ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް މާދަމާ ނުކުންނަ އިރު، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސްއަށް އެ މެޗަކީ ހާއްސަ މެޗެކެވެ. ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ފްރާންސްގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ލޮރިސްއަށް އޮތް އެންމެ މުހިންމު ޒިންމާއަކަށް ވާނީ އޭނާގެ ދުވަސްވީ އެކުވެރިޔާ އަދި އޭނާއާއެކު އެއް ކްލަބަކަށް ކުޅޭ ހެރީ ކޭންގެ ހަމަލާތައް ހުއްޓުވުމެވެ.
ލޮރިސްއާއި އިންގްލެންޑްގެ ކެޕްޓަން ކޭން، އެކުގައި ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަތާ މިހާރު ނުވަ އަހަރު ވެއްޖެއެވެ. އެ ކްލަބުގައި ކޭން ކުޅެމުންދަނީ ލޮރިސްގެ ކެޕްޓަންކަމުގެ ދަށުންނެވެ. ފްރާންސްގެ ކެޕްޓަންގެ ގޮތުގައި ލޮރިސް ފުރަތަމަ ފެނިގެން ގޮސްފައިވަނީވެސް އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އިންގްލެންޑާ ދެކޮޅަށް 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި ފްރާންސްގެ ކެޕްޓަން ބޭންޑް ލޮރިސްއަށް ދީފައިވަނީ އޭރު ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކްއެވެ.
ފްރާންސްގެ ކެޕްޓަންކަމާ ލޮރިސް ހަވާލުވެފައިވަނީ ވޯލްޑް ކަޕް 2010ގައި ގްރޫޕު ސްޓޭޖުން ކަޓައި، ލިބުނު ބޮޑު ނާކާމިޔާބީ އަށްފަހުއެވެ. އޭގެ 12 އަހަރު ފަހުން ގަތަރުގެ އަލް ބައިތު ސްޓޭޑިއަމަށް މާދަމާ ލޮރިސް ނުކުންނާނީ ފްރާންސްގެ ލެޖެންޑް ލިލިއަން ތުރާމްގެ ރެކޯޑެއް މުގުރާލުމަށެވެ. ފްރާންސަށް ލޮރިސް ކުޅޭ 143 ވަނަ މެޗާއެކު އޭނާ ވެގެންދާނީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށެވެ.
"ކެރިއަރުގައި އެކަން ހާސިލުކޮށް، 12 އަހަރު ދުވަހު އަނިޔާތަކަކާ ކުރިމަތި ނުވެ، އެންމެ ރަނގަޅު ފެންވަރުގައި ކުޅުމަކީ އުނދަގޫކަމެއް. އެއީ ހަގީގީ ކާމިޔާބެއް،" ފްރާންސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ގައި ސްޓެފަން ބުންޏެވެ.
މި މަހު އުމުރުން 36 އަހަރު ފުރޭ ލޮރިސް އެންމެ ފުރަތަމަ ފްރާންސްގެ ކެޕްޓަނެއްގެ ގޮތުގައި ފެނުނީ އޭނާ ލިޔޯންއަށް ކުޅުނު ދުވަސްވަރެވެ. މީގެ ހަތަރު އަހަރު ކުރިން ވޯލްޑް ކަޕްގެ ތަށި އުފުލާލުމުގެ ކުރިން އޭނާއަށް ވަނީ ފްރާންސާއެކު ޔޫރޯގެ ފައިނަލެއްގައިވެސް ބައްޔާ ކުރިމަތިލާން ޖެހިފައެވެ.
"އޭރާއި މިހާރު އަހަރެންނަކީ މުޅިން ތަފާތު މީހެއް. އޭރު އުމުރުން 23 އަހަރުގައި ކެޕްޓަން ބޭންޑް ހަވާލުކުރި އިރު، އަހަރެންނަކީ މިހާރާ މުޅިން ތަފާތު ކުޅުންތެރިއެއް،" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ލޮރިސް ބުންޏެވެ.
ފްރާންސްގެ ޓީމުން ކޯޗު ޑިޑިއޭ ޑިޝޯމްޕްސްއަށް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީވެސް ލޮރިސްއެވެ. އަނިޔާތަކުގެ މައްސަލަތަކަކާ ގުޅިގެން އެންމެ ފަހުން ވޯލްޑް ކަޕް ނެގި ފްރާންސްގެ ސްކޮޑުގައި ހިމެނުނު ގިނަ ކުޅުންތެރިން މިހާރު ސްކޮޑުގައި ނެތެވެ. އޭރުގެ ސްކޮޑުން ކީޕަރު ލޮރިސްގެ ކުރިން ޑިފެންސް ލައިނުން މިހާރު ފެންނަނީ މަދު ކުޅުންތެރިއެކެވެ. އޭގެ ތެރެއިންވެސް ފުރަތަމަ 11 އިން ފެންނަނީ ހަމައެކަނި ރަފައެލް ވަރާންއެވެ.
ގިނަ ބަޔަކު ލޮރިސް ސިފަކުރަނީ މަޑުމައިތިރި ކުޅުންތެރިއެއް ނަމަވެސް، ދަނޑުމަތީގައި ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ފުރިހަމަ ލީޑަރެއްގެ ގޮތުގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022