ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގައި ބޭނުންކުރާނެ ހާއްސަ ބޯޅަ، "އަލް-ހިލްމް" އެޑިޑާސްއިން ދައްކާލައިފިއެވެ.
މިހާތަނަށް ގަތަރު ވޯލްޑް ކަޕްގެ މެޗުތަކުގައި ބޭނުން ކޮށްފައިވަނީ "އަލް-ރިހްލާ" އެވެ. އެ ބޯޅައިގެ ނަމުގެ މާނައަކީ ދަތުރެވެ. ސެމީ ފައިނަލާއި ފައިނަލުގެ ޝަރަފުވެރި މެޗުތައް ކުޅޭ ހިލްމް ބޯޅައިގެ މާނައަކީ "ހުވަފެން" އެވެ. ހުވަފެން މާނަ ކޮށްފައި ވަނީ ހުވަފެނީ އުންމީދުތަކާ ގުޅުވައިގެންނެވެ.
ރިހްލާއެކޭ އެއްފަދައިން ހިލްމް ބޯޅައިގައިވެސް ޒަމާނީ އެންމެ ފަހުގެ އިންގިލާބީ ޓެކްނޮލޮޖީ ހިމަނާފައިވެއެވެ. އެގޮތުން އެ ބޯޅަވެސް ޑިޒައިން ކޮށްފައި ވަނީ "ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ" ހިމެނޭނެ ގޮތަށެވެ. އެ ޓެކްނޮލޮޖީގެ އެހީގައި ވޯލްޑް ކަޕްގައި ރެފްރީން ނިންމާ ނިންމުންތައް ބޮޑުތަނުން އަވަސް ވެގެންދާތަން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމަށާއި ގޯލް ލައިން ޓެކްނޮލޮޖީއަށްވެސް ބޯޅައިގެ ޓެކްނޮލޮޖީ އެހީވެދޭ އިރު، ކުޅުންތެރިން ޖަހާ ބޯޅަތަކުގެ އެނބުރުން ދެނެގަނެ، ބޯޅައިގެ ސްޕީޑްވެސް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ބޯޅައިގައި ހިމެނެއެވެ.
ރިހްލާއެކޭ އެއްގޮތަށް ހިލްމްވެސް ފަރުމާކޮށްފައި ވަނީ "ވޯޓާ ބޭސްޑް" ކުލަ އަދި ތެރަސް ބޭނުންކޮށްގެންނެވެ. އެއީ ބޯޅަ އުފެއްދުމަށް ހޭދަވާ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. މިފަހަރުވެސް ބޯޅައިގެ ފަރުމާ އަރަބީންނާއި ގަތަރާ ގުޅުވާލާފައިވާ އިރު، އެޑިޑާސްއިން ބުނީ ބޯޅައިގެ ރަމްޒަކީ ދުނިޔޭގެ ފުޓުބޯޅައާއި ފުޓުބޯޅައިގެ ގެނުވައިދޭ އެއްބައެއް ވަންތަކަން ކަމަށެވެ.
އެގޮތުން ބޯޅައިގައި ހިމެނޭ ގަދަ ރަތް ކުލައެެއްގެ ފަރުމާގެ ތެރެއިން ރަން ކުލައިގެ ޓެކްސްޗާއެއް ބޯޅައިގެ ފަރުމާގައި ހިމަނާފައި ވަނީ ގަތަރުގެ ހަނަފަސް ސަރަހައްދުތަކުގެ ރަމްޒާއި ގަތަރުގެ އެކި ސަރަހައްދުތަކުގެ ދިރިއުޅުމުގެ އިހުސާސް ގެނުވާނެ ކަހަލަ ގޮތަކަށެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި މޮރޮކޯއިން އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނުކުންނަ އިރު، އާޖެންޓީނާއިން ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022