ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަމާޒަކީ ފްރާންސްގެ ތަރި ކިލިއާން އެމްބާޕޭ ހުއްޓުވުން ކަމަށް އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ ބުނެފިއެވެ.
ކުއާޓާގައި އަންނަ ހޮނިހިރު ދުވަހު އިންގްލެންޑުން ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށެވެ. ފްރާންސްގެ ޓީމުން އެންމެ ރަނގަޅު ފޯމުގައި ހުރި އެއް ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. މުބާރާތުގައި ފަސް ގޯލު ޖަހައި، މިވަގުތު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގައި ހުރީވެސް އެމްބާޕޭއެވެ.
"އަހަރެންނަށް އޮތް ޒިންމާ ވަރަށް ރަނގަޅަށް އެނގޭ. ޔަގީނުން ވެސް އެ މަސައްކަތަކަށް ވާނީ އެމްބާޕޭ ހުއްޓުވުން،" މެންޗެސްޓާ ސިޓީގެ ފުލްބެކް ވޯކާ ބުންޏެވެ.
ވޯކާ ބުނީ އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ކަމަށާއި މެޗުގައި އެމްބާޕޭ ހުއްޓުވުމަށް ތައްޔާރު ކަމަށެވެ. ފްރާންސްގެ ސްކޮޑުގައި އެމްބާޕޭގެ އިތުރުން މޮޅު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"މިއީ އިންގްލެންޑާއި އެމްބާޕޭގެ ކުރިމަތިލުމެއް ނޫން. މިއީ އިންގްލެންޑާއި ފްރާންސްގެ ކުރިމަތިލުމެއް. ފްރާންސްގެ ކާމިޔާބީގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެމްބާޕޭ. އެކަމަކު އެޓީމުގައި ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކުރި މޮޅެތި ކުޅުންތެރިންތަކެއް ވެސް އެބަތިބި. އެ ކުޅުންތެރިންނަށް ސަމާލުކަން ދޭން ޖެހޭނެ،" އޭނާ ބުންޏެވެ.
ވޯކާ އިތުރަށް ބުނީ ފްރާންސަށް ގިނަ ގޯލުތަކެއް ކާމިޔާބުކޮށްދިން އޮލިވިއާ ޖިރޫ އާއި އޮސްމާން ޑެމްބެލޭ މަތިން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެ ކުޅުންތެރިންނަކީ މައްސަލަތައް ކުރިމަތިކުރެވިދާނެ ފަދަ ހުނަރުވެރި ކުޅުންތެރިން ކަމަށެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އިންގްލެންޑުން ފްރާންސްއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022