Close
ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑްކަޕުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ނަސީބުދެރަ ޓީމަކީ ސްޕޭނެވެ.

އިމާދު ލަތީފު

ވޯލްޑްކަޕުގެ ދެވަނަ ބުރުގައި މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ސްޕޭނު ބަލިވީމާ ވޯލްޑްކަޕުގެ އައު ރިކޯޑެއް ސްޕޭނަށް ވަނީ ލިބިފައެވެ. އެއީ ވޯލްޑްކަޕުގައި ޕެނަލްޓީ ޖަހައިގެން ހަތަރު ފަހަރު ބަލިވި ހަމައެކަނި ޓީމުކަމަށްވުމުގެ ރިކޯޑެވެ. މި ރިކޯޑުގެ އިތުރަށް އެހެން ރިކޯޑަކާ ވަނީ އެއްވަރުވެސް ކުރެވިފައެވެ. އެއީ ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ޕެނަލްޓީއެއްވެސް ވައްދައިނުލެވި 2006 ވަނަ އަހަރު ސުވިޒަރލެންޑަށް ލިބިފައިއޮތް ރިކޯޑެކެވެ. ސްޕެއިނަށް އެންމެ ޕެނަލްޓީއެއްވެސް ވައްދައިނުލެވުނެވެ. އެހެންވީމާ ސުވިޒަރލެންޑުގެ ރިކޯޑާ އެއްވަރުވީއެވެ. ޕެނަލްޓީ ޖަހައިގެން ވޯލްޑްކަޕްގައި ސްޕެއިން މީގެކުރިން ބަލިވެފައިވާ ތިންފަހަރަކީ 1986 ވަނަ އަހަރުގެ ކުއާޓަރ ފައިނަލުގައި ބެލްޖިއަމް އަތުން، 2002 ގެ ކުއާޓަރ ފައިނަލުގައި ދެކުނު ކޮރެޔާ އަތުން، އަދި 2018 ގެ ދެވަނަ ބުރުގައި ރަޝިޔާ އަތުންނެވެ.

މޮރޮކޯއާ ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓަކަށް ނުކުތްއިރު ސްޕެއިނަށް ވޯލްޑްކަޕްގެ ތާރީޚުގައިވެސް ޕެނަލްޓީ ޖަހައިގެން ކުރިހޯދުނީ އެންމެ ފަހަރަކުއެވެ. އެއީ 2002 ގެ ވޯލްޑްކަޕުގެ ދެވަނަ ބުރުގައި ރިޕަބްލިކް އޮފް އަޔަލެންޑް އަތުންނެވެ. އެހެންވީމާ މޮރޮކޯއަތުން ވީބައްޔާއެކު ވޯލްޑްކަޕުގައި ޕެނަލްޓީ ޖަހައިގެން ސްޕޭނަށް މިހާތަނަށް ނެރެވިފައިވާ ނަތީޖާއަކީ ހަތަރެއް އެކަކުން ބަލިވުމުގެ ނަތީޖާއެކެވެ. ހަތަރުފަހަރު ބަލިވީއެވެ. އެއްފަހަރު މޮޅުވީއެވެ. ވޯލްޑްކަޕުގައި އެންމެ ގިނައިން ޝޫޓްއައުޓްގައި ބަލިވުމުގެ ދެރަ ރިކޯޑާއެކުގައެވެ. އެންމެ ގިނަ ޝޫޓްއައުޓުން މޮޅުވުމުގެ ރިކޯޑް އޮތީ އާޖެންޓީނާއަށެވެ. އެއީ ހަތަރު މޮޅެވެ. ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. ބަލިވެފައިވަނީ 2006 ގެ ކުއާޓަރ ފައިނަލުގައި ޖަރުމަނީ އަތުންނެވެ.

މެޗުގެ ކުރިން ޕެނަލްޓީއަށް ފަރިތަކުރިތަ؟

ސްޕޭނުގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިއޮތީ މިހެންނެވެ. އަހަރެން ހީކުރާގޮތުގައި ހުރިހާ ކުޅުންތެރިން އެތިބީ ޕެނަލްޓީއަށް ހޯމްވާކް ހަދައިގެންނެވެ. މިއަދަކު ނޫނެވެ. ވަރަށް ކުރީން މިކަން ފަށައިފީމެވެ. މީގެ އަހަރެއް ކުރިން ބޭއްވުނު ކޭމްޕަކާ ހަމައިން ސީދާ މިކަމަށް ފޯކަސްކުރަން އޮތީ ފެށިފައެވެ. ފާއިތުވި ބާރަމަސް ދުވަހުގެ ތެރޭގައި ހުރިހާ ކުޅުންތެރިން މިއައީ ޕެނަލްޓީއަށް ފަރިތަކުރަމުންނެވެ. އެންމެހައި ކުޅުންތެރިންނަށް އަހަރެން އެންގީމެވެ. ގަތަރަށް އަންނަންވާއިރަށް ކޮންމެ ކުޅުންތެރިއަކުވެސް މަދުވެގެން އެއްހާސް ޕެނަލްޓީ ފުރިހަމަކުރަންވާނެއެވެ. ގަތަރަށް އައިސްގެން އެކަން ކުރަންޏާ ވަގުތު ފާއިތުވެދާނެއެވެ. ޕެނަލްޓީގެ ވަގުތަކީ އިންތިހާއަށް ނުތަނަވަސްކަމުގެ ވަގުތެކެވެ. ނާރުތަކުގެ މައްޗަށް ބާރު ހިންގައި ޕެނަލްޓީ ފޮނުވައިލާންވީގޮތް ނިންމާނީ އެކުޅުންތެރިއެކެވެ. ޕެނަލްޓީއަކީ މުޅިއަކުން ނަސީބާ ގުޅިފައިވާ އެއްޗެއް ނޫނެވެ.

ބައެއް މީހުން ހީކުރެއެވެ. ޕެނަލްޓީއަކީ ގުރުލުމެކެވެ. ނަސީބެކެވެ. އެއީ މުޅިން ހޮޅި ވިސްނުމެކެވެ. ހަގީގަތެއް ނޫނެވެ. އެކަށީގެންވާ ގޮތަށް ތަމްރީނު ލިބިގެން އެކަށީގެންވާ އިތުބާރާއެކު ކުރަންޏާ އެއީ މެނޭޖްކުރެވިދާނެ އެއްޗެކެވެ. މިކަމުގައި ގޯލްކީޕަރުންގެ ހުޝިޔާރުކަން ވަރަށްވެސް މުހިންމެވެ. އަހަރެމެންގެ ތެރޭގައި މިތިބަ ތިން ކީޕަރުންގެ ތެރެއިން ކޮންމެ ކީޕަރަކު ނެރުނަސް މިކަހަލަ ދަނޑިވަޅެއްގައި ކުރިހޯދާނެ ކަމަށް އަހަރެން ގަބޫލުކުރަމެވެ. އެމީހުންނަށް ފުރިހަމަ އިތުބާރު އެބައޮތެވެ. ކޮންމެ ދުވަހެއްގެ ޕްރެކްޓިހަކަށްފަހުވެސް ކުޅުންތެރިން އަމިއްލައަށް ޕެނަލްޓީއަށް ފަރިތަކުރާ މަންޒަރު އަހަރެން ދެކެމެވެ. އެހެންވީމާ އަހަރެމެން މިތިބީ ޕެނަލްޓީއަށް ނުހަނު ބޮޑަށް ތައްޔާރުވެގެންނެވެ. އެކަމަށް ހާސްވުމެއް، ފިކުރުބޮޑުވުމެއް ނެތެވެ.

މެޗަށްފަހު އެންރީކޭ ބުނީ ކީކޭ؟

މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޫނޫ ހޯދުމަކީ އެއިން ވަރަށް ގިނަ ވާހަކަ ބުނެދޭ ކަމެކެވެ. އަހަރެމެން ވަރަށް ކުޅެފީމެވެ. ކުޅުންތެރިން ކަށިން ހިތްވަރުނެރެ ޒިންމާ އަދާކުރިއެވެ. އެކަމަށްޓަކައި އަހަރެން ފަޚުރުވެރިވަމެވެ. ފުޓްބޯޅަޔަކީ މިކަހަލަ އެއްޗެކެވެ. ޕެނަލްޓީ ޖަހަންވާ ތަރުތީބު ކަނޑައެޅީ އަހަރެންވެ. މިނަތީޖާއަށް ޒިންމާވާނީވެސް އަހަރެންނެވެ. ޕެނަލްޓީ ޖަހަން ފުރުސަތުދިނީ އަހަރެންނަށް ފެނުނުގޮތަށް ދަނޑުމަތީގައި ތިބި އެކަމަށް އެންމެ ބަރާބަރު ކުޅުންތެރިންނަށެވެ. ދެންވެސް މި ލިސްޓު މިގޮތަށް ހަދަން ފުރުސަތު ލިބިއްޖެނަމަ އަހަރެން އިޚުތިޔާރުކުރާނީ ހަމަ އެކުޅުންތެރިންނެވެ. އިތުރު ބަދަލެއް ގެންނަން އަހަރެންނަށް އިޚުތިޔާރު އޮވެއްޖެނަމަ އަހަރެން ބަދަލުކުރާނީ މޮރޮކޯގެ ގޯލްކީޕަރެވެ. ޔާސީން ބޫނޫ އެތާކު ނުބަހައްޓާނަމެވެ. ތަފާތަކީ އޭނާއެވެ.

ބޮޑު މަންޒަރަކީ ކޮބައި؟

ސްޕެއިނުން ކިތަންމެ ރަނގަޅަކަށްވެސް ހޯމްވާކް ހަދައިގެން ތިބިކަން ކޯޗު އެންރީކޭގެ ވާހަކައިން އެނގެއެވެ. އެކަމަކު ގަތަރުގައި މިފަހަރު އެކަމުން ފައިދާއެއް ނުކުރިއެވެ. ސްޕެއިނުގެ ފުރަތަމަ ޕެނަލްޓީ ސަރާބިއާ ފޮނުވައިލީ ގޯލް ދަނޑިއަށެވެ. ސޮލާއާއި ބުސްކެޓްސްގެ ޕެނަލްޓީތައް ކީޕަރު ބޫނޫ ދިފާއުކުރިއެވެ. މޮރޮކޯގެ ބަތޮލަކީ އޭނާއެވެ. މޮރޮކޯގެ ފަހު ޕެނަލްޓީ ފޮނުވައިލީ އަޝްރަފް ހަކީމީއެވެ. އޭނާއަކީ ސްޕެއިނުގެ ވެރިރަށް މެޑްރިޑަށް އުފަން ޒުވާނެކެވެ. ފުޓްބޯޅަ ދަސްކުރީވެސް ސްޕެއިނުންނެވެ. ވޯޓުލަނީވެސް ސްޕެއިނުގެ އިންތިޚާބުތަކުގައެވެ. ކޮނަމެއަކަސް ޕަނެންކާ ސްޓައިލުގެ ޕެނަލްޓީއެއް ކުރިއަށް ފޮނުވާލައިގެން މޮރޮކޯ މޮޅުކޮށްދިނުމަށްފަހު ޕެނަލްޓީ ޖަހަންވާގޮތާމެދު ސްޕެއިނަށް އޭނާ ނަގައި އެދިނީ ވަރަށްވެސް ބޮޑު ފިލާވަޅެކެވެ.