އުރީދޫ މޯލްޑިވްސް އިން ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާކުރުމަށް މި އަހަރު ފެށި ކެމްޕެއިންގެ ދަށުން އިތުރު ތިން ރަށެއްގެ ސިއްހީ މަރުކަޒަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.
މި ކެމްޕޭނުގެ ދަށުން އުރީދޫން ޖުމުލަ 28 ރަށެއްގެ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފައިވެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު ހއ. އަދި ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާ ކޮށްފައިވެއެވެ. އަދި ބ. ކުޑަރިކިލު، ކ. ތުލުސްދޫ އަދި އދ. މާމިގިލީ ސިއްހީ މަރުކަޒަށްވެސް ކިޓުތައް ވަނީ ހަދިޔާކޮށްފައެވެ.
މި ކެމްޕޭނަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި (ގްލޯބަލް ގޯލްސް) ކަމަށްވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލުކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރުމަަށް އުރީދޫން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ހަދިޔާކުރާ މި ހެލްތު ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތައް ހިމެނޭ ގޮތަައް ތައްޔާރުކޮށްފައިވާ ކިޓުތަކެކެވެ.
މި ކެމްޕޭނާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓުތައް ހަދިޔާކޮށް، އެ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނިޔާޒް ވިދާޅުވިއެވެ.
ކޮވިޑުގެ ބަލިމަޑުކަމަށްފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ، އުރީދޫން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސްއަށް އެއްބާރުލުންދީ ކުރިއެރުވުމަށް މުހިންމު ކަމެއް ދީފައެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކުލަބްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫން ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ އުރީދޫ ކަލާ ރަން "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕެއިންގެ ދަށުން ފަން ރަންއަށް ބަދަލުކޮށް، ކޮންމެ އެއް ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަންގެ ގޮތުގައި އަޕްގުރޭޑް ކޮށްފައިވެއެވެ.
މި އަޕްގުރޭޑަކީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށް އުރީދޫން ބުނެއެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރު އުރީދޫން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި އެންމެފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން، ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ.
އަދި ކޮވިޑާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައްވެސް އުރީދޫން ވަނީ ފޯރުކޮށްދީފައެވެ.
އޭގެ އިތުރުން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގުރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ދިވެހި ސަރުކާރަށް ވަނީ 2.5 މިލިއަން ހަދިޔާކޮށްފައެވެ.