ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ރޭ ފެނިގެން ދިޔައީ ފުޓުބޯޅައިގެ ހާއްސަ މަންޒަރެކެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އެފްރިކާގެ ޓީމަކުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި މަންޒަރެވެ. މޮރޮކޯއިން ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕޯޗުގަލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މުޅި އަރަބި ދުނިޔެ އުފާފާޅުކުރަމުންދަނީ މޮރޮކޯގެ ސެމީ ފައިނަލަށެވެ. މޮރޮކޯގެ ކާމިޔާބީގައި އެތައް ކަމެއް ދައްކުވައިދީފިއެވެ. ހައިރާން ކުރުވަނިވި ޖަޒުބާތީ، ވަތަނީ ދަތުރެކެވެ. ހިތްވަރާއި އާއިލީ ލޯތްބެވެ. ގައުމީ، ވަތަނީ ލޯތްބެވެ. ގްރޫޕް ސްޓޭޖުން ފެށިގެން ކުއާޓާއާ ހަމައަށްވެސް މޮރޮކޯއަށް ދެވުނީ ލޯތްބެވެ.
ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކޮށް، ކްރޮއޭޝިއާއާ އެއްވަރުކޮށް މޮރޮކޯއިން ގްރޫޕްގެ އެއްވަނަވެސް ހޯދިއެވެ. ގަދަ 16 ގައި އެޓީމުން ވަނީ ޕެނަލްޓީގައި ވަރުގަދަ ސްޕެއިން ކަޓުވާލައި ފުޓުބޯޅައިގެ ތާރިހު ލިޔެލައިފައެވެ. ރޭގެ ކުއާޓާ ފައިނަލަކީ މޮރޮކޯގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ކުއާޓަ ފައިނަލްވެސް މެއެވެ. އެ ކުއާޓާ ފައިނަލް ހާއްސަކޮށް ކޯޗު ވަލީދް ރަކްރާކީ އާއި ޓީމުން އެފްރިކާއަށް ޝަރަފުވެރިކަން ހޯދައިދިނެވެ.
"އަހަރެމެން ކުޅުނީ ވަރަށް ވަރުގަދަ ޕޯޗުގަލް ޓީމަކާ ދެކޮޅަށް. އަހަރެމެން ކަށިން ހިތްވަރު ނެރެގެން ކުޅެން ޖެހުނީ. އަނިޔާގެ މައްސަލަތައްވެސް ފެނުނީ އެހެންވެ. މެޗު ކުރިންވެސް ބުނިން ތާރީހު ލިޔެލަން ޖެހޭނޭ. އެކަން ކުރެވިއްޖެ. އެފްރިކާ އަނބުރާ ފުޓުބޯޅައިގެ ޗާޓަށް ގެނެސްދެވިއްޖެ. އެ ވިސްނުމުގައި ނުކުތީވެސް. އެފްރިކާގެ ތާރީހަށްޓަކައި،" ރޭގެ މެޗަށްފަހު ފްރާންސަށް އުފަން، މޮރޮކޯގެ ރަކްރާކީ ބުންޏެވެ.
ރަކްރާކީ ރޭގެ މޮޅާއެކު ދައްކުވައިދޭން ބޭނުންވި މަންޒަރަކީ އެފްރިކާ ކޯޗުންނަށްވެސް ހާއްސަވި މަންޒަރެކެވެ. އެފްރިކާ ކޯޗުންނަށް ދުނިޔޭގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ދޭން ބޭނުންވި ހާއްސަ މެސެޖެއްވެސް އޮތެވެ.
"އަހަރެމެންގެ ގައުމަށްޓަކައި ރޭ ނުކުތީ. ހާއްސަކޮށް އެފްރިކާގެ ކޯޗުންނަށްޓަކައި. އެއްވެސް ބަޔަކު ގަބޫލެއް ނުކުރޭ އެފްރިކާގެ ކޯޗުންނަށް ދުނިޔޭ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ޓެކްޓިކްސް ހެންޑަލް ކުރެވިދާނެ ކަމަކަށް. އެކަން ކުރެވޭނެކަން ދައްކަން ބޭނުންވޭ. އެފްރިކާގެ ކޯޗުންގެ ކެރިއަރުގައި އެތައް އުނދަގުލަކާ އަބަދުވެސް ދިމާވޭ،" ރަކްރާކީ ބުންޏެވެ.
މޮރޮކޯގެ ވަތަނީ ކޯޗު، ރަކްރާކީ މެޗަށްފަހު ދެން ބުނި އަނެއް ވާހަކައަކީ ހުނަރާއި ފެންވަރު އެންމެ އުހުގައި ނެތް ނަމަވެސް، ހިތާއި ރޫހުންކަމެއް ވާނެ ކަމަށް ގަބޫލުކޮށް ކުރާ ބުރަ މަސައްކަތް މޮރޮކޯ ޓީމުން ފެންނާނެ ކަމަށެވެ. ރަކްރާކީ، މޮރޮކޯ ޓީމުގެ މަސައްކަތް ސިފަކުރީ "އަގައިންސްޓް ދަ އޮޑްސް"ގެ ވާހަކައަކަށް ހާއްސަ ހޮލީވުޑް ފިލްމް ސީރީސްއެއް ކަމަށްވާ "ރޮކީ" ގެ ގޮތުގައެވެ. ސިލްވެސްޓާ ސްޓެލޯންގެ ރޮކީ ބަލްބޯއާގެ ބުރަ މަސައްކަތަށް މީހުން ދިން ލޯބި މޮރޮކޯއަށްވެސް ލިބޭ ކަމަށް ރަކްރާކީ ބުންޏެވެ.
"ރޮކޯ ބާލައިރު، ރޮކީއަށް ސަޕޯޓް ދެވެނީ އޭނާގެ ބުރަ މަސައްކަތަށް، އޭނާގެ ޑެޑިކޭޝަނަށް. އެ ލޯބި މޮރޮކޯއަށް މި ވޯލްޑް ކަޕްގައި އެތައް ބަޔަކު ދޭ. އަހަރެމެންނަކީ މި ވޯލްޑް ކަޕްގެ ރޮކީ ބަލްބޯއާ. އަހަރެމެން މި ދައްކުވަައިދެނީ މާ ބޮޑު ހުނަރެއް ނެތް ނަމަވެސް، ހިތާއި ރޫހުން، އެކަމަކަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެކަން،" ރަކްރާކީ ބުންޏެވެ.
މޮރޮކޯއިން ސެމީ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ކުރިމަތިލާން ޖެހޭ އިރު، ރަކްރާކީ ބުނީ ވޯލްޑް ކަޕް ނެގުމުގެ ހުވަފެން ނުގެންގުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އަހަރެމެންނަށް ވޯލްޑް ކަޕް ނެގުމަށް އުންމީދު ކުރެވިދާނެ. އެކަމަށް އޮތީ ކޮން ހުރަހެއް. ހުވަފެނެއް ދެކޭކަށް އެއީ ހަރަދު ހިނގާ ކަމެއް ނޫން. ޔޫރަޕްގެ ގައުމުތަކުގެ އާދައެއް ގޮތުގައި ވޯލްޑް ކަޕް ހޯދުން އޮތް ނަމަވެސް އެކަމަށް އެހެން ގައުމުތަކަށްވެސް އުންމީދުކުރެވޭނެ،" މިއަހަރު އޯގަސްޓް މަހު މޮރޮކޯއާ ހަވާލުވި ރަކްރާކީ ބުންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022