ނެދަލޭންޑްގެ ކޯޗު ލުއިސް ވެން ހާލްއަކީ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ބަޔާން މިއުނިކަށްވެސް ކޯޗުކަން ކޮށްދީފައިވާ ވެން ހާލް ވަނީ ކެރިއަރުގައި 20 ތައްޓެއް ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ނެދަލޭންޑްސް ގައުމީ ޓީމާ ހަވާލުވެ ހުރި ތިންވަނަ ފަހަރެވެ. އުމުރުން 71 އަހަރުގެ ވެން ހާލްއަކީ މި ވޯލްޑް ކަޕްގައި ފެނިގެންދާ އުމުރުން އެންމެ ދުވަސްވީ ކޯޗެކެވެ. އޭނާއަކީ މުޅި ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނިގެންދާ ތިންވަނައަކަށް އެންމެ ދުވަސްވީ ކޯޗެވެ.
ނެދަލޭންޑްސްގެ އެތައް ކުޅުންތެރިންނަށް ބައްޕައެއް ފަދަ ވެން ހާލްއަށް މި ފަހަރުގެ ވޯލްޑް ކަޕް ހާއްސަވާ ސަބަބެއް އެބަ އޮތެވެ. މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ވެން ހާލްގެ ކޯޗިން ކެރިއަރުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ދަނޑުމަތީގެ ޗެލެންޖެއް ނޫނެވެ، ދަނޑު ބޭރުގެ ޗެލެންޖެކެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެން ހާލަށް ކެންސަރު ޖެހި ފަރުވާ ހޯދަމުން ގޮސްފައިވާ އިރު، އޭނާ އެކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ އޭޕްރީލް މަހުގައެވެ.
ވެން ހާލް ކެންސަރާ ކުރި ހަނގުރާމަ އޭނާ އޮތީ ކުޅުންތެރިންނަށް ސިއްރުކޮށްފައެވެ. ނެދަލޭންޑްސްއާ ހަވާލުވެ، މެޗުތަކުގައި އިރުޝާދު ދެމުން ދިޔައިރުވެސް ވެން ހާލް ކެންސަރަށް ފަރުވާ ހޯދަމުންދިޔައެވެ. މި އަހަރު ވެން ހާލް އިއުލާން ކުރި ގޮތުގައި ކެންސަރަށް ފަރުވާ ހޯދުމަށް 25 ފަހަރަށް ރޭޑިއޭޝަން ޓްރީޓްމަންޓް ނަގާފައިވެއެވެ. އެ ވޭނީ ވަގުތުތައް ވެން ހާލަށް އަސަރު ގަދަވީ، 1994 ވަނަ އަހަރު ވެން ހާލްގެ ފުރަތަމަ އަނބިމީހާ، ފެރްނާންޑާ، އުމުރުން 39 އަހަރުގައި އޭނާއާ ވަކިވީވެސް ކެންސަރު ޖެހިގެން ކަމަށް ވުމާއެކުގައެވެ.
އެ ހިތްދަތިކަން ޓީމަށް ސިއްރުކޮށް، ކޮލިފިކޭޝަންގެ މެޗުތަކުގައި އެތައް ތަކުލީފަކާވެސް އެކު ވެން ހާލް ވޯލްޑް ކަޕަށް ނެދަލޭންޑްސްއާއެކު މިހާރު ނުކުމެ ހުރީ ކެންސަރުން ސަލާމަތް ވެގެންނެވެ. ކުޅުންތެރިންގެ ހިތުގައި އެ ވާހަކަތައް މިއަދު އެބަހުއްޓެވެ. މުޅި ޓީމުން ނަތީޖާ ނެރެން ބޭނުންވާ އެއް ސަބަބަކީ ވެން ހާލަށް އުފާވެރި ކަމެއް ގެނެސްދިނުމުގެ ގޮތުންނެވެ.
މެނޭޖަރެއްގެ ސްޓައިލްގައިވެސް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި އެތައް ބަޔަކު ފާހަގަކުރާ ވެން ހާލަކީ ފުރަތަމަ ޕީއީ ޓީޗަރެކެވެ. ޕީއީ ޓީޗަރަކުން ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗަށްވުމުގެ ދަތުރުގައި ވެން ހާލް ބޭނުންކުރި މެންޓާލިޓީއަކީ ފަހަތަށް ޖެހޭނެ ކޮޅެއް ދޫނުކޮށް، އަބަދުވެސް ކުރިއަށްދާނެ ގޮތެއް ހޯދުމުގެ މެންޓާލިޓީއެއްކަން ކެރިއަރުން ސާފެވެ. ހާއްސަކޮށް ކެންސަރާ ކުރި ހަނގުރާމައިގައި އެކަން ވަކިން ބޮޑަށް ސާފެވެ.
"އަހަރެން ކުޅުންތެރިން ގާތު ކެންސަރުގެ ވާހަކަ އެހާ ކުރިން ބުނަން ބޭނުންނުވީ އެކަމުގެ ސަބަބުން ޕާފޯމަންސަށް އަސަރު ކުރާނެތީ. ކުޅުންތެރިންނަށް ކަންކަން ސިއްރުކުރަން އަހަންނަށް ފަރުވާ ހޯދި ހޮސްޕިޓަލުންވެސް އެހީތެރިވެދިން. އަހަންނަށް ހޮސްޕިޓަލުގައި އާންމުން ނުވަންނަ ދޮރަކުން ވަންނަން ފުރުސަތު ދޭ. އަދި ހަމަ ގެންގޮސް އެކަނި އެއް ކޮޓަރިއެއްގައި ފަރުވާ ދެވޭނޭ އިންތިޒާމު ހަމަޖެހުނު. ގައުމީ ޓީމާ ހަވާލުވެ ހުރި އެ ދަނޑިވަޅުގައި އަހަރެން ރޭގަނޑު ކުޅުންތެރިންނަށް ނޭނގި ހޮސްޕިޓަލަށް ދާން ޖެހޭ ފަހަރު އާދޭ. އަހަރެން އޭރު ދިޔައީ ވަރަށް ވޭން ތަހައްމަލު ކުރަމުން،" ވެން ހާލް ބުނެފައިވެއެވެ.
ވެން ހާލަށް ކެންސަރު ޖެހުނީ ފުޓުބޯޅައިން ރިޓަޔާވުމަށްފަހު އެނބުރި އައިވެސް ފަހުންނެވެ. އުމުރުން ދޮށިވުމުން ރިޓަޔާކުރުމަށްފަހު، މިހާރުގެ އަންހެނުން ޓްރޫސްއަށް ވީ ވައުދުވެސް ދޫކޮށް ގައުމީ ޓީމާ ހަވާލުވީ 2018 ގެ ވޯލްޑް ކަޕް ގެއްލުމުގެ މާޔޫސްކަން ފިލުވާލަ ދޭށެވެ. އެ މަސައްކަތުގައި ކެންސަރު އޭނާއަށް ބޮޑު ޗެލެންޖަކަށްވީ ނަމަވެސް މެޗުތައް ދޫނުކޮށް ކޯޗުކަމަށް ނުކުތީ ހިތްވަރު ދައްކައިގެންނެވެ.
އޭގެ ތެރެއިންވެސް ނޯވޭއާ ދެކޮޅަށް ނެދަލޭންޑްސްއިން ކުޅުނު ކޮލިފިކޭޝަން މެޗު ހާއްސަވެއެވެ. 2-0 އިން މޮޅުވި އެ މެޗުގައި ރޮޓާޑޭމް އެރީނާއަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ވެން ހާލް ނުކުތީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެއީ އިތުރު ގޮތަކަށް ކޮޅަށް ހުރެ، ހިނގާބިނގާވެ އުޅެންވެސް އުނދަގޫވާތީއެވެ. އެ މަންޒަރުތައް ކުޅުންތެރިންނަށް އޭރު ފެނުނު ނަމަވެސް، އެއީ ކެންސަރު ބަލީގެ އަސަރުތައް ކަމެއް ނޭނގެއެވެ. ފަހުން އެވާހަކަތައް އެނގުމާއެކު ކުޅުންތެރިންގެ ހިތުގައި ވެން ހާލްއަށް ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވެއެވެ.
"ވެން ހާލްގެ އެ ހާލަތު އަހަރެމެންގެ ސިކުނޑީގައި މިއަދުވެސް އެބަހުރި. ވެން ހާލް އަހަރެމެންނަށް ކެންސަރު ޖެހުނުކަން ނާނގާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރި. ހޮސްޕިޓަލަށްވެސް ރޭނގަޑު ދޭ. އެ ހުރިހާ ކަމެއް ކުރީ ޓީމުގެ ހިތްވަރު ގެއްލުވާ ނުލުމަށް. އަހަރެމެންގެ ފުރިހަމަ އިހުތިރާމް ވެން ހާލަށް އަބަދުވެސް އޮންނާނެ. އެ ހުރިހާ ކަމެއް ކަޑައްތުކޮށްވެސް އެހުރީ ޝާޕްކޮށް، އެއީ ވެން ހާލް. ވެން ހާލްގެ ފެންވަރެއް ބަދަލެއް ނާދޭ،" ނެދަލޭންޑްސްގެ ޑިފެންޑަރު ޑެލީ ބްލިންޑް ބުންޏެވެ.
ކުޅުންތެރިންގެ ނަޒަރުގައި ހަރުދަނާ ލީޑަރެއްގެ ވަރުގަދަ "ސްޓްރިކްޓް"ކަމެއް އަދިވެސް ވެން ހާލްގެ ކިބައިން ފެނެއެވެ. އެހެން ނަމަވެސް ކެންސަރަށްފަހު ވެން ހާލް ކުޅުންތެރިން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށްވެސް ސަމާލުކަން ދީ، އެކަންކަމުގެ ވާހަކަ އަޑުއަހަން ސަމާލުކަން ދޭ ކަމަށްވެސް ކުޅުންތެރިން ބުނެފައިވެއެވެ.
"އެއީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް. އަބަދުވެސް ކުޅުންތެރިންނަށް ހިތްވަރު ދޭން އެނގޭނެ. އަހަރެމެންނަށް އޭނާގެ ފަރާތުން އިތުރު ހިތްވަރެއް ބޭނުމެއް ނޫން. އޭނާއަކީ އަހަރެމެންގެ ވާހަތައް އަޑުއަހާ މޮޅު ކޯޗެއް. ވެން ހާލްގެ ހަޔާތުގެ ދަތުރުގެ ސަބަބުންވެސް އަހަރެމެން ބޭނުންވަނީ ކޯޗަށްޓަކައި ކުޅެ ނަތީޖާ ނެރެން،" ބްލިންޑް ބުނެފައިވެއެވެ.
މިހާތަނަށް ގަތަރު ވޯލްޑް ކަޕް 2022ގެ ނެދަލޭންޑްސްއިން ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައި ނުވި ނަމަވެސް، ވެން ހާލްގެ ފުޓުބޯޅައަކީ "ޑިފެންސިވް، ނެގެޓިވް" ފުޓުބޯޅައެއް ކަމަށް ބުނެ ބަޔަކު ފާޑު ކިޔާފައިވެއެވެ. ވެން ހާލް އެއަށް ރައްދު ދޭން ބުނީ، "މޮޅުވާ ފުޓުބޯޅަ" ފޫހިވާނަ ވާންވީ ކަމަށެވެ.
ނެދަލޭންޑްސްގެ ހުންގާނުގައި ވެން ހާލް ހުރީ ހާއްސަ އަޒުމެއްގައިކަން ޔަގީނެވެ. ކުޅުންތެރިން އޭނާއަށްޓަކައި ވާނެ ގުރުބާނީވެސް ބޮޑެވެ. ސެމީ ފައިނަލްގެ ޖާގައަކަށް މިރޭ ނެދަލޭންޑްސް ކުއާޓާ ފައިނަލްގައި ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. މެޗު އޮންނާނީ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022