ގަތަރު ފީފާ ވޯލްޑް 2022 ގެ ސެމީ ފައިނަލުގެ މެޗުތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގަތަރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. ރައީސްގެ ދެކަނބަލުންގެ އެ ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުންގެ އެ ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވޯލްޑް ކަޕްގެ ސެމީގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި މާދަމާ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ އިރު، އަންނަ ބުދަ ދުވަހުގެ މެންދަމު 12:00 ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯއެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު