ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފިޔަވަހީގައި ގަދަފަދަ ބެލްޖިއަމްގެ މައްޗަށް މޮރޮކޯ ކުރިހޯދުމަށްފަހު ދެން މީސްމީޑިއާގައި އާއްމުވެގެންދިޔަ ފޮޓޯއަކަށް އެތައް މިލިޔަން ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މޮރޮކޯގެ ކަނާތު ބެކް އަޝްރަފް ޙަކީމީ، ދަނޑުގެ އެއްކަރިއަކަށްގޮސް ބޮސްދިން މެދު އުމުރުގެ އަންހެނަކީ ކާކުބާވައެވެ. އެއީ އޭނާގެ ލޯބިވާ މަންމައެވެ. ޙަކީމީގެ އިންސްޓަގްރާމުގައި އެފޮޓޯ ހިއްސާކޮށްފައި އޭނާ ލިޔުނެވެ. މަންމާއެވެ. މަންމަދެކެ އަހަރެން ހާދަ ލޯތްބެއްވަމެވެ. މިފޮޓޯ ވައިރަލްވީ ވަކިވަރަކަށް ނޫނެވެ. އަޝްރަފް ޙަކީމީއަށް ތާރީފު ބަންޑުންވީވެސް ވަކިވަރަކަށް ނޫނެވެ. ހަމައެގޮތަށް ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ސްޕޭނުގެ މައްޗަށް މޮރޮކޯ ކުރި ހޯދުމަށްފަހުވެސް މައިންބަފައިންނާއެކު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅުކުރާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.
ދަރިފުޅު ކުޅޭތަން ބަލަން މިފަހަރު ގަތަރަށް ގޮސްގެން އުޅެނީ ހަމައެކަނި އަޝްރަފް ޙަކީމީގެ މަންމައެއް ނޫނެވެ. ވޯލްޑްކަޕް ފެށުމުގެ ކުރިން މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ވަނީ ވަރަށް ޚާއްސަކަމެއް ކޮށްދިނުމަށް މޮރޮކޯގެ ފުޓްބޯޅަ އިދާރާގައި އެދިފައެވެ. އޭނާ އެދުނެވެ. މޮރޮކޯގެ ވޯލްޑްކަޕް ސްކޮޑުގައި ހިމެނޭ ކޮންމެ މީހަކު އެމީހެއްގެ އާއިލާގެ ތެރެއިން އިޚުތިޔާރުކުރާ ބަޔަކަށް ގަތަރަށް ދިޔުމާއި ތިބުމާއި މިހެންގޮސް ހުރިހާކަމެއް ހިމެނޭނެހެން ޕެކޭޖެއް ދޭންވާނެއެވެ. ފުޓްބޯޅަ އިދާރާގެ ޚަރަދުގައެވެ. މިއެދުން މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ފައުޒީ ލަޤްޖަޢު ވަނީ ފުރިހަމަކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން ކުޅުންތެރިންގެ މައިންބަފައިންނާއި އަނބީންނާއި ދަރީންވެސް މިހާރު ތިބީ ގަތަރުގައެވެ. މޮރޮކޯ ކުޅޭ ކޮންމެ މެޗެއް ބަލަން ސްޓޭޑިއަމަށްވެސް ދެއެވެ.
ދޯހާގައި މޮރޮކޯގެ ޓީމުގެ ކޭމްޕަކީ އަދި ހޮޓަލަކީ ވިންދާމް ދޯހާ ވެސްޓް ބޭ ހޮޓަލެވެ. އެތަން ހީވަނީ އާއިލީ ކޭމްޕެއްހެނެވެ. ކޯޗު ރަކްރާކީގެ މަންމަ ފާތިމާވެސް ހުރީ އެތަނުގައެވެ. ކުޅުންތެރިންނާއި އޮފިޝަލުން ދުވަސްތައް ހޭދަކުރަނީ އާއިލާގެ މެންބަރުންނާއެކީގައެވެ. މިކަމުން ކުޅުންތެރިންނަށް ލިބެނީ ވަރަށް ބޮޑު ހިތްވަރެކެވެ. މިއީ މިގޮތަށް ރޭވިގެން އިންތިޒާމް ކުރެވިގެން އެހެން އެއްވެސް ޓީމަކުން ކުރި ކަމެއް ނޫނެވެ. މޮރޮކޯގެ ސްޕޯޓްސް ޗެނަލެއް ކަމަށްވާ އައްރިޔާޟީއަށް ދިން އިންޓަރވިޔުއެއްގައި ކޯޗު ރަކްރާކީގެ މަންމަ ފާތިމާ ބުންޏެވެ. އަހަރެން ޕެރިހުގައި ދިރިއުޅޭތާ ފަންސާސް އަހަރުވީއެވެ. ދަރިފުޅު ކުޅުނުއިރުވެސް އަދި ކޯޗުކޮށްދޭއިރުވެސް ދުވަހަކުވެސް ދަނޑަކަށް ނުދަމެވެ. މިއީ ދަރިފުޅަށްޓަކައި ޕެރިސް ދޫކޮށް މެޗު ބަލަން އެހެންތާކަށް އައި ފުރަތަމަ ފަހަރެވެ.
މޮރޮކޯގެ މެދުތެރެއަށް ކުޅެމުން އަންނަ ސެމްޕްޑޯރިޔާގެ މިޑްފީލްޑަރު ޢަބްދުލްޙަމީދު ޞާބީރީގެ މަންމަޔާއި ބައްޕަވެސް ދޯހާގެ ވިންދާމް ހޮޓަލުގައި އެބަތިއްބެވެ. މިއީ ވަރަށް ކެމެރާޔާއި ރައްޓެހި ދެމަފިރިންނެވެ. ކަމަކީ ޗެލްސީގެ ޙަކީމް ޒިޔާޝާއި ޕީއެސްޖީގެ އަޝްރަފް ޙަކީމީއާއި ސެވިއްޔާގެ ގޯލްކީޕަރު ޔާސީން ބޫނޫއާއި ކޯޗު ވަލީދު ރަކްރާކީ ފަދަ ތަރިން ކޮންމެތާކުން ފެނުނަސް ސެލްފީ ނެގުމެވެ. އެމީހުންގެ ފަރާތުން ފެންނަ އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. މެޗު ދައްކާއިރު ޓީވީންވެސް އެދެމަފިރިން ވަރަށް ގިނައިން ދައްކައެވެ. ޝުއޫރު ފާޅުކޮށްލަން މައިކްވެސް ދިއްކޮށްލައެވެ. އެމީހުން ބުނެއެވެ. އަހަރެމެންގެ ދަރިޔަކީ ޞާބީރީ އެކަންޏެއް ނޫނެވެ. ހައްތާވެސް އަހަރެމެންގެ ދަރީންނެވެ. މިއީ އެއް އާއިލާއެކެވެ. އެއްލެޔެކެވެ. އެއް ކުލުނެކެވެ. ކުރިއަށް މިދަނީ އަދި ދާނީވެސް އޭގެ ބާރުގައެވެ.
ކޯޗު ރަކްރާކީގެ ސްޓްރެޓެޖީއަކީ ހަމައެކަނި މީސްމީޑިއާގައި ފޮޓޯކޮޅެއް ހިއްސާކޮށްފައި ފުއްދައިލުމެއް ނޫނެވެ. ޓީމުގެ ތެރޭގައި ޕޮޒިޓިވް ހަކަތައެއް އުފެއްދުމަކީ މަގުސަދެވެ. އެކަން އެބަވެއެވެ. ދަނޑުމަތީގައިވެސް އެކަން އެބަފެނެއެވެ. ކުރީގައި ހުރި ކޯޗު ވަކިކޮށްފައި ރަކްރާކީއާ ޓީމު ހަވާލުކުރީވެސް ވޯލްޑްކަޕް ފެށެން ވަރަށް ގާތްވެފައިވަނިކޮށް މިއަހަރުއެވެ. މަގާމާއި ހަވާލުވެގެން އެންމެ ފުރަތަމަވެސް ރަކްރާކީ ބުނި އެއްޗަކީ މައިންބަފައިން ޝާމިލް ކުރުމުގެ މުހިއްމު ކަމުގެ ވާހަކައެވެ. މޮރޮކޯގެ މާމޫރާގައި ހުންނަ މުޙައްމަދު ހަވަނައިގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރަކްރާކީ ބުންޏެވެ. އަހަރެމެންގެ މައިންބަފައިން އުފާކޮށްދީގެން އެމީހުންގެ ބައިވެރިވުމާއެކު ނޫނީ އަހަރެމެންނަށް ކާމިޔާބު ލިބުމެއް ނެތެވެ. މިފަހަރު މިކަންކުރާނީ ތަފާތު ގޮތަކަށެވެ.
މޮރޮކޯއަކީ މިފަހަރުގެ ވޯލްޑްކަޕުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫނެވެ. އެހެންނަމަވެސް 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދިޔުމާއެކު ކުޅުންތެރިން އެވަނީ މައިންބަފައިން އުފާކޮށްދީފައެވެ. އަދި އަލަށް ކުއާޓަރ ފައިނަލުން ޖާގަ ހޯދައިގެން އެވަނީ މުޅި މޮރޮކޯއަށް އުފާވެރިކަން ގެނެސްދީފައެވެ. މިހިސާބުން މަޑު ޖައްސައިލާނޭކަމަށް ނުފެނެއެވެ. ދަތުރު ދެންވެސް އޮތީ ކުރިއަށެވެ. އަޝްރަފް ޙަކީމީ އާއި އޭނާގެ މަންމަގެ ފޮޓޯ ފެނިފައި އިތުރު އެތައް މިލިޔަން ބަޔަކުވެސް މޮރޮކޯއަށް ސަޕޯޓްކުރަން ފަށައިފިއެވެ. މުޅި އަރަބި ދުނިޔޭގެ އުންމީދަކީވެސް މިހާރު މޮރޮކޯއެވެ. މިހިސާބަށް ދެވުނީ އެއްވެސް ޝައްކެއްނެތި ކުޅުންތެރިންގެ ހިތްވަރާއި އަޒުމުންނެވެ. އެކަމުގެ ފަހަތުގައިވާ ސިއްރަކީ ކައިރީގައި މައިންބަފައިން ތިބުމާއި އެމީހުންގެ ލޯބި އޮހެމުން ދިއުމެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022