ހދ. ނޮޅިވަރަމުގައި އަންހެނަކު މަރާލާފައި އޮއްވައި ފެނިއްޖެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އަންހެން މީހާ މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. މަރާލާފައި އޮއްވައި ފެނިފައިވަނީ އެރަށު ނިޝާމާ މުހައްމަދެވެ.

އޭނާ މަރާލި ކަމަށް އެރަށު މީހުންނާއި އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާއަށެވެ.

ފުލުހުން މިއަދު ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑުވެ، ހޭނެތިފައި އޮތް މީހަކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އެމީހާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ 28 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނޮޅިވަރަމް ކައުންސިލް ރައީސް ޔޫސުފް މޫސާ "ވަން" އަށް މިއަދު ވިދާޅުވީ އެރަށު އަންހެނަކު ކުއްލި ގޮތަކަށް މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އަންހެން މީހާއަކީ ނޮޅިވަރަމް މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ އެރަށު މީހެއް ކަމަށާއި އެ އަންހެން މީހާގެ ކުޑަ ތިން ދަރިންވެސް ތިބޭ ކަމަށެވެ. އަދި އަންހެން މީހާ މަރުވި އިރު އޭނާގެ ފިރިމީހާ ހުރީ ކުޅުދުއްފުށި ސިޓީގައި ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަމް ކައުންސިލް ނައިބު ރައީސް މުހައްމަދު ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި މީހަކު މަރުވެގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގަސްތުގައި މަރާލާފާއިވާ ކަމަށް ބުނަން ދަތި ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އެ މީހާގެ ހަށިގަނޑު މިވަގުތު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.