ހދ. ނޮޅިވަރަމުގައި މަރާލައިފައި އޮއްވައި ފެނުނު އެރަށު ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ މިއަދު 12:30 ގައެވެ އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑުވެ، ހޭނެތިފައި އޮތް އަންހެނަކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. އޭރުވެސް ނިޝާމާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިޝާމާ މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ.

ފުލުހުން މިރޭ ބުނީ، ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުށީ ސިޓީއަށް މިހާރު ގެންގޮސްފައިވާ ކަމަށާއި ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރާލައިފައި އޮއްވައި ފެނުނު ނިޝާމާގެ ތިން ދަރިންވެސް ތިބެއެވެ.

ނިޝާމާގެ މަރުގެ ތުހުމަތުވަނީ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސީ ވިލާ، އަބޫބަކުރު ފައިސަލް 32އ، އަށެވެ. އޭނާ އަމިއްލައަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް މިއަދު ހަވީރުގެ ވަގުތެއްގައި ހާޒިރުވުމުން މިރޭގެ ވަގުތެއްގައި ކޯޓު އަމުރަކާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ނޮޅިވަރަމުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިންވެސް ނިޝާމާ ނޭވާ ހާސްކޮށް، މަރައިލުމަށް އޭނާގެ ފިރިމީހާ މަސައްކަތް ކޮށްފައިވާ ކަމަށް، ނިޝާމާ އެރަށުގެ ބައެއް އަވަށްޓެރިން ކައިރީގައި ބުނެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރުތައްވެސް ވަރަށް ގިނައިން އޭނާއަށް ދީފައިވާ ކަމަށް ނިޝާމާ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.