ހައި ކޯޓުން ބަލާ އިސްތިއުނާފުގެ ބައެއް މައްސަލަތަކުގައި ލިޔުމުން ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައިކޯޓުގެ "މަދަނީ އިޖުރާއަތުގެ ގަވައިދު" އިސްލާހުކޮށް މިއަދު ގެޒެޓުކޮށްފައިވާއިރު، އެ އިސްލާހުގައި ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކުރުމާއެކު ގަވައިދަށް މައިގަނޑު ދެ ބަދަލެއް ގެނެސްފައިވެއެވެ.
ހައި ކޯޓުން ގެނައި އިސްލާހުގައި މުއްދަތު ގުނާނެ ގޮތަށް ބަދަލު ގެނެސްފައިވާއިރު އެ އިސްލާހުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދަށު ކޯޓުތަކުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅުމަށް ލިބޭ 30 ދުވަހުގެ މުއްދަތާއި ހަ މަސް ދުވަހުގެ މުއްދަތު ގުނުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. ގަވައިދުގައި މިހާރު ބުނެފައި ވަނީ، އެ މުއްދަތު ގުނާނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 424 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ 424 ވަނަ މައްދާގައި ބުނެފައިވަނީ މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާ ނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެ ކަމަށެވެ. ހަތް ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭ ނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައި ނުހިމެނޭނެކަމަށާއި އެ ގާނޫނުގައި، ނުވަތަ ކޯޓު ހުކުމެއްގައި ނުވަތަ ކޯޓު އަމުރެއްގައި ނުވަތަ ކޯޓަކުން ނެރެފައިވާ އެ ނޫން ވެސް އެންގުމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާ ނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެކަމަށެވެ.
އެ މާއްދާގައި އިތުރަށް ބުނެފައިވަނީ ހުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެ ނޫންވެސް އެންގުމެއްގައި މަހަކަށް ހަވާލާދީފައިވާ ނަމަ، އެ ހަވާލާދެނީ މީލާދީ މަހަކަށެވެ. ކޯޓަކުން ކުރާ ހުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެ ނޫން ވެސް ނިންމުމެއްގައި، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބަޔާންކުރާ ނަމަ، އެ މުއްދަތު ހަމަވާ ތާރީހު، މީލާދީ ތާރީހުން ކޯޓުގެ އެ ނިންމުމުގައި ބަޔާންކުރަންވާނެކަމަށާއި. އެއީ އެ ތާރީހުގެ ވަކި ވަގުތެއްގެ ކުރިން ފުރިހަމަކުރަންޖެހޭ ކަމެއް ކަމުގައިވާ ނަމަ، އެ ވަގުތެއް ވެސް ބަޔާންކުރަންވާނެކަމަށާއި ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ތާރީހެއް އެއްވެސް ލިޔުމެއްގައި ބަޔާންކުރާ ނަމަ، އެ ލިޔުމެއްގައި އެ ތާރީހު ބަޔާންކުރަންވާނީ މީލާދީ ތާރީހުންކަމަށްވެސް އެ މާއްދާގައިވެއެވެ.
މަދަނީ އިޖުރާއަތުގެ ގަވައިދަށް ދެން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ އިސްތިއުނާފުތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި އިސްތިއުނާފީ ދައުވާއަށް ލިޔުމުން ޖަވާބު ދިނުމަށްޓަކައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް މަދުވެގެން 20 ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެކަމަށެވެ. އަދި ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ މައްސަލަތަކުގެ އިސްތިއުނާފީ ދައުވާއަށް ޖަވާބު ދިނުމަށް މަދުވެގެން ފަސް ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.