ގަތަރު ވޯލްޑް ކަޕް 2022

ކްރޮއޭޝިއާގެ ކޯޗު: ޕްރެޝަރު އޮތީ އާޖެންޓީނާއަށް، އަހަރެމެން ނުކުންނާނީ ފަސްޖެހުމެއް، ފަސްބެލުމެއް ނެތި!

މުޙައްމަދު ޝަމްޢޫން

އާޖެންޓީނާ، ކެޕްޓަން ލިއޮނަލް މެސީއާއެކު ނުރައްކާވާނެ ނަމަވެސް، އެކަމާ ކުރިމަތިލާން ހިތްވަރާއި ބުންވަރު އެބަހުރި ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.

މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ، މިފަހަރުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގަދަ ކުއާޓާގައި ވަރުގަދަ ބްރެޒިލް ބަލިކޮށްފައެވެ. އެ މެޗުން ކްރޮއޭޝިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ކުއާޓާގެ އެ ނަތީޖާއަށްފަހު މިރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗު ވެގެންދާނީ ކްރޮއޭޝިއާގެ ފުޓުބޯޅަ ތާރީހަށް މުހިއްމު މެޗަކަށެވެ. ކޯޗު ޑަލިޗްގެ ނަޒަރުގައި މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި އިންގްލެންޑް ބަލިކުރި މެޗަކީ ކްރޮއޭޝިއާގެ ފުޓުބޯޅަ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީ ހޯދުނު މެޗެވެ. މިރޭ އޮތީ އެ ތާރީހުގެ އިތުރު ސަފުހާއެއް ލިޔެލުމެވެ.

"މިދިޔަ އަހަރު އިންގްލެންޑް ބަލިކުރި ސެމީ ފައިނަލް މެޗަކީ ކްރޮއޭޝިއާގެ ތާރީހުގައި މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު މެޗު. ދެން އެއަށްފަހު އައީ މިފަހަރު ބްރެޒިލް ބަލިކުރި މެޗު. ދެން އޮތީ އާޖެންޓީނާ، އެ މެޗުން މޮޅުވެއްޖެ ނަމަ، އެ މޮޅުވެގެންދާނީ ކްރޮއޭޝިއާ ތާރީހުގައި އެންމެ ބޮޑު މޮޅަށް،" ޑަލިޗް ބުންޏެވެ.

ރަޝިއާ 2018 ގެ ސެމީ ފައިނަލުން ކްރޮއޭޝިއާ މޮޅުވީ ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށްފައެވެ. އެ މެޗުގައިވެސް އިތުރު ވަގުތަށް ގޮސް ނަތީޖާ ނެރެފައިވާ އިރު، ކްރޮއޭޝިއާއިން އެކިއެކި މުބާރާތްތަކުގައި އެންމެފަހުން ކުޅުނު ނޮކްއައުޓް ނުވަ މެޗުގެ ތެރެއިން އަށް މެޗެއް ވަނީ އިތުރު ވަގުތަށް ގޮސްފައެވެ. މިފަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށްވެސް ކްރޮއޭޝިއާ ދިޔައީ ގަދަ 16އާއި ކުއާޓާ ފައިނަލްގައިވެސް ޕެނަލްޓީން މެޗު ކާމިޔާބު ކޮށްގެންނެވެ.

"މިދިޔަ ވޯލްޑް ކަޕްގެ ކާމިޔާބީ އަލުން ތަކުރާރުކުރުން ވެގެންދާނީ ތާރީހުގައިވެސް ނުގެނެވޭ ފަދަ އުފާވެރިކަމަކަށް. ދެ ވޯލްޑް ކަޕެއްގައި ދުނިޔޭގެ އެންމެ މޮޅު ހަތަރު ޓީމު ތެރޭގައި ހިމެނުންވެސް އެއީ ގަބޫލުކުރަން އުނދަގޫ ބޮޑު ކާމިޔާބީއެއް. އަދިވެސް އިތުރަށް ކުރިއަށް ދާން ބޭނުންވަނީ. މެސީ ލީޑުކުރާ އާޖެންޓީނާ އޮތީ ވަރަށް ހިތްވަރާއެކު. އެއީ ނުރައްކަލެއް. އެހެން ނަމަވެސް ޕްރެޝަރުވެސް އޮތީ އެޓީމަށް. މިދިޔަ ދެ މެޗުގައި އިތުރުވަގުތު ކުޅެ، މިހާ ހިސާބަށް އަންނަން ޖެހުމުން ވަރުބަލިވެސް ވާނެ، އެހެން ނަމަވެސް އަހަރެމެން ގައިގައި ހިތްވަރާއި ހަކަތަ އެބަހުރި. އަހަރެންގެ ކުޅުންތެރިން ދައްކާ ސާބިތުކަމަށް އިތުބާރުކުރަން. އެހެން ހުރިހާ މެޗަކަށްވެސް ނުކުތް ރޫހުގަ ނުކުންނާނީ،" ޑަލިޗް ބުންޏެވެ.

އުމުރުން 56 އަހަރުގެ ޑަލިޗް ބުނީ ރިކަވާވެ، ޓީމު އޮތީ މައްސަލައެއް ނެތި ފުރިހަމަކޮށް ކަމަށާއި، އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ފަސްޖެހުމެއް، ފަސް ބެލުމެއް ނެތި ކަމަށެވެ. އާޖެންޓީނާއާއި ކްރޮއޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.