އިންގްލެންޑަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ޑިފެންޑަރު ހެރީ މެގުއާ ބުނެފިއެވެ.

އިންގްލެންޑުން މިފަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. އިންގްލެންޑުން ގަދަ 16 ގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް 3-0 އިން ބަލިކޮށްފައިވާ އިރު، އެޓީމަށް ދެން އޮތް އެންމެ ބޮޑު ޗެލެންޖަކީ ފްރާންސެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެ، އިންގްލެންޑުން ވަނީ 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅެފައެވެ. އިންގްލެންޑުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ 1966 ވަނަ އަހަރު އެކަންޏެވެ. އެ ތާރީހީ ކާމިޔާބު އަލުން ހޯދުމަށް އާ ޖީލެއްގެ މަސައްކަތް އިންގްލެންޑުން ކުރަމުން އަންނަ އިރު، އެޓީމުން ވަނީ އެންމެފަހުން ބޭއްވި ޔޫރޯގެ ފައިނަލްގައިވެސް ކުޅެފައެވެ. ޓީމުގެ ޑިފެންސްގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ މެގުއާގެ ނަޒަރުގައި ވޯލްޑް ކަޕް ނެގޭނެ ކަމަށް ޓީމުން ގަބޫލުކުރެއެވެ.

"2018 ވަނަ އަހަރުގެ ސްކޮޑާ، މިހާރު އޮތް ސްކޮޑާ އެންމެ ބޮޑަށް ތަފާތުވާ ސަބަބަކީ މި ޓީމުން ގަބޫލުކުރާ ގަބޫލުކުރުން. ވޯލްޑް ކަޕް ނެގޭނެ ކަމަށް މި ޓީމުން ގަބޫލުކުރާނެ. ހަމަ ހަގީގަތަށްވެސް އެގޮތަށް ގަބޫލުކުރޭ،" މެގުއާ ބުންޏެވެ.

މެގުއާ މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމުން އެކަމުގެ ފާޑު ކިޔުން ކޯޗު ގެރެތު ސައުތުގޭޓަށް އަމާޒުވެފައިވެއެވެ. ޔުނައިޓެޑާއެކު މިދިޔަ ދެތިން ސީޒަނެއްގައިވެސް މެގުއާގެ ފޯމް ދަށްކޮށް ފެނުނު އިރު، މި ސީޒަނުގެ ކުރީކޮޅުގައިވެސް މެގުއާއަށް ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ހޯދަންވެސް ވަނީ އުނދަގޫވެފައެވެ.

"މީގެ ކުރިން 2018 ވަނަ އަހަރު ޓީމުން ސެމީ ފައިނަލް ކުޅެ ގައުމަށް ދިޔައީ ހީރޯއިންގެ ގޮތުގައި. އެކަމަކު މިހާރު އެ ވިސްނުން ބަދަލުވެއްޖެ. ބަދަލުވި ހިސާބަކީ، މިހާރު ޓީމުގެ މެންޓާލިޓީގައި އޮތީ ތަށި ހޯދުން. ތަށި ހޯދުން ނޫން އެހެން ކާމިޔާބަކީ މާ ބޮޑު ކާމިޔާބީއަކަށް ނުވާނެ. މިހެން ބުނާއިރު އަހަންނަށް އެނގޭ އެ ވިސްނުމުގައި މި ވޯލްޑް ކަޕްގައި ހައެއްކަ ޓީމު އުޅޭނެކަން. އެކަމަކު ބުނަން ޖެހެނީ އޭގެ އެއްޓީމަކީ އިންގްލެންޑޭ،" މެގުއާ ބުންޏެވެ.

ޔުނައިޓެޑްގައި މެގުއާގެ ފޯމް ދަށް ނަމަވެސް، ގަތަރު ވޯލްޑް ކަޕްގައި މިހާތަނަށް އިންގްލެންޑުން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އޭރިއާ ތެރެއަށް އަންނަ ހުރަސްތައް ދިފާއުކުރުމުގައިވެސް މެގުއާ ވަނީ ތަފާތު ދައްކާފައެވެ.

"ފާޑުކިޔާފަ ހުންނަ ހަބަރުތައް އަހަރެން ވަރަށް ނުކިޔަން. އާއިލާ މީހުން ގާތުވެސް އަހަރެން ބުނަން ސޯޝަލް މީޑިއާއާވެސް ދުރުވާން. އެކަމަކު އެކަމެއް މި ޒަމާނަކު ނުވާނެ. އެ ހުރިހާ ފާޑު ކިޔުންތަކާއެކުވެސް އަހަރެން ފަހުރުވެރިކަމާއެކު ބުނަން ބޭނުންވޭ، އުމުރުން 29 އަހަރުގައި އަހަރެން މިހުރީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެންނޭ. ގައުމީ ޓީމަށް 52 މެޗުވެސް ކުޅެވިއްޖެ،" މެގުއާ ބުންޏެވެ.

މެގުއާ ބުނީ ކެރިއަރުގައި މިދިޔަ ދެތިން އަހަރު އެންމެ ރަނގަޅަށް ނުކުޅެވޭކަން ގަބޫލުކުރާ ކަމަށާއި، އެކަން ބަދަލުކޮށް ތަށިތައް ހޯދުމުގެ މަސައްކަތަށް ތައްޔާރު ކަމަށެވެ.