މިފަހަރުގެ ވޯލްޑްކަޕުގައި އެންމެ ގިނަބަޔަކު ދައްކަނީ ހުޅަނގުގެ ގައުމުތަކުން ގަތަރާއި މެދު ގެންގުޅޭ ހަސަދައާއި ދެފުށްދެގޮތް، އަދި ވޯލްޑްކަޕް ބޮއިކަޓް ކުރުމުގެ ވާހަކަތަކެވެ. މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ވޯލްޑްކަޕް ތައްޔާރީތަކުގެ ތެރޭގައި ހިންގާފައިވާ އެކިއެކި ކަންކަމާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން ބުނަމުންދަނީ ގަތަރުގައި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ނުކުރެވި، މަޖުބޫރުން ގިނަ ވަގުތު އަޅުމަސައްކަތް ކުރުވިކަމަށާއި އެކަމުގެ ތެރޭގައި ގިނަބަޔަކު މަރުވެފައިވާ ވާހަކަތަކެވެ. ހުޅަނގުން އެދޭ މިނިވަންކަން ވޯލްޑްކަޕް ބާއްވާ ދުވަސްވަރު ނުލިބޭ ވާހަކަތަކުގެ އަޑު ގަދަވެ ވޯލްޑްކަޕް ފެށެން 2 ދުވަހަށް ވުމުން ރާ (ބިޔަރު) ދަނޑަށް ނުވެއްދޭކަން އިއުލާނު ކުރުމުން ޔޫރަޕް މީހުންގެ ރުޅިގަނޑުވަނީ އިތުރަށް ފަޅައިގެންވެސް ގޮސްފައެވެ.
އެހެން ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް ވޯލްޑްކަޕް މިވަނީ ފެށިގެން ގޮސްފައެވެ. ވޯލްޑްކަޕް ބާއްވަމުން އެދަނީ ހޫނުގަދަ އަރަބި ސަހަރާތަކުން ފުރިފައިވާ ގައުމެއްގައެވެ. ވޯލްޑަޕް ބޭއްވުމަށް ގަތަރު ބިޑް ކާމިޔާބު ކުރުމާއިއެކު ޔޫރަޕް މީހުން ކުރަމުންދިޔަ އެއް ޝަކުވާއަކީ ފުޓްބޯޅަ ކުޅެ މީހުންނާއި ދަނޑަށް ކުޅި ބަލަން ވަންނަ މީހުންނަށް ގަތަރު މާ ހޫނުވާނެ ކަމުގެ ޝަކުވާއެވެ.
އެހެން ނަމަވެސް ގަތަރުގައި ބާއްވާ ވޯލްޑުކަޕުން ދައްކަމުން އެދަނީ ޓެކްނޮލޮޖީގެ ދާއިރާއިންވެސް ގަތަރު ކުރިއަރާފައިވާ މިންވަރެވެ. މިއީ ޔޫރަޕްގެ ގައުމުތަކަށް ފިނިމޫސުން ފެށިގެން އަންނަ ދުވަސްވަރު ނަމަވެސް ގަތަރުގެ ފިނިހޫނުމިން މިދުވަސްވަރު ވެސް ހުންނާނެ ކަމަށް ލަފާ ކޮށްފައިވަނީ 26 ނުވަތަ 27 ހަކަށް ޑިގްރީ ގައެވެ. ނަމަވެސް ގަތަރުގެ މަޝަހޫރު ޑރ ކޫލް ނުވަތަ އަސްލުނަމުންނަމަ ޑރ ސައުދު އަބްދުލްއަޒީޒް އަބްދުލްޤަނީ ގެ މޮޅު އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ވޯލްޑްކަޕް ބާއްވާ ހުރިހާ ދަނޑުތަކެއް ވަނީ ފިނިކޮށްފައެވެ. ފުޓުބޯޅަ ކުޅޭ މަތި ހުޅުވާލެއިފައިވާ މާ ސިންގާ ބޮޑެތި ދަނޑުތައް މިގޮތަށް ފިނިކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ޓެކްނޮލޮޖީގެ ރޮނގުން ގަތަރު މި ދައްކަނީ ޔޫރަޕް މީހުންވެސް ލަދުގަންނަވަރުގެ އައު ޓެކްނޮލޮޖީ އާއި އެންމެ ޒަމާނީ އީޖާދުތަކެވެ. އެގޮތުން ސަޕޯޓަރުން އިށީންނަ ކޮންމެ ގޮނޑިއެއްގެ ދަށުން ފިނި ވައިދައުރުވާނެ ގޮތްވެސްވަނީ ހަދާފައެވެ.
ފުޓްބޯޅަ ކުޅޭ ބޮޑެތި ސުޓޭޑިއަމް ތަކަކީ އުޑުފެންނަހެން މަތި ހުޅުވިފައި ހުންނަން ޖެހޭ ދަނޑުތަކެއް ނަމަވެސް ކޮންމެ ދަނޑެއްގެ ފުރާޅު މަތިން، ޕުރެޝަރުގައި ފެން ސުޕުރޭ ކުރެވި ދަނޑުގައި ތިބޭ ކުޅުންތެރިންނަށްވެސް ފިނިކަން އިހުސާސް ކުރެވޭނެ ޓެކްނޮލޮޖީވަނީ ގާއިމުކުރެވިފައެވެ. ދަނޑުގެ ވިނަގަނޑާއި ހަމައިންފެށިގެން ވައި ދައުރުވާނެ ހުރިހާ ގޮތެއް ފުރިހަމަ ކުރެވިފައިވާ، އެތައްހާސްބަޔަކު ކުޅިބަލަން ވަންނަ މި ދަނޑުތަކުގައި ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފިނިހޫނުމިން ކޮންޓުރޯލް ކުރާތީއެވެ. އެގޮތުން ކޮންމެ ދަނޑެއްގެ ކައިރީގައި ބޮޑެތި ފެންކޯރުތައް ހަދައި އެ ކޯރުތަކުން މި ދަނޑުތަކުމަތީންނާއި ތިރިން ފެން ސްޕުރޭ ކުރެވި ކުޅިބަލަން ވަންނަ މީހުން ތިބޭ ހިސާބުތަކަށް ސާފު ފިނި ވައި ދައުރުވާނެ ގޮތް ޑރ ކޫލްގެ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި މިވަަނީ ވަރަށްވެސް ފުރިހަމައަށް ފަރުމާކޮށް ގާއިމު ކޮށްފައެވެ.
ވޯލްޑްކަމުގެ މެޗްތައް ކުރިޔަށްދާއިރު ސަޕޯޓަރުންނާއި ކުޅުންތެރިންވެސް މި ފުރިހަމަ ސުޓޭޑިއަމްތަކުގެ ވާހަކަ ދައްކަނީ އަޖައިބުވެ ތިބެއެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި މިފަދަ އެތަކެއް ޓެކްނޮލޮޖީއެއް އަންނަނީ ބޭނުން ކުރަމުންނެވެ. ޔޫރަޕާއި އެމެރިކާ އަދި އިނގިރޭސި މީޑިއާތަކުން މިފަހަރުގެ ވޯލްޑްކަޕް ބާއްވާ ގަތަރުން ކޮށްފައިވާ ބުރަ މަސައްކަތް ފަނޑުކޮށްލުމަށް ދައްކާ ވާހަކަތަކުގެ ސަބަބުން މިފަދަ އެތަކެއް އީޖާދީ ޓެކްނޮލޮޖީގެ ވާހަކަތައް މާބޮޑަށް ވައިގައި ނުހިފިނަމަވެސް ތާރީހީ މި ވޯލްޑްކަޕް ނިމިގެންދާއިރު މީވެސް ހާމައަށް ފެންނަ ޓެކްނޮލޮޖީގެ ދާއިރާއިން އެތައް ބަޔަކު ހައިރާން ކޮށްލާނެ ބުރަ މަސައްކަތެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ