ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ އާޖެންޓީނާ އާއި ކްރޮއޭޝިއާ ކުރިމަތިލާނެއެވެ. ކްރޮއޭޝިއާ ގަދަ ބާރެއްގެ ގޮތުގައި ގުނަން ޖެހިއްޖެއެވެ. ވަރުގަދަ ގައުމުތައް ބަލިކޮށް، 2018 ގެ ފައިނަލަށް ދިޔަ ކްރޮއޭޝިއާ އެކަން ތަކުރާރުކުރުމަކީ އެގައުމުގެ ވަރުގަދަ ކަމަށް ދޭ ސިގްނަލެކެވެ. އަނެއްކޮޅުން ނުކުންނަނީ ދެފަހަރު ޗެމްޕިއަން އާޖެންޓީނާ އެވެ. ލިއޮނަލް މެސީއަށް ހާއްސަ ވަދާއީ ވޯލްޑް ކަޕްގެ ދަތުރު މިހާ ހިސާބުން ނިންމަން އާޖެންޓީނާ ބޭނުން ނުވާނެކަން ޔަގީނެވެ. ފޯރިގަދަ ސެމީ ފައިނަލަކަށް ތައްޔާރެވެ.
މީގެ ކުރިން ކްރޮއޭޝިއާއާއި އާޖެންޓީނާ ވޯލްޑް ކަޕްގައި ކުރިމަތިލީ ދެފަހަރަކުއެވެ. އެއީ ކްރޮއޭޝިއާއިން މިނިވަންކަމުގައި އެގައުމުގެ އަމިއްލަ ނަމުގައި ފުރަތަމަ ކުޅުނު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި މިދިޔަ 2018 ވަނަ އަހަރު ތާރީހު ލިޔެލި ވޯލްޑް ކަޕްގައެވެ. އެ ދެފަހަރުވެސް ވާދަކުރީ ގްރޫޕް ސްޓޭޖުގައެވެ. މިއީ ނޮކްއައުޓްގެ ފުރަތަމަ ކުރިމަތިލުމެވެ.
ތާރީހަށް ބަލައިލަމާ ހިނގާށެވެ. 1998 ވަނަ އަހަރު ކްރޮއޭޝިއާއިން ވޯލްޑް ކަޕަށް ނުކުތް ސްކޮޑަކީ ޔޫގޯސްލާވިއާގެ ގޮތުގައި ކްރޮއޭޝިއާ އޮތް އޮތުމަށްފަހު، އެ ނަމުން މިންޖުވެ، އަމިއްލަ ގައުމުގެ ފުޓުބޯޅައިގެ ފެންވަރު ދައްކާލަން ނުކުތް ސްކޮޑެވެ. އެފަހަރު ވޯލްޑް ކަޕްގެ ތިންވަނަ ކްރޮއޭޝިއާއިން ހޯދީ ޑޭވޯ ސުކާއާއި ވޮނިމީރް ބޯބާން ފަދަ ކުޅުންތެރިންނާ އެކުގައެވެ. ގައުމީ ޓީމަށް ފަހުން ކޯޗުކަން ކޮށްދިން ސްލާވެން ބިލިޗާއި މާރިއޯ ސްޓަނިޗް ފަދަ ކުޅުންތެރިން އޭރުގެ ޓީމަށް ކުޅުނު އިރު، އިންޑިއާ ގައުމީ ޓީމާ ހަވާލުވެ ހުރި އީގޯ ސްޓިމަކަކީވެސް އޭރު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުނު ކުޅުންތެރިއެކެވެ.
އާޖެންޓީނާގެ އެޓޭކްލައިން ގެބްރިލިއަލް ބަޓިސްޓޫޓާ ލީޑް ކުރި މެޗުގައި ސެބެސްޓިއަން ވެރީން އާއި އޭރިއެލް އޮރްޓޭގާވެސް ކުޅުނެވެ.
އެ މެޗު 1-0 އިން އާޖެންޓީނާ ކާމިޔާބުކުރި ނަމަވެސް، މި ޖީލުގެ ކުރިމަތިން 2018 ވަނަ އަހަރު ދިޔައީ މުޅިން އަނެއް ކޮޅަށެވެ. އާޖެންޓީނާގެ ޓީމު މެސީ ލީޑު ކުރަމުން ދިޔަ އިރު، އެ މެޗުގައި ވިދާލީ ކްރޮއޭޝިއާގެ މިހާރުގެ ކެޕްޓަން ލޫކާ މޮޑްރިޗާއި، ރިޓަޔާ ކޮށްފައިވާ މާރިއޯ މަންޒޫކިޗާއި އީވާން ރަަކެޓިޗް ފަދަ ކުޅުންތެރިންނެވެ. ކްރޮއޭޝިއާއިން މެޗު ކާމިޔާބުކުރީ އާޖެންޓީނާ ލަދުގަންނަވާލައި، 3-0 ގެ ނަތީޖާއަކުންނެވެ.
އާޖެންޓީނާއާއި ކްރޮއޭޝިއާ މީގެ ކުރިން ވާދަކުރި ފަސް މެޗުގެ ތެރެއިން އަނެއް ތިން މެޗަކީ އެކުވެރިކަމުގެ ތިން މެޗެކެވެ. އެ ތިން މެޗުގެ ތެރެއިން އާޖެންޓީނާއިން އެއް މެޗު، އަދި ކްރޮއޭޝިއާއިން އެއް މެޗުގައި މޮޅުވެފައިވެއެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެހެންކަމުން ވާދަވެރި، ހަމަހަމަ ކުރިމަތިލުންތަކުގެ ފަރަގު ދައްކަން މިރޭ ދެޓީމު ނުކުންނަނީ މުހިއްމު ސެމީ ފައިނަލް މެޗަކަށެވެ.
މެސީއާއި މޮޑްރިޗްގެ ފަހު ވޯލްޑް ކަޕްގެ ދިފާއުގައި ދެޓީމުންވެސް ބުރަ މަސައްކަތްތަކެއް ކުރާނެކަން ޔަގީނެވެ. "ނޮކްއައުޓް ކިންގް"ގެ ގޮތުގައި ކްރޮއޭޝިއާ މަޝްހޫރުވީ ހިތްވަރާއެކު ފަހު ސިކުންތައް މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައެވެ. އާޖެންޓީނާ ނުކުންނާނީ މެސީގެ ވޯލްޑް ކަޕް ހޯދައިދޭން އެޓީމުން ހޯދާ ރޫހުގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022