ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ، އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އިން ހޯދައިފިއެވެ.
ގަތަރުގެ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ގޯލެއް ނުޖެހި އޮތުމުން، އިތުރު ވަގުތުގެ ކުޅުމަށް ގޮސް އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މެޗު ޕެނަލްޓީއަށް ގޮސް، ކްރޮއޭޝިއާއިން މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއިން މެޗަށް ނުކުތީ "ޖެހުލުންވުމެއް ނެތި" ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ވަނީ ޕްރި މެޗް ޕްރެސްގައިވެސް ބުނެފައެވެ. އަނެއްކޮޅުން ޓީޓޭ ނުކުތީ ބްރެޒިލަށް 2018 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުރިމަތިވި ބަލި ހަނދާން ނައްތާލައި، ސެމީ ފައިނަލަށް ދިޔުމަށެވެ.
ހީކުރި ގޮތަށް މެޗުގެ ފުރަތަމަ ހާފު ފެނުނީ ކްރޮއޭޝިއާއިން ބްރެޒިލް ހިފަހައްޓަން މަސައްކަތް ކުރި ތަނެވެ. އެއީ ކްރޮއޭޝިއާއިން މިހާތަނަށް މި ވޯލްޑް ކަޕްގައި ބޭނުންކުރި އެންމެ ރަނގަޅު ހަތިޔާރުވެސް މެއެވެ. އެޓީމު ކޮޅަށް އެންމެ ގޯލެއް ވަދެފައިވާ އޮތް އިރު، މިރޭގެ މެޗަށް ނުކުތީ މެޗަކުން ބަލިވެސް ނުވެއެވެ. އެކަމަށް ސަމާލުވެ، ބްރެޒިލްގެ ހަލުވި އެޓޭކަށް ހެދެން އޮތް ހުރިހާ އެއްޗެއް ހަދައިގެން ނޫނީ މިރޭގެ މެޗު ހުޅުވާލަން އުނދަގޫވާނެކަން މާކުރިންވެސް އެނގެއެވެ.
ބްރެޒިލުން ބޯޅަ ހިފަހައްޓައި، ކްރޮއޭޝިއާ ހާފު ތެރޭގައި ގެންގުޅެމުން ދިޔަ ނަމަވެސް ކްރޮއޭޝިއާ އަވަސް އަރުވާލައިގެން އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އުމުރުން 20 އަހަރުގެ ޖޮސްކޯ ގްވާޑިއޯލް ލީޑު ކުރަމުންދިޔަ ކްރޮއޭޝިއާގެ ޑިފެންސް ދިޔައީ ބްރެޒިލަށް ހަނި ޖާގައެއް ނުދޭންވެސް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި އެ މަސައްކަތް ކާމިޔާބުކުރިއެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ރީތި ކުޅުމަކަށްފަހު ރިޗާލިސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާގެ އިތުރުން، ދެން ބްރެޒިލްގެ ހަމަލާއެއް ފެނުނީ ހާފު ނިމެން ދަނިކޮށެވެ. އެ ހަމަލާއަކީ ނޭމާ ފޮނުވާލި ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެކެވެ. އަރިމަތިން ނޭމާ ޖެހި ހިލޭ ޖެހުން ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގެ ފެށުމަކަށްވެސް މެޗުގެ އޮއިވަރަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ބްރެޒިލުން ބޯޅަ ހިފަހައްޓަމުން ދިޔަ އިރު، ކްރޮއޭޝިއާ ދިޔައީ މަޑުމަޑުން ޑިފެންސް ކުރަމުންނެވެ. އެ ޑިފެންސް ކުރުމުގެ ތެރެއިން ކައުންޓާ އެޓޭކަކަށް މެދުތެރެއިން ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިން މަސައްކަތް ކުރަމުން ދިޔައެވެ. އަނެއްކޮޅުން ބްރެޒިލުންވެސް ދެވަނަ ހާފުގައި ހަމަލާތައް އިތުރު ކުރިއެވެ.
މެޗުގެ 48 ވަނަ މިނެޓުގައި އެޑާ މިލިޓާއޯ ނަގައިދިން ހުރަސް، ކްރޮއޭޝިއާ ޑިފެންޑަރު ގުވާޑިއޯލް ފައިގައި ޖެހި ގޯލަށް ވަންނަން ދަނިކޮށް، ކީޕަރު ލިވަކޮވިޗް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ބްރެޒިލް ހުއްޓުވަން ލިވަކޮވިޗްގެ ތަފާތު ވަރަށް ބޮޑަށް ފާހަގަވިއެވެ. އެގޮތުން އޭގެ މިނެޓެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާވެސް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.
ހަމަލާއަކަށްފަހު ހަމަލާއަކަށް މަސައްކަތް ކުރި ބްރެޒިލުން ގޯލެއްގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ދިޔައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ރިޗާލިސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނޭމާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކުރި އިރު، ހުސްކޮށް ހުރެ ލޫކަސް ޕަކެޓާ ފޮނުވާލި ހަމަލާވެސް ލިވަކޮވިޗް މަތަކުރިއެވެ.
އޭގެ ދިހަ ވަރަކަށް މިނެޓް ފަހުންވެސް ލިވަކޮވިޗް އަނެއްކާވެސް ކްރޮއޭޝިއާ ސަލާމަތް ކޮށްދިނެވެ. މިފަހަރުވެސް ނޭމާ އަރިމަތިން ވަދެ ފޮނުވާލި ހަމަލާ ލިވަކޮވިޗް ދުއްވާލީ ފައިން ޖައްސައިފައެވެ. އިތުރު ވަގުތަށް ދިއުމުގެ ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްވެސް ޕެނަލްޓީ އޭރިއާ ތެރެއިން އެޑާ މިލިޓާއޯ ފޮނުވާލި ބާރު ހަމަލާ ކްރޮއޭޝިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.
ހަމަލާތައް ގިނަކޮށް ދެވަނަ ހާފު ފެނުނު ނަމަވެސް ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލަން ޖެހުނީ ގޯލެއް ނުފެނިއެވެ. މެޗު ދިޔައީ އިތުރު ވަގުތުގެ ކުޅުމަށެވެ.
އިތުރު ވަގުވެސް ވެގެން ދިޔައީ ޝައުގުވެރިކުރުވަނިވި ފުޓުބޯޅައެއް ފެނުނު ވަގުތުތަކަކަށެވެ. ބްރެޒިލްގެ އަރިމަތިން އެންޓޮނީ ދައްކަމުން ދިޔަ ޗަރުހޭހާއެކުވެސް ކްރޮއޭޝިއާ ގުޑާނުލައި ތިބި އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާއިން ނުރައްކާވެސް ކުރިއެވެ. މެޗުގެ 103 ވަނަ މިނެޓުގައި ބްރެޒިލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެޓްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކްރޮއޭޝިއާގެ ބްރޮޒޮވިޗް ފޮނުވާލި ހަމަލާ، ދިޔައީ މަތިން ބޭރަށެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބްރެޒިލުން އެޑިއުކޭޝަނަލް ސިޓީ ކައްކުވާލިއެވެ. ނޭމާގެ ހާއްސަ ވަގުތުކޮޅެކެވެ. ރީތި ކުޅުމާއެކު ލޫކަސް ޕަކެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު ލިވާކޮވިޗް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް ނޭމާ ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ބްރެޒިލަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ލެޖެންޑް ޕެލޭގެ ރެކޯޑާ ނޭމާ ވަނީ އަރައި ހަމަކޮށްފައެވެ. އެއީ ގައުމީ ޖާޒީގައި 77 ގޯލު ޖަހައިގެންނެވެ. ކްރޮއޭޝިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލީ ޖާދުވީ ނޭމާގެ ގޯލަކުންނެވެ.
ނެމާގެ އެ ގޯލަށްފަހު މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފަށް ބްރެޒިލް ނުކުތީ ޑިފެންސަށް ވިސްނައިގެންނެވެ. ފަހަތަށް ޖެހި ހަމަޖެހިލިއެވެ. އެހެން ނަމަވެސް ކްރޮއޭޝިއާގެ ހިތްވަރު އެޓީމުން ތަކުރާރުކޮށް ސާބިތުކޮށްދެމުން ދާ ދިއުމަށް އިންތިޒާރެއްވެސް ކުރެވުނެވެ. އެ އިންތިޒާރަށް ކްރޮއޭޝިއާއިން ޖަވާބުވެސް ދިނެވެ. މެޗުގެ އިތުރު ވަގުތު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ކައުންޓާ އެޓޭކެއްގައި މިސްލާވް އޯސިޗް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޫނޯ ޕެޓްކޮވިޗެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ބްރެޒިލް ޑިފެންޑަރު މާކީނިއޯސް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
ޕެނަލްޓީގައި ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް ޖެހި ފުރަތަމަ ޕެނަލްޓީ އޭނާ ފަސޭހަކަމާއެކު ކާމިޔާބު ކުރި އިރު، ބްރެޒިލްގެ ރޮޑްރީގޯ ޖެހި ޕެނަލްޓީ ލިވަކޮވިޗް މަތަކުރިއެވެ. އަނެއްކޮޅުން ލޮވްރެން މަޔާ ޖެހި ޕެނަލްޓީ ކްރޮއޭޝިއާއިން ވައްދާލައި ބްރެޒިލަށް ޕްރެޝަރު ކޮށްލިއެވެ. އެ ޕްރެޝަރުގައި ކަސެމީރޯ ގޮސް ޖެހި ޕެނަލްޓީ އޭނާ ވައްދާލިއެވެ. މޮޑްރިޗް ކްރޮއޭޝިއާގެ ތިންވަނަ ޕެނަލްޓީވެސް ވައްދާލި އިރު، ޕެޑްރޯގެ ޕެނަލްޓީ ބްރެޒިލުންވެސް ވައްދާލިއެވެ.
ކްރޮއޭޝިއާއިން ކާމިޔާބުކަމާއެކު ޖަހަމުން ދިޔަ ޕެނަލްޓީތަކުގައި އޯސީޗް ޖެހި ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ބްރެޒިލްގެ މަޖުބޫރު ޕެނަލްޓީއަށް މާކީނިއޯސް ގޮސް ޖެހި ޕެނަލްޓީ އޭނާ ނާކާމިޔާބު ކޮށްލުމުން ކްރޮއޭޝިއާއަށް ސެމީ ޔަގީންވިއެވެ.
ކްރޮއޭޝިއާ ސެމީ ފައިނަލުގައި ކުޅެން ޖެހޭ ޓީމު އެނގޭނީ މެންދަމު 12:00 ގައި އާޖެންޓީނާއާއި ނެދަލޭންޑްސް ވާދަކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022