ދިވެހިރާއްޖޭގެ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 24

އަބްދުﷲ ފާރޫގް ހަސަން

(2 ޑިސެމްބަރުގެ އަދަދާ ގުޅޭ)

سلطـــان محـمّــد خــــان أوّل އޭނާގެ ފަހަށްދޫކުރައްވައިފައިވާ ހެޔޮޢަމަލެއްކަމުގައިވާ ބުރުސާގެ ފެހިމިސްކިތް ބަލައިލަން އަޅުގަނޑުމެން ދިޔައީ عـثمــان غــازى އާއި اُرْخـــان غــازى ގެ މަޤްބަރާ ބެލުމަށްފަހުގައެވެ. މިދެމެދުގައި ދިގުތާރީޚެއް ލިޔެވުނުކަމުގައިވިޔަސް ދަތުރުގެ އެކުވެރީންނަކަށް ބަދަލެއް ނާދެއެވެ. އާދެ، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން آمــنــــة މަނިކެއާއި ދަރިފުޅު نُسَـيـــبــة فــاروق އާއި އަންހެނުންގެ ކޮއްކޮ محـمّــد نـبــيـــل އެވެ. ބުރުސާގެ ފެހިމިސްކިތާއި سلطـــان محـمّــد ޗަލްޕީ (شــلـبـــــى) ގެ މަޤްބަރާ ހުރީ ބުރުސާގެ އެންމެ އުސްހިސާބުގައެވެ. އެދެ ޢިމާރާތްހުރީ މަގެއްގެ ދެފަރާތުގައެވެ. އެއް ޢިމާރާތް އަނެއް ޢިމާރާތަށް ކުރިމަތިވާގޮތަށެވެ. އެތާނގައި ތިބޭއިރު ވަށައިގެން މުޅި ބުރުސާ ފެންނާން އޮވެއެވެ.

سلطـــان محـمّــد خــــان ބިނާކުރައްވައިފައިވާ ފެހިމިސްކިތަކީ އެ މިސްކިތުގެ މަސައްކަތްތެރިކަމުގެ ރީތިކަމާއި ކަވިކަމާއި ފުރިހަމަކަމަށް ބަލާއިރު ވަރަށްރީތި ފަންނީ މުތެކެވެ. މިސްކިތުގެ ނަމާދުކުރާ މާލަމާއި މިސްކިތުގެ މިޙުރާބާއި އެތެރޭގެ ފާރުތަކާއި ފަންގިފިލާ އާރާސްތުކޮށްފައިވަނީ ވަރަށް ފުރިހަމަޔަށެވެ. އެޒަމާނުގެ ގޮތަށްހުރި ފެންކޮޓަރި މިހާރުވަނީ ވުޟޫކުރާ އިސްކުރުބަރިޔާއާއި ފާޚާނާތަކަށް ބަދަލުކޮށްފައެވެ. އެޒަމާނުގެގޮތަށް ޢިމާރާތްކޮށްފައިވާ ލަންގަރުޚާނާ (ފަޤީރުންނަށާއި މިސްކީނުންނަށް ކާނާ ތައްޔާރުކޮށް ކޮންމެދުވަހަކުވެސް ހިލޭބަހާ ބަދިގެ) އެއްވެސް މިސްކިތާ ގުޅިފައިވެއެވެ. އެތަނަށްވެސްވަނީ ޒަމާނާއެކު ބައެއް ބަދަލުތައް ގެނެސްފައެވެ. ކިޔަވައިދޭ ތަނެއްވެސް ހުއްޓެވެ.

سلطـــان محـمّــد شــلـبـــــى (ޗަލްޕީ) ގެ މަޤްބަރާއަކީވެސް ޢިބާރާތްކުރުމުގެ ރީތި ނަމޫނާއެކެވެ. سلطـــان عـثمــان غــازى އާއި سلطـــان اُرْخـــان غــازى އާ ދެބައްޕާފުޅުންގެ މަޤްބަރާހުރީ އެހިސާބުގަނޑުގެ ހަމަބިމާ އެއްވަރަކަށެވެ. ނަމަވެސް سلطـــان محـمّــد شــلـبـــــى ގެ މަޤްބަރާހުރީ ވަރަށް އުސްތަނެއްގައެވެ. އެހެންކަމުން محـمّــد شــلـبـــــى ގެ މަޤްބަރާއަށް ވަދެވެނީ ވަރަށް އުސް ދެސިޑިޔަކުން މައްޗަށް އަރައިގެންނެވެ. އަޅުގަނޑުގެ ކަކުލުހުޅުގެ ޞިއްޙަތު ތަންނުދޭތީ އަޅުގަނޑު އެމަޤްބަރާއަކަށް ނާރަމެވެ. ނުވަންނަމެވެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅު نُسَـيـــبــة އާއި އަންހެނުން آمــنــــة މަނިކެއާއި آمــنــــة މަނިކެގެ ކޮއްކޮ محـمّــد نـبــيـــل ވަނީ سلطـــان محـمّــد شــلـبـــــى ގެ މަހާނަފުޅުގެ އަރިހަށް ޒިޔާރަތްކޮށްފައެވެ.

ބުރުސާގެ ފެހިމިސްކިތާއި محـمّــد شــلـبـــــى ގެ މަޤްބަރާ ބަލައިލެވުމުން އަޅުގަނޑުމެންގެ އެދުވަހުގެ ޒިޔާރަތުގެ ބުރު ނިމުނީއެވެ. ދެން އައީ ގެޔަށެވެ. ގެއަށްއައި މަގުމަތީގައި ބުރުސާގެ ވިޔަފާރި މޯލަކަށް ވަނީމުއެވެ. އެތާނގެ ނަމަކީ ކޮރުޕާކް މޯލެވެ. އެތަނަށް ވަދެލުމުގެ ބޭނުމަކީ ވިޔަފާރިކުރުމަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ މޯބައިލް ފޯނުތަކަށް ސިމްގަތުމެވެ. އަޅުގަނޑުމެންގެ ދަތުރުގެ ބައިވެރީންކަމުގައިވާ آدم سـليــم އާއި فــاطــمــــة މަނިކެއާއި عــبـد اللّـــه نشيد އާއި عــارفـــــــة عـلـــى އާ އަދި عـاصمـة سـليــم އާ އެތަނުން ބައްދަލުވިއެވެ. އަޅުގަނޑު ވަކީން ފާހަގަކޮށް ނުދެންނެވިކަމުގައިވިޔަސް ހަވީރުގެ ސައި ނުވަތަ ބިލެތްމީރުކޮށްލުން އޮންނާނެކަން އެނގިވަޑައިގަންނަވާނެއެވެ. މައިގަނޑުގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރީ ތާޒާ މޭވާ ޖޫހާއި މޭވާއާއި ލުއިކާއެވެ. މަސާލާ ސަޔާއި ކޭ.އެފް.ސީ. ގެ ޚިދުމަތްވެސް ލިބޭންހުއްޓެވެ. މޯލުގައި އުޅުމަށްފަހު އަޅުގަނޑުމެން ގެޔަށްއައީ ރޭގަނޑު އަށެއްގެ ފަހުންނެވެ.

+ + + + +

19 މޭ 2022 އަޅުގަނޑުމެން ޚާއްޞަކުރީ ބުރުސާގެ ހައިވާނުބަގީޗާއާއި ބޮޓޭނިކަލް ގާޑަނާއި ފާމެއް ބަލައިލަން ދިޔުމަށެވެ. އަޅުގަނޑުމެން އެންމެފުރަތަމަ ދިޔައީ ބުރުސާގެ ހައިވާނުބަގީޗާއަށެވެ. ތުރުކިޔޭއިން އަޅުގަނޑަށް ފެނުނު ބައެއް ނަންބޯޑުތަކުން އަޅުގަނޑަށްވަނީ ދިވެހި ބަހާ ރައްޓެހިކަމެއް ފާހަގަކުރެވިފައެވެ. ކުއްލިޔަކަށް އަޅުގަނޑުގެ ހަނދާނަށްއައީ ބަސްކޮމެޓީގައި އަޅުގަނޑުމެން ސަލާމުކަންދޭ ކަމެކެވެ. އެކަމަކީ ދިވެހިބަހަށް ލޯނު ބަހެއް ގެންނާންޖެހިއްޖެ ކަމުގައިވާނަމަ މުސްލިމު އަޣުލަބިއްޔަތު އޮންނަ ޤައުމުތަކުގެ ބަސްބަހަށް އިސްކަން ދިނުމެވެ. މިގޮތުން ޚާއްޞަކޮށް އިސްކަންދޭން ނިންމައިފައިވަނީ ޢަރަބި، އުރުދޫ، ފާރިސީ، ތުރުކީ މިބަސްބަހެވެ. މިއީ ދިވެހިބަހާ އިސްލާމީ ޘަޤާފަތާ މިހައިތަނަށްއޮތް ގުޅުން ކެނޑުނަނުދީ ދެމެހެއްޓުމަށްޓަކައި ކުރާން ހަމަޖައްސައިފައިވާ ކަމެކެވެ.

މިމޭރުމުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތް އެއްނަންބޯޑަކީ ބުރުސާގެ ހައިވާނުބަގީޗާގެ ނަންބޯޑެވެ. އެ ނަންބޯޑުގައި އޮތްނަން ތުރުކިޔޭބަހުން ތަލައުފާޒުކުރަނީ "ހައިވަނާތު ބައްޗެއްސެ" މިގޮތަށެވެ. ނަން ލިޔެފައިއޮތީ ލެޓިން އަކުރުންނެވެ. މުޞްޠަފާ ކަމާލުގެ ސުންޕާ ވަބާ ތުރުކިޔޭއަށް ފާވުމުގެ ކުރީން ތުރުކިޔޭބަސް ލިޔެއުޅުނީ ޢަރަބި އަކުރުންނެވެ. ކަމާލުގެ ވެރިކަމާ ހަމައިން ތުރުކީބަސް ލިޔަނީ ލެޓިން އަކުރުންނެވެ. ކޮންމެއަކަސް "ހައިވަނާތު ބައްޗެއްސެ" މިނަން އަޅުގަނޑަށް ބަލައިގަނެވުނީ ދިވެހިބަހުން ކިޔާ ހައިވާނުބަގީޗާއާ ވަރަށް ކައިރި ނަމެއްކަމުގައެވެ.

އަޅުގަނޑު ދެކެފައިވާ ހައިވާނުބަގީޗާތަކާ ތަފާތުވާ ޚާއްޞަކަމެއް ބުރުސާ ހައިވާނުބަގީޗާއަކުން އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ. އެންމެ ޚާއްޞަ އެއްޗަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ކުކުޅެކެވެ. ތިޔަބޭފުޅުން ހިތްޕުޅު ނުބައިނުކުރެއްވުން އެދެމެވެ. އާދެ، އެކުކުޅަކީ ހާމުންޑިޔެއްހެން ބޯހާވާލެވިފައިހުރި ކުކުޅެކެވެ. އެކިމީހުންނަށް ފާހަގަކުރެވޭނީ އެކިކަހަލަ ކަންކަން ދޮގެއްތޯއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއްކަމުގައި ދަތުރުވެރީން ސިފަކުރާ ރީތި ޤައުމެކެވެ. އެކަމަކު މުސްލިމުންގެ އަރާހުންނެވި ސައްޔާޙު إبــــن بـطـــوطــــة އަށް ރާއްޖެއިން ފާހަގަކުރެއްވުނު އެއްކަމަކީ އެއްއުރަމަތިހުރި އަންހެނެކެވެ. އެހެންވީއިރު ބުރުސާގެ ހައިވާނުބަގީޗާއިން އަޅުގަނޑަށް ކުކުޅެއް ފާހަގަކުރެވުމަކީ މާކަނުރަނގަޅުކަމެއްނޫން ދޮގެއްތޯއެވެ؟

ހައިވާނުބަގީޗާ ބަލައި ނިންމުމަށްފަހު ބުރުސާގެ ބޮޓޭނިކަލް ގާޑުނަށް ގޮސްފައި އަޅުގަނޑުމެން ދެން ދިޔައީ ފާމެއް ބަލާށެވެ. މިއަދުގެ ވާހަކަ ފަށައިގަތުމުގައި ދަންނަވާން އަޅުގަނޑު ހަނދާން ނެތުނީއެވެ. އަޅުގަނޑުމެން މިއަދު ދަތުރުކުރީ ތިންކާރުގައެވެ. عــبـد اللّـــه نشيد ގެ ކާރާއި محـمّــد نـبــيـــل ގެ ކާރާއި عــبـد اللّـــه نشيد ގެ ތުރުކިޔޭ ރަޙްމަތްތެރިޔެއްކަމުގައިވާ ޗެޓިންގެ ކާރުގައެވެ. ޗެޓިންގެ ކާރުގައި އޭނާގެ މަންމަ فــاطــمــــة އާއި އޭނާގެ ދަރިފުޅު ދުރުކުވެސް ދިޔައެވެ. ބޮޓޭނިކަލް ގާޑުން ބަލައިނިންމައިފައި އަޅުގަނޑުމެން ދިޔައީ ޗެޓިންގެ ފާމަށެވެ. ފާމު އޮތީ ބުރުސާގެ ގުންޑޮގުޑޫގައެވެ. އެހިސާބަށްދިޔައިރު މަގުގެ ދެފަރާތުގައި ލޮލުކޮޅަށްގޮސް އޮބައިލަންދެން ޒައިތޫނި ގަސްތަކާއި ތީނިގަސްތައް (ދިވެހީން ޢާންމުކޮށް ކިޔައިއުޅޭގޮތަށް ދަންނަވާނަމަ ވައްތީނި ގަސްތައް) ފެންނާން ހުއްޓެވެ.

އަޅުގަނޑު ލިޔަމުން މިގެންދާ "މާލެއިން ބުރުސާއިން އިސްތަންބޫލަށް" މި ސިލްސިލާ އާދަކޮށް ވިދާޅުވެއުޅުއްވާ ރަޙްމަތްތެރިޔެއް އަދި ރާއްޖޭގެ މޮޅު ލިޔުންތެރިޔެއްކަމުގައިވާ އަލްފާޟިލް އިބްރާހީމް ޙުސައިންމަނިކާ އަޅުގަނޑާ ދެމީހުން ދޭތެރެދޭތެރެއިން ބައްދަލުވެއެވެ. ހިނގައިލާން ނުކުންނަ ނުކުތުމުގައެވެ. މާލޭގެ އިރުމަތީފަރާތުން ބޮޑުތަކުރުފާނު މަގުގެ އެކިހިސާބުހިސާބުންނެވެ. އެއްދުވަހަކު ބައްދަލުވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވިއެވެ. ފާރޫޤު ތިޔަ ލިޔާ ތުރުކިޔޭގެ ސިލްސިލާ އާދަކޮށް ބަލަމެވެ. ތިޔަ ލިޔާ ތާރީޚުގެ އިތުރަށް، ފާރޫޤު ދިޔަތަންތަނުގެ ވާހަކައާއި ކުރެވުނު އިޙްސާސްތައްވެސް ލިޔެބަލާށެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. އަޅުގަނޑުގެ މި ލިޔުން ޙަޤީޤީ މާނައިގައި ދަތުރުނާމާއަކަށްވާނީ އޭރުންނެވެ. އެކަމަކު މިފަހަރު ދިމާވިގޮތުން ލިޔެވޭން އޮތީވެސް މިގޮތަށެވެ. އިސްލާމީ ޤައުމެއްގެ މުސްލިމުން މޮށެއުޅޭ ބަހެއްގެގޮތުގައި ދިވެހިބަސް އޮންނަކަމުގައިވާނަމަ އިސްލާމީ އުންމަތުގައި އެންމެފަހުންއޮތް އެންމެބޮޑު އަންބަރާތޫރިއްޔަތުގެ ވާހަކަވެސް ދިވެހިބަހުން ލިޔާންޖެހެއެވެ. އެއްވެސް ޢިލްމުވެރިޔެއް ނުވަތަ ބަހަވީއެއް އެކަމެއް ނުކުރައްވައެވެ. އަޅުގަނޑުމެންގެ އަޚް ނާޖިޙުދީދީ (الأسـتــــاذ محـمّــد نــاجـــح) ދެތިންދުވަހަކު ނޫހުގައި ލިޔުއްވި ލިޔުއްވުމެއް ފިޔަވައެވެ. ކޮންމެއަކަސް އިޙްސާސުގެ ވާހަކަ އައުމުން އަނެއްކާވެސް އަޅުގަނޑު އޮޔާގެންދިޔައީ ތަންކޮޅެއް ދުރަށެވެ. މާދުރަށެވެ. އެހެންކަމުގައިވިޔަސް އެވާހަކަވެސް މިތާނގައި ލިޔެލާނަމެވެ.

ޙަގީޤަތުގައިވެސް އަޅުގަނޑަކީ ދަނޑުވެރިޔަކީމެވެ. ދެކުނުގެ ބަޣާވަތުގެ ސަބަބުން އަޅުގަނޑުވަނީ ތަޢުލީމުން މަޙްރޫމުވެފައެވެ. ދިހަބާރައަހަރުގެ ޢުމުރުން ފެށިގެން އަޅުގަނޑަށްވަނީ ދިރިއުޅުމުގެ ހަނގުރާމަޔާ ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑު ދިރިއުޅުމަށްޓަކައި އެންމެފުރަތަމަ ކުރިމަސައްކަތަކީ ދަނޑުވެރިކަމެވެ. އޮޅުއަލަ ހެއްދުމާއި ކައްޓަލަ ހެއްދުމާއި ރުއް ހެއްދުމެވެ. އަޅުގަނޑުގެ ހަށިގަނޑުގައިވަނީ އަލަކައްޓަލައާއި ބަނބުކޭލުން އުފެދުނު ލެއެވެ. އަޅުގަނޑު ލިޔުންތެރިޔަކަށް ނުވަތަ މުތަރްޖިމަކަށް ނުވަތަ ވިހިއަހަރު (1985މ. އިން 2005މ.އަށް) ރައްޔިތުންގެ މަޖްލިސުގެ މެންބަރުކަންކުރި މީހަކަށާއި ފަނަރަވަރަކަށް އަހަރު ސިޔާސީ މަގާމެއްފުރި ސިޔާސީއަކަށްވީ އޭގެމާފަހުންނެވެ. އެހެންކަމުން ފާމަށް ދަތުރުކުރި ދަތުރުމަތީގައި އަޅުގަނޑުގެ ހަނދާނަށްއައީ ފުވައްމުލަކުގައި އޮޅުހައްދައި ކައްޓަލަ އިންދައިހެދި އުފާވެރި ދުވަސްވަރެވެ. އެމަސައްކަތުގައި އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ مــنــيــــر حســن ގެ ބައިވެރިވުމެވެ. ތަންކޮޅެއްފަހުން އަޅުގަނޑުމެންގެ ލޯބިވާ ބައްޕަގެ ބައިވެރިވެވަޑައިގެންނެވުމެވެ. ދަނޑުވެރިކަމާއި އޮޅުހެއްދުމާ ވިދިގެން ހަނދާނުގެ ފީތާ ބަދަލުވަމުންއައިސް އަޅުގަނޑުގެ ހަނދާނަށްއައީ އަޅުގަނޑުގެ އެކުވެރީންކުރެ ބޭފުޅުންކޮޅެއް އަޅުގަނޑަކީ ދަނޑުވެރިޔެއްކަން ހަނދާންކޮށްދެއްވި ދެއްވުމެވެ. އެކަންކުރެއްވިގޮތެވެ.

ދުވަސްވަރަކީ އިސްކަންދަރު ސްކޫލުގައި ރާއްޖޭގެ އަތްތެރި މަސައްކަތުގެ މައުރަޒެއް އޮތް ދުވަސްވަރެކެވެ. މަގުގެ އަނެއްފަރާތުގައި ހުންނަ ބޮޑުގަލުމާފަތްގޭ ގޯތި އޭރުއޮތީ މިހާރު އެއޮންނަގޮތަށް ފޮތިފޮތިކޮށްފައެއް ނޫނެވެ. ހަނދާންވާގޮތުން އޭރު އެގޯތިތެރޭގައި ކާނިވަލެއްވެސް ހިނގަމުންދިޔައެވެ. ސިނަމާއެއް ހުރެއެވެ.

(ނުނިމޭ)