ހުޅުމާލޭގައި 2000 ހައުސިން ޔުނިޓް ހަދަން ހަވާލުކޮށްފައިވާ ކުންފުނި، ޖޭއެމްސީ ޕްރޮޖެކްޓްސް އިން މުސާރަ ނުދޭ ކަމަށް ބުނެ އެ ކުންފުނީގެ މަސައްކަތްތެރިން މުޒާހަރާކޮށްފިއެވެ.
މުޒާހަރާ ކުރަމުންދިޔަ މަސައްކަތްތެރިން "ވަން" އަށް ބުނި ގޮތުގައި، އެ މީހުންނަށް މުސާރަ ނުލިބޭތާ ދެ މަސް ދުވަސް ވެއްޖެއެވެ. އެ މުޒާހަރާގައި 800 އެއްހާ މަސައްކަތްތެރިން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ހައުސިން މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާސް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ ދެ މަސް ދުވަހުގެ މުސާރަ ނުދީ ނުހުންނާނެ ކަމަށެވެ.
ޝަމޫލް ވިދާޅުވީ މަސައްކަތްތެރިންނަށް މަހުން މަހަށް މުސާރަ ދީފައިވާނެ ކަމަށާއި މިއަދު މުޒާހަރާއަށް ނުކުތީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޕޮލިސީއަށް އައި ބަދަލަކާ ގުޅިގެން މިދިޔަ މަހުގެ މުސާރަ ލަސްވުމުން ކަމަށެވެ.
"މިއަދު 12:00 ޖަހަންވާއިރަށް މުސާރަ ޖަމާވާނެ. ބިދޭސީންނާ ވާހަކަ ދައްކާލައި މިހާރު މައްސަލަ ވާނީ ހައްލުކޮށްފައި," އޭނާ ވިދާޅުވިއެވެ.
މި މުޒާހަރާއާ ގުޅިގެން ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އިރު، އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން "ވަން" އިން ގުޅުމުން ޖަވާބެއް ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު