ގަތަރުގެ ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗުގައި އާޖެންޓީނާ އަތުން ނެދަލޭންޑްސް ބަލިވީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްވެސް އިތުރު ގޯލެއް ނުފެނުނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ނެދަލޭންޑްސް އާއި އާޖެންޓީނާ 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ނަތީޖާ ކަނޑައަޅަން ޖެހުނީވެސް ޕެނަލްޓީގައެވެ. އެ މެޗުގައި އާޖެންޓީނާއިން ވަނީ ނެދަލޭންޑްސް ބަލިކޮށް ފައިނަލަށް ގޮސްފައެވެ. މިފަހަރުވެސް އެ ތާރީހު ވަނީ ތަކުރާރުވެފައެވެ.

މެޗުގެ މާ ކުރިންވެސް ވެން ހާލް ނިންމާފައި ވަނީ މިފަހަރު ނެދަލޭންޑްސްއާއެކު ވޯލްޑް ކަޕަށް ނުކުންނަ ނުކުތުމަކީ އެގައުމުގެ ގައުމީ ޓީމާއެކު އޭނާ ނުކުންނާނެ ފަހު މުބާރާތް ކަމަށެވެ. ތިންވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވެ ހުރި ވެން ހާލް ރޭގެ ބައްޔަށްފަހު ބުނީ، ނެދަލޭންޑްސްއަށް އޭނާ ކޯޗުކަން ކޮށްދިނީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތަފާސްހިސާބު ވަރަށް ރަނގަޅުވާނެ ކަމަށެވެ.

"މިފަހަރު އަހަރެން ނެދަލޭންޑްސްއަށް ކޯޗުކަން ކޮށްދިނީ 20 މެޗަކަށް. އޭގެ ތެރެއިން އެއްވެސް މެޗެއްގައި ބަލިވެފައެއް ނޯންނާނެ. އަހަންނަކަށް ސީދާ ބުނާކަށް ނޭނގެ ކިތައް މެޗަކުން ކަމެއް އަހަރެމެން މޮޅުވީ. އެ އަދަދު ގޫގަލްކޮށްލާ. އަދި ޓީމު ކޮޅަށް ވަން ގޯލާއި ޖެހި ގޯލް އަޅާ ކިޔާލައި،" ވެން ހާލް ބުންޏެވެ.

ނެދަލޭންޑްސްގެ ކޯޗުކަމުގައި މިފަހަރު ވެން ހާލް ހަވާލުވެ ހުރެ، އޭނާ އިރުޝާދުދިން 20 މެޗުން އެޓީމު ވަނީ 14 މެޗުން މޮޅުވެފައެވެ. އެ މެޗުތަކުގެ ތެރެއިން ބަލިވީ ރޭގެ މެޗުގައި އެކަންޏެވެ. އެއީވެސް ޕެނަލްޓީގައެވެ. ނެދަލޭންޑްސްއިން ވަނީ 20 މެޗުގައި ޖެހި ގޯލުތަކުގެ ތެރެއިން ފައިދާ 34 ގޯލް ހަމަކޮށްފައެވެ.

"އަހަރެން މި ޓީމާ ދޭތެރޭ ދެކޭނީ ވަރަށް ޕޮސިޓިވް ވިސްނުމަކުން. އަހަރެން ގަބޫލެއް ނުކުރަން މިއީވެސް ބަލިވީ ކަމަކަށް. މިއީ ޕެނަލްޓީގެ ބައްޔެއް. އަހަރެން މި ދޫކޮށްލަނީ ވަރަށް ކުޅަދާނަ ގްރޫޕެއް. ޕާސަނަލީވެސް އަދި ފުޓުބޯޅައިގެ ހުނަރަށް ބެލިޔަސް މިއީ ވަރަށް ބަދަހި ހުނަރުވެރި ޓީމެއް. ބަލިނުވެ އޮތީވެސް ސަބަބަކާހެދި. އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް މި ޓީމުން ފެންވަރު ދެއްކި،" އުމުރުން 71 އަހަރުގެ ވެން ހާލް ބުންޏެވެ.

ވެން ހާލް ނެދަލޭންޑްސް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ ކެންސަރަށްވެސް ފަރުވާ ހޯދަމުންނެވެ. ކުޅުންތެރިންނަށް އެކަން ސިއްރުކޮށްގެން އުޅުމަށްފަހު، ކޮލިފިކޭޝަން ޔަގީންކޮށްދީ އޭނާ އާންމުންނަށް އެކަން ހާމަކުރީ މިއަހަރު އޭޕްރީލް މަހުގައެވެ. ވެން ހާލް މިހާރު ކެންސަރުން ރަނގަޅުވެފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ދެން އަނެއްކާވެސް ކޯޗުކަމުން ރިޓަޔާކުރާނެއެވެ.