އެކަން ކުރެވޭނެއެވެ. ޖަލުގައި މޯބައިލް ފޯން ޖޭމަރުވެސް ހަރުކުރެވޭނެ ކަން ކުރިންވެސް އެނގޭނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ކޯލްސެންޓަރުން މިހާރު އެ ދޭފަދަ އަވަސް ހިދުމަތް ކުރިންވެސް ދެވޭނެއެވެ. ސިމްކާޑްތައް އެކެއްގެ ނަމުގައި ހާހުން ވިއްކާފައި ހުރިކަން ޓެލެކޮމް ކުންފުނިތަކަށް ކުރިންވެސް އެނގޭނެއެވެ.

މި ސުކޭމްތައް ހުއްޓުވާނެ ކިތަންމެ ގޮތެއް ކަމާ ބެހޭ މުއައްސަސާތަކަށް ސާފުކޮށް އެނގޭނެ ކަމަށް ބުނަން ޖެހެނީ މިހާރު އެކަންކަމަށް ފިޔަވަޅު އަޅަމުންދާތީ އެވެ. ވަކީން ހާއްސަކޮށް ސިމްކާޑު އެކްޓިވޭޝަނަށް ގެނައި ބޮޑު ބަދަލާއި ޖަލުގައި އެ ހިންގާ ބޮޑު އޮޕަރޭޝަނާއި އަޅަމުން އެދާ ފިޔަވަޅުތައް ކުރީން ނޭޅީ މިކަންކަން ނޭނގޭތީއެއް ނޫނެވެ.

އެހެން ނަމަވެސް ހިތާމައާއި އެކު ބުނަން ޖެހެނީ ނިކަމެތި އެތައް ސަތޭކަ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން ހިނގައްޖެ ވާހަކަ އެވެ. ހައްޖަށްދާން އެއްކުރި ލާރިއެވެ. ބޭސްފަރުވާއަށް ދިއުމަށް ހޯދިލާރިއެވެ. އަދި މިނޫންވެސް އެތައް ކަމަކަށް އުމުރު ދުވަހު މަސައްކަތް ކޮށްގެން އެއްކުރި ލާރި ކޮޅު ގެއްލިގެން ހިނގައްޖެއެވެ. އެ ފައިސާކޮޅު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ސުކޭމް ކޯލެއްގެ ޝިކާރައަކަށް ވި ނިކަމެތި މީހާއަށް މިހާރު ބުނެވެން އޮތީ އެންމެ ވާހަކައެކެވެ. ކުރެވެން އޮތީ އެންމެ ސުވާލެކެވެ.

ތިމާ ފަދަ އެހެން މީހަކަށް މިފަދަ ބޮޑު ބޮނޑިއެއް ލިބުމުގެ ކުރިން މިކަން ހަމައަކަށް އަޅުވައިދޭށެވެ. މިކަން ހުއްޓުވަން މިހާރު ތިޔަ ކުރާ ހުރިހާ ކަމެއް ކުރީން ނުކުރީ ކީއްވެހެއްޔެވެ. ކޮންމެ ބިދޭސީއަކު 5000 ސިމްކާޑް ގަންނަކަން އެނގުނީ މިއަދު ހެއްޔެވެ؟ ޖަލު މީހުން ފޯނު ގެންގުޅޭކަން އެނގުނީ މިއަދު ހެއްޔެވެ؟ މީގެ ކުރީން ފިޔަފަޅު ނޭޅީ ކީއްވެ ހެއްޔެވެ؟ މި ކަމުގެ ފަހަތުގައި ބަޔަކަށް އޮތް ފައިދާގަނޑެއް ފިޔަވައި އެހެން ސަބަބެއް ނެތެއްނޫންހެއްޔެވެ؟