ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތުކުރެވޭ، އޭނާގެ ފިރިމީހާ ފައިސަލް އަލީ އަމިއްލަ އަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލް އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެނގިފައިވެއެވެ.
ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިޝާމާ މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އޭނާ މަރާލި ކަމަށް އެރަށު މީހުންނާއި އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާއަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ މިއަދު 12:30 ގައެވެ އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑުވެ، ހޭނެތިފައި އޮތް އަންހެނަކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނެފައިވާ ގޮތުގައި 28 އަހަރުގެ އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނޮޅިވަރަމް ކައުންސިލް ރައީސް ޔޫސުފް މޫސާ "ވަން" އަށް މިއަދު ވިދާޅުވީ އެރަށު އަންހެނަކު ކުއްލި ގޮތަކަށް މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އަންހެން މީހާގެ ކުޑަ ތިން ދަރިންވެސް ތިބޭ ކަމަށާއި އަންހެން މީހާ މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ފިރިމީހާ ހުރީ ކުޅުދުއްފުށި ސިޓީގައި ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޝާނާގެ ހަށިގަނޑު މިވަގުތު އޮތީ ނޮޅިވަރަމް ސިއްހީ މަރުކަޒުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު