ގަތަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ކްރޮއޭޝިއާ އަތުން ބަލިވި ބަލިވުމާއެކު ބްރެޒިލްގެ ކޯޗު ޓީޓޭ މަގާމު ދޫކޮށްލައިފިއެވެ.

ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައިގެން ދިޔައީ މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީގައި ބަލިވެގެންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ މުބާރާތުގައި ބްރެޒިލް ކެޓީ ބެލްޖިއަމް އަތުން ބަލިވެގެންނެވެ. އޭރު ޓީމާ ހަވާލުވެ ހުރީވެސް މިހާރުގެ ކޯޗު ޓީޓޭއެވެ.

ބްރެޒިލަށް އުފަން، ބްރެޒިލް ފުޓުބޯޅައިގެ ކާމިޔާބު ކޯޗު ޓީޓޭ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ހަވާލުވީ ބުރަ މަސައްކަތަކާއެވެ. ތަރިންގެ ބްރެޒިލާއެކު ޓީޓޭ ނުކުތީ ކްލަބު ފުޓުބޯޅައިގެ ތަޖުރިބާގެ އަލީގައެވެ. ބްރެޒިލްގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދިން ޓީޓޭ ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްގެ ދެ ކްލަބަކަށްވެސް ކޯޗުކަން ކޮށްދީފައެވެ. ބްރެޒިލްގެ ކޮރިންތިއަންސްއާއެކު ލީގާއި ކްލަބު ވޯލްޑް ކަޕްވެސް ހޯދި ޓީޓޭއަށް ބްރެޒިލްގައި ކުރަން ޖެހިފައި އޮތީ ހުނަރުން ނަތީޖާ ނެރުމުގެ މަސައްކަތެވެ. 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ގައުމީ ޓީމަށް ހޯދައިދީ، 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާގައި ކުޅެ، އޭނާ ވަނީ ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ.

އެ ޓީމާއެކު މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ނުކުތީވެސް ފެވަރިޓުންގެ ގޮތުގައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވެ، ބްރެޒިލަށް ވަނީ ވޯލްޑް ކަޕް ތަށްޓަކަށް ކުރަމުންދާ އިންތިޒާރު ދިގުލައިގެން ގޮސްފައެވެ. ބްރެޒިލުން އެންމެފަހުން ވޯލްޑް ކަޕެއް ނެގީ 2002 ވަނަ އަހަރުއެވެ. އެ ފަހަރު ފައިނަލުގައި ވަނީ ޖަރުމަނު ބަލިކޮށްފައެވެ.