ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022 : ފަލަސްތީނު 1 - އިޒްރޭލް 0

އިމާދު ލަތީފު

ގަތަރުގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެދަނީ ކުރިއަށެވެ. މުބާރާތް ކާމިޔާބުކުރާނެ ބަޔަކު އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެކަމަކު އެއް ޓީމު މާކުރިން ޗެމްޕިއަންކަން ހޯދައިފިއެވެ. ބައިކޮޅަށް އެންމެ ގޯލެއްވެސް ވަނުމަކާނުލައި އެތައް މެޗެއް ކާމިޔާބުކޮށްފިއެވެ. މި ވޯލްޑްކަޕުގައި އެންމެބޮޑު ކާމިޔާބީއެއް ލިބުނީ ފަލަސްތީނަށެވެ. ފަލަސްތީނުގެ ގައުމީ ޓީމަށެވެ. ފަލަސްތީނުގެ ރަައްޔިތުންނަށެވެ. ދުނިޔޭގެ ކަންކޮޅުތަކުން ވޯލްޑްކަޕް ބެލުމަށްޓަކައި ގަތަރަށް ގޮސްތިބި މީސްތަކުންގެ ހިތާއި ސިކުނޑީގައި ފަލަސްތީނުން ވަނީ ކިތަންމެ ލަނޑެއް ޖަހައި ކިތަންމެ ޕޮއިންޓެއް ހޯދައިފައެވެ. ހުރިހާ ސްޓޭޑިއަމްތަކުންވެސް ފެންނަނީ ފަލަސްތީނުގެ ދިދަތަކެވެ. ފޭނުންގެ އަތުކުރިންނާއި ކަރުން ފެންނަނީ ފަލަސްތީނުގެ ކުލަތަކެވެ. ބައެއް މީހުން ހީކުރެއެވެ. ފަލަސްތީނަކީވެސް މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ޓީމެކެވެ.

ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގެ ނޫސްވެރިން ސިފަކުރާގޮތުގައި ފަލަސްތީނަކީ މިފަހަރުގެ ވޯލްޑްކަޕުގެ 33 ވަނަ ޓީމެވެ. އެހާވެސް ބޮޑަށް މި ވޯލްޑްކަޕުން ފަލަސްތީނުގެ އަސަރު އެބަފެނެއެވެ. އެކަމަކު ފަލަސްތީނަކީ މި ވޯލްޑްކަޕުގައި ކުޅޭ 32 ޓީމުގެ ތެރެއިން ޓީމެއް ނޫނެވެ. ކޮލިފައިނުވާ ޓީމެއްގެ އަސަރު މިހާބޮޑަށް ފާޅުވުމުގެ ސިއްރެއް އޮންނާނެއެވެ. އެ ސިއްރަކީ ކޮބައިބާވައެވެ. އެ ސިއްރަކީ މިއީ އަރަބި ދުނިޔޭގައި ކުޅެވޭ ވޯލްޑްކަޕަކަށްވުމެވެ. އެހެންވީމާ ފަލަސްތީނު މީހުންނަށްވެސް، އަދި ފަލަސްތީނަށް ތާއީދުކުރާ އަރަބީންނަށްވެސް ފަސޭހައިން ދެވޭނެ ތަނެއްގައި ވޯލްޑްކަޕް ބޭއްވުނީމާ ފަލަސްތީނަށް ތާއީދުކުރުމުގެ އަޑު ގަދަވީއެވެ. ފަލަސްތީނުގެ ދިދަތައް ގިނަވީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގަތަރަށް އައި މީހުންނަށްވެސް ފަލަސްތީނު ދަސްވީއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލު މޭރުންވީއެވެ.

ގަތަރު ވޯލްޑްކަޕަކީ އަރަބި ގައުމަކަށް ކުޅިވަރުގެ އީދެއްގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އެންމެ ގިނަބަޔަކު އެއްވުމަށް މެދުވެރިވި ވޯލްޑްކަޕެވެ. މި އީދުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދެކެވޭނޭކަން މާކުރިން އިޒްރޭލާއި އިޒްރޭލުގެ މިތުރުންނަށް އޮތީ މޭރުންވެފައެވެ. އެހެންވެގެން މިއަށްވުރެ ގަދަ އަޑެއް ނެރުމަށްޓަކައި ހުޅަނގުން ކުރިކަމަކީ އެހެން ވާހަކަ ވާހަކަ ފަތުރާން ފެށުމެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުން ތަފާތު ނުކުރުމުގެ މުހިއްމުކަމުގެ ވާހަކަޔާއި ގަތަރުގައި ސްޓޭޑިއަމްތައް ހަދަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ ވާހަކަޔާއި ގަތަރުގައި ރާބުއިން ހުއްދަނޫން ވާހަކަޔާއި ދެންވެސް މިޒާތުގެ ވާހަކަތަކެވެ. މިކަހަލަ އަޑުއަޑު ގަދަކޮށްގެން ފަލަސްތީނުގެ އަޑު ހިންދައިލެވޭނޭ ކަމަށް އެމީހުން ހީކުރިއެވެ. އެކަމަކު އެހެނެއް ނުވިއެވެ.

ކުޅިބަލަން ތިބި މީހުންގެ ތެރޭގައި ފަލަސްތީނުގެ ބޮޑު ދިދައެއް އެންމެ ފުރަތަމަ ފަތުރައިލެވުނީ ނޮވެމްބަރު 26 ވަނަ ދުވަހު އޮސްޓްރޭލިޔާ އާއި ޓިއުނީޝިއާގެ މެޗުގެ ތެރެއިންނެވެ. އެއަށްފަހު ދެން މޮރޮކޯ އާއި ބެލްޖިއަމްގެ މެޗުގެ ތެރެއިންނެވެ. ފްރާންސާއި ޓިއުނީޝިއާގެ މެޗު ހިނގަމުންދަނިކޮށް ފަލަސްތީނުގެ ދިދަ ހިފައިގެން، ފަލަސްތީނު މިނިވަންކުރާށޭ ގޮވަމުން މީހަކު ދަނޑުމައްޗަށްވެސް އެރިއެވެ. ކެނެޑާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރީވެސް ފަލަސްތީނުގެ ދިދަޔާއެކުގައެވެ. ސްޕެއިން އަތުން މޮޅުވެގެން ކުއާޓަރ ފަަައިނަލުން ޖާގަ ހޯދުމަށްފަހުވެސް މޮރޮކޯގެ ކުޅުންތެރިން މިކަން ތަކުރާރުކުރިއެވެ. މޮރޮކޯގެ ފޭނުން ގޮވައެވެ. އަހަރެމެންގެ ހިތްވަނީ ފަލަސްތީނާއެކުގައެވެ. ފަލަސްތީނަށްޓަކައި ކަރުނައަޅާތާ އެތަކެއް އަހަރު ވެއްޖެއެވެ.

ހަމަ ކޮންމެ މެޗެއްގެ 48 ވަނަ މިނިޓުގައި ފަލަސްތީނުގެ ދިދަ ނިއުޅުން އޮވެއެވެ. އެއީ 1948 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ވަޒަނުން ނެރެ ފައްސައިލުމުގެ ހިތި ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ. މިބީދައިން ފަލަސްތީނަށް ތާއީދާއި ހަމްދަރުދީ ބަންޑުން ކުރަމުންދަނީ ހަމައެކަނި އަރަބީންނެއް ނޫނެވެ. ކެމެރޫނާއި ބްރެޒިލް ކުޅުނު މެޗު ބަލަން ސްޓޭޑިއަމަށް ވަދެތިބި ބްރެޒިލްގެ ފޭނުންވެސް އެއްއަޑަކުން ގޮވަމުންދިޔައެވެ. ފަލަސްތީނު މިނިވަންކުރާށެވެ. ހުރިހައި ޓީމެއްގެ ފޭނުންނަށްވެސް ފަލަސްތީނުގެ ދިދަ ބަހަނީ ދޯހާގެ މަގުމަތިން ފަލަސްތީނު މީހުންނެވެ. އެންމެ ކުރިން ދިދަ އަތުނުލާން އުޅުނެވެ. މިހާރު ދިދަ ހޯދަނީ އަމިއްލައަށް އެދިގެންނެވެ. ސްޓޭޑިއަމްތަކަށް ވަދެ ދިދަ ހޫރުވަނީ ހިތުން ރުހުމުންނެވެ. މިކުރެވެނީ ކޮންކަމެއްކަން އެނގި ތިބެގެންނެވެ.

މި ވޯލްޑްކަޕަކީ ހުރިހައި ގޮތަކުންވެސް އިޒްރޭލް ފޭލްވެގެންދިޔަ ވޯލްޑްކަޕެކެވެ. އަރަބި ދުނިޔެއިން އިޒްރޭލް ބަލައިގެންފިކަން ދެއްކުމަށް އިޒްރޭލުގެ ބޮޑު ފައުޖެއް ގަތަރަށް ދިޔައެވެ. ފޭނުންނާ މަސްހުނިވެގެން އުޅެވޭތޯ ބެލިއެވެ. އެކަމަކު އެއްވެސް ބަޔަކު ބަލައެއް ނުގަތެވެ. ކުޑަމިނުން ޖަޕާނުގެ ސަޕޯޓަރުންވެސް ބަލައެއް ނުގަތެވެ. މިއީ އިޒްރޭލުގެ ނޫސްވެރިޔެކޭ ބުނެ ސައޫދީ ސަޕޯޓަރަކާ ސުވާލުކުރީމާ އޭނާ ޖަވާބުދިނެވެ. އިޒްރޭލެއް ނޯންނާނެއެވެ. އޮންނާނީ ފަލަސްތީނެކެވެ. އިންގްލެންޑުގެ ސަޕޯޓަރުންގެ ބަޔަކާ އިޒްރޭލުގެ ޓީވީން ސުވާލުކުރިއެވެ. އަސްލުވެސް "އިޓްސް ކަމިން ހޯމް" ހެއްޔެވެ. އެމީހުން ބުންޏެވެ. އެއަށްވުރެ މުހިންމީ ފަލަސްތީނު މިނިވަންކުރުމެވެ. އިޒްރޭލުގެ ނޫސްވެރިން ލަދުން މިހާރު ތިބެނީ އެހެން ގައުމުތަކުގެ މީހުން ކަމުގައި ހެދިގެންނެވެ. މިއީ އިޒްރޭލު މީހެކޭ ބުނާންވެސް ލަދުގަނެއެވެ.