އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ފިނޭންސް މިނިސްޓްރީން 13،296،487 (13.2 މިލިއަން) ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއާއި ގްލޯބަލް ވިންގްސްއާ ދެމެދު ވަނީ ހދ. ނޮޅިވަރަމުގައި ފެނާއި ނަރުދަމާ ގާއިމުކޮށް އަދި ހދ. ނޭކުރެންދޫގައި ނަރުދަމާ ގާއިމުކުރާ ގޮތަށް ނ. އަތޮޅު އޮއިވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގެ ދަށުން ގްލޯބަލް ވިންގްސްގެ ފަރާތުން އަދާކުރަންޖެހޭ ކަންކަން، ބަޔާންކޮށްފައިވާ ތާރީހުތަކަށް ނިންމައި ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ހުށަހަޅަމުން ދިޔަކަމާއި، އެއްބަސްވުމުގެ ދަށުން ނޮޅިވަރަމާއި ނޭކުރެންދޫގައި ކުރަން ޖެހޭ ސާވޭތައްކޮށް ޑީޓެއިލް ޑިޒައިނާއި ބީއޯކިއު އަދި އެ ދެ ރަށުގައި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް، 2012 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ގްލޯބަލް ވިންގްސްއަށް އެއްބާރުލުން ދީފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިނުވާތީ އާއި ގްލޯބަލް ވިންގްސް ކުންފުނިން ކުރަންޖެހޭ މަސައްކަތް ކުރުމަށް ދައުލަތުން އެއްބާރުލުން ނުދޭތީ އެ ކުންފުންޏަށް ގެއްލުން ލިބެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން އެ އެކުންފުނިން ވަނީ އެއްބަސްވުމަށް އަމަލުކޮށް ދިނުމަށް އެދި ދައުލަތުގެ މައްޗަށް އަމުރެއް ކޮށްދިނުމަށާއި، ދައުލަތުން އެއްބަސްވުމަށް އަމަލުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ގްލޯބަލް ވިންގްސްއިން އެދިފައިވާ ގޮތަށް މައްސަލަ ނިންމައިދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ގްލޯބަލް ވިންގްސްގެ ފަރާތުން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ ކުންފުނިން ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ސިވިލް ކޯޓުން އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށް އެކުންފުނިން އެދުނެވެ.
ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ ސީއެސްއާރުގެ ދަށުން އޭރު ރަށްތަކަށް ދޫކުރަމުން އައި ގޮތް ފަހުން ބަދަލުކޮށްފައިވާ ކަމަށާއި އެހެންކަމުން އަމިއްލަ ފަރާތްތަކާ އެކު ކުރިއަށްގެންދާ ސީއެސްއާރު މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާކަން ގްލޯބަލް ވިންގްސްއަށް އަންގާފައިވާނެ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ ސީއެސްއާރު މަޝްރޫއުތަކަށް އަމަލުނުކުރަން ނިންމުމުން އާ ހުށަހެޅުމެއް ދައުލަތުގެ ފަރާތުން ގްލޯބަލް ވިންގްސްއަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ކަންކަން ބަދަލުކުރުމަށްފަހު ގްލޯބަލް ވިންގްސްއިން އެ ހުށަހެޅުންތަކަށް އެއްބަސްވި ކަމަށެވެ. އަދި ފަހުން ދައުލަތުން އަމަލުކުރަމުން ގެންދިޔައީ އެ ހުށަހެޅުންތަކަށް ކަމަށެވެ. އެހެންކަމުން ގްލޯބަލް ވިންގްސްއަށް ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެކަން ދައުލަތުން ފާހަގަކުރިއެވެ.
ދެ ފަރާތުގެ ވާހަކަ އެޑުއެހުމަށްފަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ދައުލަތުގެ ފަރާތުން އަލަށް ހުށަހެޅި ކަންކަން ގްލޯބަލް ވިންގްސްގެ ފަރާތުން ގަބޫލުކުރުމުން ކުރީގެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށާއި އެހެންކަމުން ސިވިލް ކޯޓުން އެއްބަސްވުން ބާތިލުކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ގްލޯބަލް ވިންގްސްއިން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 13،296،487 ޑޮލަރު ވެސް ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު