ގަތަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ބްރެޒިލާއި ކްރޮއޭޝިއާ މިރޭ ނުކުންނަ އިރު، ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ހިފެހެއްޓުމުގެ ޒިންމާ ދޫކޮށްލާނީ ކަސެމީރޯއަށް ކަމަށް ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.
ބްރެޒިލްގެ ކަސެމީރޯއާއި ލޫކާ މޮޑްރިޗަކީ ރެއާލް މެޑްރިޑްގެ ކާމިޔާބު މިޑްފީލްޑް ޕާޓްނާޝިޕެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރި ދެ ކުޅުންތެރިންނެވެ. 2013 ވަނަ އަހަރުން ފެށިގެން މި ސީޒަނާ ހަމައަށް ކަސެމީރޯ ރެއާލް ދޫކޮށް އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވާ އިރު، އެ ދެ ކުޅުންތެރިން ވަނީ ރެއާލްއާއެކު ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ނަގައި، ލީގު ތަށިތައްވެސް ހޯދައިފައެވެ. ގާތް ދެ ރަހުމަތްތެރިން އެކުގައި ދަނޑުމައްޗަށް ގައުމު ތަމްސީލުކުރަން ނުކުންނަ އިރު، ވިނީޝިއަސްގެ އިތުބާރު ކަސެމީރޯއަށް އެބަ އޮތެވެ.
"މޮޑްރިޗަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ އަހަންނަށްވެސް ގިނަ ކަންތައްތަކެއް ދަސްކޮށްދީފި. ދަނޑުމަތީގައެއް ނޫން، ދަނޑު ބޭރުންވެސް. އަހަރެން ވަރަށް އުފާވޭ މޮޑްރިޗާއެކު ކުޅެ، އޭނާއާއެކު ރެއާލްގައި ތަމްރީނު ކުރެވޭތީވެސް. އެއީ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދޭ ނަމޫނާ ކުޅުންތެރިއެއް. މޮޑްރިޗާ ދެކޮޅަށް ކުޅެން ޖެހުމަކީ ހާއްސަވާނެ ކަމެއް. އޭނާ ހުއްޓުވަން ދޫކޮށްލާނީ ކަސެމީރޯއަށް. އެއީ އޭނާ އެ ވަޒީފާއަށް ރަނގަޅުވާނެތީ. ކަސެމީރޯއަށް ވަރަށް ރަނގަޅަށް މޮޑްރިޗް އެނގޭނެ،" ވިނީޝިއަސް ބުނެފައިވެއެވެ.
ބްރެޒިލުން މިހާތަނަށް އައި އިރު، ގްރޫޕް ސްޓޭޖުގެ ދެ މެޗުން މޮޅުވެ، ގަދަ 16ގައި ދެކުނު ކޮރެއާ ބަލިކޮށްފައިވެއެވެ. ދެކުނު ކޮރެއާ ކޮޅަށް ބްރެޒިލުން ފުރަތަމަ ހާފުގައި އެކަނިވެސް ހަތަރު ގޯލް ޖަހާފައިވާ އިރު، އެ މެޗުގައި ޖެހި ހަތަރު ގޯލާއެކުވެސް ބްރެޒިލުން އުފާފާޅުކުރީ ނަށަމުންނެވެ. ވިނީޝިއަސްގެ ފުރަތަމަ ގޯލާއެކުވެސް ނަށާފައިވާ އިރު، އެ ނެށުމަށް ރޮއި ކީން ފަދަ ބައެއް ކުރީގެ ކުޅުންތެރިން ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެކަމަށް ވިނީޝިއަސްގެ ފަރުވާލެއް ނެތެވެ.
"ފުޓްބޯޅައިގައި އަހަންނަށް އެންމެ މުހިއްމު ކަމަކީ ގޯލެއް ޖެހުން. އެ ގޯލް ޖެހޭ ވަގުތު އަހަރެންގެ އުފާވެރި އިހުސާސްތައް ދައްކާލެވޭނެ ގޮތަކަށް މަސައްކަތް ކުރަން. އެއީ ނެށުމުން ކަމުގައި ވިޔަސް މައްސަލައެއް ނެތް. ނެށުމާއެކު އެހެން މީހުންނާއި އަހަންނަށްވެސް އުފާވެރި އިހުސާސެއް ގެނެސްދޭ. އެހެންވީމާ އަހަރެން ކޮންމެ ގޯލަކަށްފަހުވެސް ނަށަން ބޭނުންވޭ. އެކަން އެގޮތަށް ކުރާނެ ބްރެޒިލުން،" ވިނީޝިއަސް ބުނެފައިވެއެވެ.
ބްރެޒިލާއި ކްރޮއޭޝިއާ ވާދަކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022