މިފަހަރުގެ ވޯލްޑް ކަޕަށް ތަށި ދިފާއުކުރަން ދިޔަ ފްރާންސަކީ މުބާރާތުގެ ކުރިން އަނިޔާގެ އެންމެ ގިނަ މައްސަލަތައް ދިމާވި އެއް ޓީމެވެ. ފްރާންސްގެ ވޯލްޑް ކަޕްގެ ސްކޮޑު އިއުލާންކުރުމުގެ ކުރިން، 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔަ ޓީމުގެ އެންމެ މުހިއްމު ދެކުޅުންތެރިން، ޕައުލް ޕޮގްބާއާއި އެންގޯލޯ ކާންޓޭއަށް އަނިޔާވެ، މިފަހަރުގެ ވޯލްޑް ކަޕަށް ނުދެވޭނެކަން އެނގުނެވެ. ސްކޮޑު އިއުލާން ކުރި ފަހުންވެސް އެޓީމަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އޭގެ ތެރޭގައި ކަރިމް ބެންޒެމާއާއި ކްރިސްޓޮފާ އެންކުންކޫ ހިމެނެއެވެ.

މިޑްފީލްޑަށް ދިމާވި މައްސަލަ ހައްލުކުރަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސްއަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ބޭނުން ކުރަން ޖެހުންވެގެން ދިޔައީ އެކަމާ މެދު ބައެއް ނޫސްވެރިންނާއި، މީޑިއާތަކުން ސުވާލު އުފެއްދި ކަމަށެވެ. ޓީމެއްގެ ފުޓުބޯޅައިގެ ފެންވަރު މެދުތެރެއަށް ބަރޯސާވެފައިވާ ޒަމާނެއްގައި ފްރާންސް ފަދަ ގައުމެއްގެ މެދުތެރޭގައި ވޯލްޑް ކަޕެއް ކުޅެލަން ޒުވާން ކުޅުންތެރިން އެކަނި ބޭނުންކޮށްގެން ފުއްދާލެވޭނެތޯ އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

މެދުތެރެއަށް ބޭނުންވާ ތަޖުރިބާ ކޯޗު ޑިޝޭމްޕްސް ހޯދީ ތަފާތު އުކުޅަކުންނެވެ. ފްރާންސްގެ ތަރިއަކީ މިހާތަނަށް ކިލިއަން އެމްބާޕޭ ނަމަވެސް، އެޓީމުގެ މެދުތެރެއިން ކުޅޭ ރޯލު ވަކި ކުޑައެއް ނޫނެވެ. އޮރެލިއެން ޗުއެމެނީއާއި އަޑްރިއަން ރެބިއޯގެ އިތުރުން ކޯޗު ޑިޝޭމްޕްސް އިތުބާރުކުރީ އެންޓޮއިން ގްރީޒްމަންއަށެވެ. ގްރީޒްމަންއަކީ އާންމުކޮށް އެޓޭކިން، ސެކަންޑް ސްޓްރައިކަރެއް ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް ޓީމުގައި އޭނާ ކުޅޭ ރޯލު ތަފާތެވެ. ކްލަބު ފުޓުބޯޅައިގައި، ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޅުމެއްގެ ތެރޭގައި އުޅުމަށްފަހުވެސް ފްރާންސްގައި އޭނާ ދައްކަނީ މުހިއްމު ކުޅުމެކެވެ.

"އަހަރެން ކުޅެނީ ވަރަށް ބޮޑަށް ފްރީ ރޯލެއްގައި. އަހަރެންގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންނަކީ އެޓޭކިން މޮޅު ތިން ކުޅުންތެރިން. ކުރިން އަހަރެން އެޓޭކްގައި އިދިކޮޅު ޓީމުގެ އޭރިއާ ގާތުން ކުޅެމުން ދިޔަ ނަމަވެސް، މިހާރު އަހަރެން ކުޅެނީ ޒިންމާ ބޮޑު މަގާމެއްގައި. އަހަންނަށް މެޗަކު 50 ޝޮޓް ހަދަން ފުރުސަތު ނުލިބުނަސް، ގޯލެއް ނުޖެހުނަސް އެކަމާ ފަރުވާލެއް ނެތް. އަހަންނަށް ހީވަނީ މި ދަނޑިވަޅުގައި ފްރާންސަށް އަހަރެން ބޭނުންވަނީ ޓީމުގެ ހިތެއްގެ ގޮތުގައިހެން. ބެލެންސް ވާނީ އޭރުން،" ގައުމީ ޓީމަށް 42 ގޯލް ޖަހައިދީފައިވާ ގްރީޒްމަން ބުންޏެވެ.

މި ސީޒަން އެތުލެޓިކޯ މެޑްރިޑުން ގްރީޒްމަން ފެށީ ލޯނު އެއްބަސްވުމެއްގައި ހުރެގެންނެވެ. އޭނާ ބާސެލޯނާގައި މާ ބޮޑު ކާމިޔާބީއެއް ނުހޯދި އެތުލެޓިކޯއަށް ދިޔައީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ ލޯން އެއްބަސްވުމުގެ މާއްދާތަކުގެ ސަބަބުން އެތުލެޓިކޯގެ މެޗުތަކުގައި އޭނާއަށް ކުޅެންވެސް ފުރުސަތު ގެއްލުނެވެ.

ލޯން އެއްބަސްވުމުގައި ބާސާއިން ވަނީ ގްރީޒްމަން ގަތުމަށް އެތުލެޓިކޯއަށް މަޖުބޫރުވާނެ މާއްދާއެއް ހިމަނައިފައެވެ. އެއީ އެތުލެޓިކޯގެ މެޗުތަކުގައި ގްރީޒްމަން 50 ޕަސެންޓް މިނެޓު ކުޅެ، ވަކި ވަރަކަށް މެޗު ހަމަވެއްޖެ ނަމަ، ބާސާއަށް ގްރީޒްމަންގެ ޓްރާންސްފާ ފީއަކަށް އެތުލެޓިކޯއިން 40 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަހަލަ މާއްދާއެކެވެ.

އެ މާއްދާގެ ޝަރުތު ހަމަނުކުރުމަށް މި ސީޒަނުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޯ ގްރީޒްމަން ބޭނުންކުރަމުން ދިޔައީ ކޮންމެ މެޗެއްގެވެސް ފަހު 30 ވަރަކަށް މިނެޓަށެވެ. އެކަމުގެ ސަބަބުން ދެ ކްލަބުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެ، ބާސާއިން ވަނީ އެތުލެޓިކޯ ގޮވައިގެން ކޯޓަށްވެސް ދާން މަސައްކަތްކޮށްފައެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ގްރީޒްމަންއަށް ހިންދެމިލެވުނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދެ ކްލަބުން އެއްބަސްވުމަކަށް އައީ ޓްރާންސްފާ ދާއިމީ ކޮށްގެންނެވެ. ގްރީޒްމަންގެ ސޮއި އެތުލެޓިކޯއިން ހޯދީ 2026 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އެކުލަވައިލާ ގޮތަށެވެ.

ޔޫރޯ 2016 ވަނަ އަހަރު މުބާރާތުގައި ހަ ގޯލް ޖަހައި، ގްރީޒްމަންއަކީ އެ މުބާރާތުގެ ޓޮޕް ސްކޯރާއެވެ. ފައިނަލްގައި ޕޯޗުގަލް އަތުން ފްރާންސް ބަލިވި އިރު، ގްރީޒްމަން ވަނީ 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެމްޕޭނުގައިވެސް ހަތަރު ގޯލް ޖަހައިފައެވެ. ގޯލްތައް ޖެހުމުގެ ހުނަރުހުރި ގްރީޒްމަންއަށް މިހާރު ކުރަން ޖެހޭ ކަމަކީ، މުހިއްމު ޕާސްތައް ޖަހައި، ބުރަކޮށް މަސައްކަތްކޮށް، ކާންޓޭއާއި ޕޮގްބާގެ ރޯލު އަދާކުރުމެވެ. ކޯޗުންގެ ނަޒަރުގައި އޭނާ އެމަގާމަށް ފިޓެވެ.

"ގްރީޒްމަންއަކީ ތަފާތު އެކިއެކި މަގާމުތަކަށް ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިއެއް. ޕާސް ޖެހުމުގެ ގާބިލުކަން ބޮޑު. މެދުތެރޭގައި ކުރަން ޖެހޭ ބުރަ މަސައްކަތް ކުރަންވެސް ތައްޔާރުވާނެ. އަލަށް މި ކުޅުވާ މަގާމު އޭނާއަށް ފިޓްވޭ. ގްރީޒްމަން ހިނިތުންވެލާފައި ކުޅުން އެއީ އެންމެ މުހިއްމު ކަންތައް،" ފްރާންސްގެ އެސިސްޓެންޓް ކޯޗު، ގާއީ ސްޓެފަން 31 އަހަރުގެ ގްރީޒްމަންއާ ގުޅޭ ގޮތުން ބުންޏެވެ.

ފްރާންސަށް މެދުކެނޑުމެއް ނެތި، ޖެހިޖެހިގެން 71 މެޗުގައި ގްރީޒްމަން ކުޅެފައިވާ އިރު، ޖެހިޖެހިގެން އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑުވެސް އޮތީ އޭނާ އަތުގައެވެ. ކުރިން އެ ރެކޯޑު އޮތީ ޖެހިޖެހިގެން 44 މެޗެއްގައި ފްރާންސަށް ކުޅުނު 1998 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޕެޓްރިކް ވިއެރާ އަތުގައެވެ.

ގްރީޒްމަންގެ ކްލަބު ސީޒަނުގެ ފެށުން ދިޔައީ ރަނގަޅަށް ނޫން ނަމަވެސް، ޑިޝޭމްޕްސްގެ އިތުބާރު އަބަދުވެސް އޭނާއަށް އެބައޮތެވެ. އުމުރުން އެންމެ 22 އަހަރުގެ ގްރީޒްމަންއަށް އިތުބާރުކޮށް، ފުރަތަމަ ގައުމީ ޖާޒީގެ ފުރުސަތެއް 2014 ވަނަ އަހަރު އޭނާއަށް ދިން ކޯޗަކީވެސް ޑިޝޭމްޕްސްއެވެ. ގްރީޒްމަން އާދަކުރަމުން އަންނަނީ އެ ފުރުސަތުގެ ޒިންމާއެވެ.

"އަހަރެން ކޯޗަށް އަދާކުރަން ޖެހޭ އިހުތިރާމެއް އޮންނާނެ. އެއީ ޑިޝޭމްޕްސްއަކީ އަހަރެން ގައުމީ ޖާޒީ ލައްވަދިން ކޯޗު. އަހަރެން މި ޖާޒީއަށް ހުރިހާ ބުންވަރެއް ދޭނަން. އަހަރެން އަބަދުވެސް ޑިޝޭމްޕްސްއަށް އަހަރެންގެ ފެންވަރު ސާބިތުކޮށްދޭނަން. އޭނާގެ ނަންބަރު ހަތެއްގެ ޖާޒީގެ ޝަރަފު ހިފަހައްޓަން މަސައްކަތްވެސް ކުރާނަން،" ގްރީޒްމަން ބުންޏެވެ.

ފްރާންސުން މި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނުކުންނަން ޖެހޭނީ އިންގްލެންޑާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގައެވެ.