އޭނާއަށް ވަނަމެއްގެ ގޮތުން އެންމެންވެސް ކިޔަނީ ބޯނޯއެވެ. އޭނާގެ ކުލަބް ކަމަށްވާ ސްޕޭނުގެ ސެވިއްޔާގައިވެސް އަދި އެގައުމެއް ތަމްސީލުކުރާ މޮރޮކޯގެ ގައުމީ ޓީމުގައިވެސް ޖާޒީގެ ފުރަގަހުގައި ލިޔެފައި އޮންނަނީ ބޯނޯއެވެ. އެއީ ހަގީގަތުގައި ވަނަމެކެވެ. އަސްލު ނަމަކީ ޔާސީން ބޫނޫއެވެ. އެއީ މިހާރު ބޯނޯގެ ނަމުން ދުނިޔޭގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ދެވަނަ މީހާއެވެ. އެނަމުން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އަޔަލެންޑުގެ ލަވަކިޔުންތެރިޔާ ޕޯލް ޑޭވިޑް ހިއުސަންއެވެ. މިހާތަނަށް ބޯނޯގެ ނަމުން ގިނަބަޔަކު ދަންނަ މީހަކީ އެއީއެވެ. އެކަމަކު ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ނިމެންވާއިރު މޮރޮކޯގެ ކީޕަރު ވެގެންދާނީ އެންމެ މަޝްހޫރު ބޯނޯއަށެވެ. ސްޕޭނުގެ ޕެނަލްޓީތައް އޭނާ މަތަކުރިގޮތާއި ސްޓައިލް ފެނިފައި އެންމެންވެސް މިހާރު ދައްކަނީ ގޯލްކީޕަރު ބޯނޯގެ ވާހަކައެވެ.
ޔާސީން ބޫނޫގެ ނަން ބޯނޯއަކަށް ވެފައި އޮތީ ޔޫރަޕުގައި ކިޔަން ފަސޭހައީ ބޯނޯކަމަށްވާތީ އާއި މަޝްހޫރު ލަވަކިޔުންތެރިއެއްގެ ނަމަށްވެސް ވާތީ ވަނަމެއްގެ ގޮތުންނެވެ. ބޯނޯ އުފަންވީ މޮރޮކޯއަށް ނިސްބަތްވާ ދެމަފިރިއަކަށް ކެނެޑާގެ މޮންޓްރިއާލްގައެވެ. އެގޮތުން އޭނާއަކީ ކެނެޑާގެ ރައްޔިތެކެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ބޯނޯވަނީ އޭނާ އުފަންވި ގައުމުވެސް ރޮއްވާލައިފައެވެ. މޮރޮކޯއަތުން ކެނެޑާވަނީ މިފަހަރުގެ ގްރޫޕް ފިޔަވަހީގައި ބަލިވެފައެވެ. ކެނެޑާގެ ކިތަންމެ ހަމަލާތަކެއް ބޯނޯވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ގްރޫޕްގެ އެއްވަނަ މޮރޮކޯއަށް ލިބުނީވެސް ކެނެޑާއަތުން ދޭއް އެކަކުން މޮޅުވުމުންނެވެ. އެމެޗަށްފަހު ކެނެޑާގެ ސަޕޯޓަރުން ތިބީ ބޯނޯއާމެދު ވަރަށްވެސް ބޮޑަށް ނުރުހިފައެވެ. އުފަން ގައުމު ކަޓުވާލީތީއެވެ. ކެނެޑާއަށް ނުކުޅެ މޮރޮކޯ އިޚުތިޔާރު ކުރީތީއެވެ.
މިހާރު އުމުރުން 31 އަހަރުވީ ބޯނޯއަކީ އިސްކޮޅުންވެސް ނުހަނު ދިގު ކީޕަރެކެވެ. ޖުމްލަ ހަފޫޓު ހަތަރު އިންޗީގެ އިސްކޮޅެއް ލިބިގެންވެއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ އިސްކޮޅުން އެންމެ ދިގު ގޯލްކީޕަރަކަށް ނުވިއަސް އޭނާ ހިމެނެނީ އެންމެ ދިގު ކީޕަރުންގެ ތެރޭގައެވެ. ބެލްޖިއަމްގެ ކީޕަރު ކޯޓުއާ އެއަށްވުރެ ދިގެވެ. ކޮންމެއަކަސް ބޯނޯ ކެނެޑާ ދޫކޮށް މޮރޮކޯއަށް ހިޖުރަކުރީ އޭނާގެ އުމުރުން ގާތްގަޑަކަށް ހަތަރު ފަސް އަހަރުގެ ތެރޭގައި މައިންބަފައިންނާއެކުގައެވެ. ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ބިންގައު އެޅުނީ މޮރޮކޯގައެވެ. އޭނާގެ ފުރަތަމަ ކުލަބަކީ މޮރޮކޯގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ވިދާދު ކަސަބްލަންކާއެވެ. އެއީ 2010 ވަނަ އަހަރުން 2012 އަށެވެ. އެއަށްފަހު ދެން ބޯނޯގެ ދިރިއުޅުން ބަދަލުވީ އަވަށްޓެރި ސްޕޭނަށެވެ. ކުޅެމުން އަންނަނީ ސްޕޭނުގައެވެ.
ސްޕޭނުގައި ބޯނޯގެ ފުރަތަމަ ކުލަބަކީ އެތުލެޓިކޯ މެޑްރިޑެވެ. އެކުލަބުގައި ދެމިހުރީ 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު ކުޅުނީ ރެއާލް ޒަރަގޯޒާއަށެވެ. ދެން ގިރޯނާއަށެވެ. އޭނާގެ މިހާރުގެ ކުލަބް ކަމަށްވާ ސެވިއްޔާއަށް ބަދަލުވީ 2019 ގައެވެ. އެއަހަރު ސެވިއްޔާއަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑުކޮށް ފެނުނީ ބޯނޯގެ ދައުރެވެ. ސެމީފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި އަދި ފައިނަލްގައި އިންޓަރ މިލާނާ ދެކޮޅަށް ބޯނޯ ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. ބޯނޯ ފާހަގަ ކުރެވެނީ ހަމައެކަނި ގޯލް ދިފާއުކުރާ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. ސްޕޭނުގެ ލީގުގައި އޭނާ ވަނީ ލަނޑުވެސް ޖަހައިފައެވެ. ސެވިއްޔާއާއި ވަޔަޑޮލިޑް 2020 ވަނަ އަހަރު ކުޅުނު ލީގު މެޗެއް އެކެއް އެކަކުން އެއްވަރުވިއިރު ސެވިއްޔާގެ ގޯލް ޖަހައިދިނީވެސް ބޯނޯއެވެ.
މޮރޮކޯގެ ވިހިއަހަރުން ދަށުގެ ގައުމީ ޓީމަށް ބޯނޯ އެންމެ ފުރަތަމަ އެރީ 2011 ވަނަ އަހަރުގައެވެ. އެގައުމުގެ 23 އަހަރުން ދަށުގެ ޓީމަށް އެރީ 2012 ގައެވެ. އެއަށްފަހު މޮރޮކޯގެ ސީނިއަރ ގައުމީ ޓީމަށް ކުޅެމުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ސީނިއަރ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ބުރުކީނަފާސޯއާ ދެކޮޅަށް މޮރޮކޯގެ ޓެންޖިއަރސްގައި ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗުން ބޯނޯގެ މޮރޮކޯ ބަލިވީ ދޭއް އެކަކުންނެވެ. ބޯނޯ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕުގައިވެސް ކުޅެފައެވެ. އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ މުބާރާތްކަމުގައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައިވެސް އެތައް އަހަރަކު ކުޅެފައިވެއެވެ. ބޯނޯގެ މޮޅު ކުޅުން އެންމެ ބޮޑަށް ފެނިގެންދިޔައީ 2019 ވަނަ އަހަރު މިސްރުގައި ކުޅުނު އެފްރިކާ ކަޕް އޮފް ނޭޝަންންސް ގައެވެ.
ބޯނޯ އެންމެ ކުޑައިރު ވާހަކަ ދައްކައި އުޅުނީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހުން ކަމަށްވިޔަސް އަދި މިހާރު ސްޕޭނުގައި ކުޅެން ޖެހުމުން އެބަހަކަށް އޭނާ އެންމެ ފަރިތައީ ސްޕޭނު ބަހަށް ކަމުގައިވިޔަސް އަރަބި ބަހަކީ ބޯނޯ އެންމެ ލޯބިވާ ބަހެވެ. އެކަން އެނގެނީ ކެމެރޫނުގައި ހުސްވި 2021 ވަނަ އަހަރު ބޭއްވުނު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތެރޭގައި ހިނގައިދިޔަ ކަމަކުންނެވެ. އަރަބި ބަހުގެ ދިފާއުގައި ބޯނޯ ކުރި ކަންކަމުގެ ސަބަބުން އޭނާގެ ވާހަކަ ނޫސްތަކުގައި ލިޔުނެވެ. ނޫސް ކޮންފަރެންސްތަކުގައި އަރަބި ބަސް ނޫން އެހެން ބަހަކުން ވާހަކަ ދައްކަން އޭނާ ދެކޮޅު ހެދިއެވެ. އަމްދުން ފަރަންސޭސި ބަހުން ވާހަކަ ނުވެސް ދެއްކިއެވެ. އޭނާއަށް އެބަސް ނޭނގިގެނަކުން ނޫނެވެ. އޭނާ އެތަނަކަށް އުފަންވި މޮންޓްރިއާލްގެ ބަހަކީވެސް ފަރަންސޭސި ބަހެވެ.