ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަަށް އިރުޝާދުދިން ސާބިއާގެ ކޯޗު މިއޮޑްރާގް ޖެސިކް، މިއަދު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި މާޒިޔާއަށް ލީގު ކާމިޔާބުކޮށްދިން އުމުރުން 64 އަހަރުގެ ޖެސިކް މަރުވެފައި ވަނީ އޭނާގެ އުފަން ގައުމު ސާބިއާގެ ރޫމާ-ޖަރަކް މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. ޖެސިކްގެ މަރާ ގުޅިގެން މާޒިޔާއިން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނެފައި ވަނީ ޖެސިކްގެ މަރުގެ ހަބަރަކީ ސިހުމެއް ލިބުނު ހަބަރެއް ކަމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި ކްލަބުން އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ޖެސިކް، މިދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދީ އެ ކްލަބަށް ތާރީހީ ކާމިޔާބީތަކެއް ހޯދައިދިނެވެ. ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ފެނިގެން ގޮސްފައި ވަނީ އެޓޭކިން ޓީމެއްގެ ގޮތުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 19 މެޗުން މާޒިޔާ ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެ 19 މެޗުގައި މާޒިޔާއިން 76 ގޯލު ޖެހި އިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ފަސް ގޯލެވެ. ހަ މަސް ވަންދެން ޖެސިކް މާޒިޔާއަށް އިރުޝާދު ދީފައިވެއެވެ.

ޖެސިކަކީ އޭޝިއާ އާއި އެފްރިކާގެ އިތުރުން ޔޫރަޕް ގައުމުތަކުގެ އެންމެ މަތީ ފަންތީގައިވެސް ކާމިޔާބީތައް ހޯދައިފައިވާ ތަޖުރިބާކާރު ކޯޗެވެ. ސާބިއާގެ ޓީމުތަކުގެ އިތުރުން އަރަބި ކްލަބުތަކުގައިވެސް ޖެސިކް ކާމިޔާބީތައް ހޯދާފައިވާ އިރު، މާޒިޔާއަށްފަހު އޭނާ މަސައްކަތް ކުރީ ސައުދީގެ ކްލަބެއް ކަމަށްވާ ޝޯލާ އެފްސީގައެވެ. ޝޯލާއަކީ ސައުދީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެކެވެ.