ފާތިމަތު ދީމާ އަލީ

ސާކް ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ދީމާ، ނޭޕާލް ކުޅުންތެރިޔާ ބަލިކޮށްފި

ވޯލްޑް ޓެބަލް ޓެނިސް ޗެމްޕިއަންޝިޕްގެ، މި ރީޖަންގެ ސާކް ކޮލިފިިކޭޝަންގައި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ އެލީނާ މަހަރާޖަން ބަލިކޮށްފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސާކް ރީޖަންގެ ކޮލިފިކޭޝަންގައި ދީމާ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ނޭޕާލްގެ ދެ ނަންބަރު ކުޅުންތެރިޔާ އެލީނާ ބަލިކޮށްފައި ވަނީ ސީދާ ތިން ގޭމުންނެވެ. ދީމާ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ސްރީ ލަންކާގެ މަލީޝާ ސަލިންދެވެ. މަލީޝާއާ ދެކޮޅަށް ދިމާ ނުކުންނާނީ މާދަމާއެވެ.

ސައުތު އޭޝިއަން ރީޖަނަލް ކޮލިފައިންގެ ގޮތުގައި ނޭޕާލްގައި މި މަހުގެ 8-11 އަށް ކުރިއަށްދާ އިރު، ރާއްޖެއިން ދިމާގެ އިތުރުން މޫސާ މުންސިފްވެސް ވާދަކުރާނެއެވެ. ރީޖަނަލް ކޮލިފިކޭޝަނުން ދެން ކުރިއަށްދާ 16 ކުޅުންތެރިޔަކު ވާދަކުރަން ޖެހޭނީ އޭޝިއަން ކޮލިފިކޭޝަން ސްޓޭޖުގައެވެ. އޭޝިއަން ކޮލިފިކޭޝަންގައި ވާދަކޮށް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ރީޖަނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ މުންސިފް ހިމެނެނީ ނޭޕާލްގެ ސަންޔޮގް ކަޕާލީ އާއި ބަންގްލަދޭޝްގެ ނާފިޒް އިގްބާލާ އެއް ގްރޫޕެއްގައެވެ. އޭނާގެ މެޗުތައް މާދަމާ އޮނާނެއެވެ. އަންހެން ބައިގައި 24 ކުޅުންތެރިން އަދި ފިރިހެން ބައިގައި 18 ކުޅުންތެރިން ސާކް ރީޖަންގެ ކޮލިފިކޭޝަންގައި ވާދަކުރާނެއެވެ.