ގަތަރު ވޯލްޑް ކަޕް 2022

މޮރޮކޯގެ ވާހަކަ: މަންމައާއި ދަރިފުޅުގެ އަތާއި އަތް ގުޅާލުން، ދަނޑުމަތީން ފެންނާނެ އެންމެ ލޯބި މަންޒަރު

މުޙައްމަދު ޝަމްޢޫން

"މަންމައާއި ބައްޕަގެ އުފާވެރިކަމާނުލައި އަހަރެންގެ ކާމިޔާބު ނާންނާނެ،"

އެއީ މޮރޮކޯގެ ކޯޗު، ވަލީދު ރަކްރާކީ އެގައުމުގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަވެސް ބުނި ބަހެވެ. މިއަހަރުގެ އޮގަސްޓް މަހު މޮރޮކޯއާ ހަވާލުވެ، އެގައުމު ގޮވައިގެން ރަކްރާކީ ވޯލްޑް ކަޕަށް ނުކުމެ، ދައްކަން ބޭނުންވި މަންޒަރަކީވެސް އެއީއެވެ. މޮރޮކޯގެ ހިތްވަރާއި، ކުޅުންތެރިން ގައުމަޓަކަށް ވާ ގުރުބާނީގެ ތެރެއިން އެގައުމަށް މުޅި ދުނިޔެ، ރާއްޖެވެސް ހިމެނޭ ގޮތުން ދެމުން އަންނަ ލޯބީގެ ފަހަތުގައި އެ އާއިލާތައް ކުޅޭ ރޯލު ވަރަށް ބޮޑުވެސް މެއެވެ. ކޮންމެ މެޗަކަށްފަހު ކުޅުންތެރިން، މަންމާއާއި ދަރިންނާއެކު އުފާފާޅުކުރާ މަންޒަރުން ހިތްތަކަށް ފިނިކަން ގެނެސްދެއެވެ. ޖަހާ ޝުކުރުގެ ސަޖިއަށް އެތައް ބަޔަކު އިހުތިރާމު ކުރެއެވެ. ފަލަސްތީނަށް ދޭ ލޯބި ދުނިޔެ ބަލައިގަނެއެވެ.

ހައިރާންކަމަކަށްފަހު ހައިރާން ކަމެއް ދަނޑުމައްޗަށް ގެނުވައި، މޮރޮކޯއިން އެފްރިކާގެ ޝަރަފުގައި ވޯލްޑް ކަޕެއްގެ ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ. ޕޯޗުގަލް ކަޓުވާލައިފައެވެ. ކްރިސްޓީނޯ ރޮނާލްޑޯ ހިތްދަތި ކޮށްލައިފައެވެ. އެ އުފާފާޅުކުރުމުގައިވެސް ދައްކުވައިދިނީ ލޯބީގެ މުހިއްމު މަންޒަރުތަކެވެ. ސުފިޔާން ބޫފާލް މަންމައާއެކު އުފާފާޅުކުރި މަންޒަރެވެ. ގޯލްކީޕަރު ޔާސީން ބޯނޯގެ ކުޑަކުޑަ ދަރިފުޅު އޭނާގެ އަންގިއާއެކު ދަނޑުމައްޗަށް ނުކުމެ، ދައްކުވާލި ރީތި މަންޒަރެވެ. ވޯލްޑް ކަޕްގެ އެންމެ ހިތްގައިމު ފޮޓޯތަކާއެކު މުޅި ދުނިޔެއަށް މޮރޮކޯ މެސެޖެއް ދީފިއެވެ. އެ މެސެޖު ދުނިޔެއިން ބަލައިގެންފިވެސް މެއެވެ. މޮރޮކޯގެ މޮޅާއެކު އުފާފާޅުނުކުރާ ހިސާބެއް އޮތްހެން ހިޔެއް ނުވެއެވެ.

ޔޫރަޕްގެ ގައުމުތަކުން ފެށިގެން ގޮސް، ފަލަސްތީނުގެ ގައްޒާގައިވެސް މޮރޮކޯގެ ދިދަ އަންނަނީ މެދުކެނޑުމެއް ނެތި ވިހުރުވަމުންނެވެ. ދިވެހި ރާއްޖެއިންވެސް މޮރޮކޯއަށް ދެނީ ލޯތްބާއި އިހުތިރާމެވެ. މުސްލިން ގައުމެއްގެ ފުރަތަމަ ބޮޑު ކާމިޔާބީއަށްޓަކައި އެތައް ބަޔަކު ފަހުރުވެރިވެއްޖެއެވެ. އެއީ މިއަދު ވަރަށް ގިނަ ދިވެހީންގެ ފެވަރިޓް ޓީމެވެ.

ކޯޗު ރަކްރާކީގެ އިރުޝާދަށް، ރޯޔަލް މޮރޮކަން ފުޓުބޯލް ފެޑެރޭޝަންގެ ރައީސް، ފައުޒީ ލެކްޖާކުރި އެންމެ މުހިއްމު ކަމަކީ ކުޅުންތެރިން ބޭނުން އާއިލާ މެންބަރަކު، މޮރޮކޯގެ ހަރަދުގައި ގަތަރަށް، ހުރިހާ ހަރަދެއް ބަލަހައްޓާ ގޮތަށް ގެންދިޔަ ގެންދިޔުމެވެ. އެހެން ގައުމުތަކުން އާއިލާތައް ގެންދާ ނަމަވެސް، ސީދާ ކޭމްޕްގައި ބޭސްކުރަނީ މަދު ގައުމެކޭ ބުނެވިދާނެއެވެ. އެހެން ގައުމުތަކުން އާންމުކޮށް އާއިލާއާ ބައްދަލުކުރަން ދަނީ އޮފް ދުވަސްތަކެކެވެ. އާއިލާތައް އެކުވެ، އެއްކޮށް އުޅޭ މަންޒަރުވެސް ފެންނަނީ މަދުންނެވެ. މޮރޮކޯއިން ފެނުނީ އެ ތަފާތެވެ.

ދެން އޮތީ މޮރޮކޯގެ "މިރަކަލް" ދަތުރު ނިމޭނެ ހިސާބަކަށް ކުރެވޭ އިންތިޒާރެވެ. އެ ދަތުރު ނިމެން ބޭނުންވާ މީހަކުވެސް މަދެވެ. ސެމީ ފައިނަލްގައި ފްރާންސާ ދެކޮޅަށް މޮރޮކޯ ނުކުންނަ އިރު، ފްރާންސްގެ ރައީސް ރައީސް އެމަނުއެލް މެކްރޯންވެސް މޮރޮކޯއަށް އިހުތިރާމު ބަންޑުންކޮށްލެއްވިއެވެ. އަދި ކިއެއް ހެއްޔެވެ. ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ކޯޗު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝެމްޕްސްގެ ނަޒަރުގައިވެސް މޮރޮކޯއަކީ ނަސީބަކުން ސެމީ ފައިނަލަށް ދިޔަ ޓީމެއް ނޫނެވެ.

"ދެން އޮތް މެޗަށް އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ. މޮރޮކޯއަކީ ތައުރީފުވެސް ހައްގު ޓީމެއް. މޮރޮކޯއަށް އެ ހިސާބަށް ނުދެވޭނެ ކަމަށްވެސް ބަޔަކު އަންދާޒާ ކޮށްފައި އޮވެދާނެ. އެކަމަކު މޮރޮކޯ އެ ހިސާބަށް ދިޔައީ ހައްގުވާތީ. މޮރޮކޯ މުޅި މުބާރާތުގައި ކޮޅަށް ވައްދާފައިވަނީ އެންމެ ގޯލެއް، އެހެންވީމާ އެ ޓީމުގެ ވަރުގަދަކަން އެނގޭ،" ޑިޝޭމްޕްސް އިންގްލެންޑް ބަލިކޮށް ބުންޏެވެ.

މޮރޮކޯގެ ޑިފެންސިވް ރެކޯޑާއި، މޮރޮކޯގެ ވަރުގަދަ ޓެކްޓިކްސްގައި އެގައުމުން ވަރުގަދަ ބާރުތައް ބަލިކުރީ ފެންވަރެއް ހުރެގެންނެވެ. ޔަގީނެވެ، މޮރޮކޯގެ ޓްރާންސިޝަނަލް ކުޅުމުގެ ކުޅަދާނަކަމަށް އެނަލިސްޓުންގެ ތައުރީފު ބަންޑުން ކޮށްލާފައިވާ އިރު، އެޓީމުގެ ކިބައިގައި ވަނީ ހަމައެކަނި ގައުމީ ރޫހެއްވެސް ނޫނެވެ. ރަކްރާކީގެ ސާބިތުކަމުން، އެފްރިކާ ކޯޗުންނަށް އޭނާ ހޯދައިދޭން ބޭނުންވާ އުންމީދަކީވެސް، ޓެކްނިކަލީވެސް އެފްރިކާގެ ވިސްނުން ތޫނުކަން ދައްކުވައިދިނުމެވެ. އެކަންވެސް އޭނާ އެބަކުރުވައެވެ. އެއީ ޓީމެއް ޓީމެއްގެ ގޮތުގައި ފުރިހަމަކޮށް، ގައުމީ ރޫހުގެ ވިސްނުން އެއަށް އިތުރު ކޮށްގެންނެވެ.

ރޭ ނުކުތީ އަހަރެމެންގެ ގައުމަށްޓަކައި. ހާއްސަކޮށް އެފްރިކާގެ ކޯޗުންނަށްޓަކައި. އެފްރިކާގެ ކޯޗުންނަށް ދުނިޔޭ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ޓެކްޓިކްސް ހެންޑަލް ކުރެވިދާނެ ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރޭ. އެކަން ކުރެވޭނެކަން ދައްކަން ބޭނުންވޭ. އެފްރިކާގެ ކޯޗުންގެ ކެރިއަރުގައި އެތައް އުނދަގުލަކާ އަބަދުވެސް ދިމާވޭ،" ރަކްރާކީ ސެމީއަށް ދިޔުމަށްފަހު ބުންޏެވެ.

އެއްބަސްވާން ޖެހޭ ކަމެއް އެބައޮތެވެ. ހައިރާންކަން ގެނުވައި މޮރޮކޯ ތަށި ނަގައިފާނެ ކަމަށް ގަބޫލުކުރެވޭނެ ތަފާތު އެގައުމުން ދައްކައިފިއެވެ. މޮރޮކޯގެ ދަތުރަކީ ނަސީބެއް ނޫނެވެ. ބުރަ މަސައްކަތް ދަނޑުމަތީގައި ކުރުމަކީ މިހާރު ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓެކްޓިކްސް އެވެ. ހުނަރުގެ ފެންވަރު ދާދި ހަމަހަމަ ޒަމާނެއްގައި ހުނަރުން އެކަނި ކުރެވޭނެ ކަމެއް ނޯންނާނެކަން މޮރޮކޯއިން ދެއްކިއެވެ. އެ ދަތުރުގައި މޮރޮކޯގެ ރޫހަކީ އުފާވެރި އެތައް މަންޒަރެކެވެ. މުޅި ދުނިޔޭގެ ލޯބި އެގައުމުން ހޯދީ ސަޕޯޓަރުންގެ ބާރު އަޑު ގަތަރުގައި ގުގުމާލައިގެންނެވެ. މޮރޮކޯގެ ކާމިޔާބީއަކީ ލޯތްބާއި، އިހުތިރާމު، ބުރަ މަސައްކަތާ އެއްކޮށް، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އެކުވެ ހޯދަމުން އަންނަ ކާމިޔާބެކެވެ. ފައިނަލަށް ފްރާންސަށް އޮތް މަގު އުނދަގޫކަން މޮރޮކޯގެ ކިބައިން ފެނެއެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.