ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލައިގައި މިނިސްޓަރު އަމީރުގެ ގޮވައިގެން ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

އަންނަ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓާއެކު، މި ހިނގާ 2022 އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް، އިތުރު ކޮށްދިނުމަށް ފާސްކުރި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަސްއަދު ޝަރީފާއި ވަކީލް އިބްރާހިމް ރަމީޒެވެ.

އެފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، މިއަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރުމުގެ ކުރިން އެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު އެ ފައިސާ ހަރަދުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާ ނުލައި ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ، ގާނޫނުއަސާސީއާ ހިލާފަށް ކަމަށްބުނެ، އެކަމުގައި މިނިސްޓަރު އަމީރު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެ ދެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު، ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު ގާނޫނާ ހިލާފުވެފައިވާ ކަމަށާއި އެކަމާމެދު ގޮތެއް ނިންމޭނީ ކޯޓުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފައިސާ ހަރަދު ނުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ގާނޫނު އަސާސީގައި ބުނެފައި ވަނީ، ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންނަމަ، އެއް މަސް ކުރިން އެ ބަޖެޓް ފާސްކުރަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފައި ވަނީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓާ އެކުގައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އެއަށް އިތުރު ކުރުމަށް މިދިޔަ ހަފުތާގައި މަޖިލީހުން ފާސް ކޮށްދިނީ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންތްރީ ބަޖެޓެކެވެ.