ބްރެޒިލްގެ އުފާފާޅުކުރުންތަކުގައި ނަށާތީ އެކަމަށް ފާޑުކިޔަނީ އެ ގައުމުގެ ސަގާފަތާއި ތާރީހު ނޭނގޭ މީހުން ކަމަށް ކޯޗު ޓީޓޭ ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގައި ބްރެޒިލުން ކުޅުނު މެޗުގައި ދެކުނު ކޮރެއާ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ގޯލުތައް ޖެހި އިރު، އެ ޓީމު ފެނުނީ އާދަޔާހިލާފު އެޓޭކިން ފޯމެއްގައެވެ. ކުރިއަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން ހުނަރުވެރިކަން ފެނިގެން ގޮސްފައިވާ އިރު، ކޮންމެ ގޯލަކަށްފަހު ކުރިޔަށް ގެންދިޔަ ނެށުންތައްވެސް ޗާލެވެ. ކޯޗު ޓީޓޭވެސް އެ ނެށުމުގައި ބައިވެރިވެފައިވާ އިރު، އެ ނެށުން ވެގެން ގޮސްފައިވަނީ އެތައް ގޮތަކުން ސަމާލުކަން ހުއްޓުނު ކަމަށެވެ.

ބްރެޒިލްގެ ނެށުމަށް މީގެ ކުރިންވެސް ޔޫރަޕްގެ ބައެއް ކޯޗުންނާއި ކުޅުންތެރިން ފާޑު ކިޔާފައިވާއިރު، އެރޭގެ މެޗުގައި ނެށި ނެށުމަށްވެސް ޓީވީ އެނަލިސްޓުން ވަނީ ފާޑުކިޔައިފައެވެ. ކުރީން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮއި ކީން ބުނާ ގޮތުން، ކޮންމެ ގޯލަކަށްފަހު ނެށުން އޭނާއަށް ރަނގަޅެއް ނޫނެވެ. އެ ނެށުމަކީ އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.

އެކަމަށް ރައްދު ދޭނެތޯ ކްރޮއޭޝިއާ މެޗުގެ ކުރިން ޓީޓޭއާ ސުވާލުކުރުމުން އޭނާ ބުނީ ބްރެޒިލްގެ ސަގާފަތަށް އިހުތިރާމު ނުކުރާ، ތާރީހު ނޭނގޭ ބަޔަކަށް ރައްދު ދޭން އޭނާ ބޭނުންނުވާ ކަމަށެވެ.

"އަހަރެން ބޭނުމެއްވެސް ނޫން އެކަމަށް ރައްދެއް ދޭކަށްވެސް. އެއީ އެ ވާހަކަ ދައްކަނީ ބްރެޒިލްގެ ސަގާފަތާއި ތާރީހު ނޭނގޭ ބައެއް ކަމަށްވާތީ. އެއީ އަހަރެމެންގެ އުސޫލުތައް އޮންނަ ގޮތް. އަހަރެން އެކަހަލަ އަޑުއަޑު އެއްފަރާތް ކުރަނީ. އަހަރެން މި ގައުމީ ޓީމުގެ ހުރިހާ އުސޫލަކަށް އިހުތިރާމު ކުރަން. އެތައް ކުދިންނެއްވެސް އެ އުފާފާޅުކުރުމުގައި ނަށާނެ. އެއީ ބްރެޒިލްގެ ސަގާފަތް،" ޓީޓޭ ބުންޏެވެ.

"މި ޒުވާން ޓީމާ ގުޅުން ބަދަހިކުރަން އަހަރެން ބޭނުންވާ ގޮތް އެއީ އަހަރެންވެސް އޭގައި ބައިވެރިވުމަކީ. އަހަންނަކީ 61 އަހަރުގެ ކޯޗެއް، މި ޓީމުގައި މިތިބީ އަހަންނަށް ކާފަ ކިޔާވަރުގެ 21 ،22 އަހަރުގެ ކުދިން. އެ މީހުންނާ ގުޅުން ބަދަހިކުރަން އަހަންނަށް ޖެހެނީ ނަށަން ކަމުގައިވާ ނަމަ، އަހަރެން އަދިވެސް ނަށާނަން،" ޓީޓޭ ރިޗާލިސަންއާއެކު ނެށި ނެށުމަށް ބުންޏެވެ.

ބްރެޒިލުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ މިރޭ 8:00 ގައެވެ.