ޚަބަރު

ތިލަފުށީ ފަޅުގައި ހުރި އުޅަނދުފަހަރު ނައްތާލަން ކޯޓުގެ ހުއްދަ ބޭނުން ނުވާނެކަމަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ކ. ތިލަފުށީ ފަޅުގައި ނުނަގައި ހުރި އުޅަނދު ފަހަރު، ނަގައި ނައްތާލުމަށް އެޗްޑީސީއަށް ކޯޓުގެ ހުއްދައެއް ބޭނުން ނުވާނެކަމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އެޗްޑީސީގެ މިލްކިއްޔާތުގައިވާ ކ. ތިލަފުށި ފަޅު ސަރަހައްދުގައި އެކި ފަރާތްތަކުން އަޅާފައިވާ އަދި ފަޅުތެރެއަށް ފެތިފައިވާ އުޅަނދުތައް ނެގުމަށް މިހާތަނަށް ކުރި އިއުލާނުތަކާ އެއްގޮތަށް، ނަގާފައި ނުވާ އުޅަނދުފަހަރު އެ ސަރަހައްދުން ނަގައި އެތަކެތި ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދި، އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ ދައުވާގައި ބުނެފައި ވަނީ އެތަކެތި ތިލަފުށީ ފަޅުން ނެގުމަށް ފަސް ފަހަރެއްގެ މަތިން އެޗްޑީސީން އިއުލާން ކޮށްފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އެކަމަށް އިއުލާން ކޮށްފައި ވަނީ 19 ޖޫން 2019 ގައެވެ. އެންމެ ފަހުން އިއުލާން ކޮށްފައި ވަނީ، އެކެއް ނޮވެމްބަރު 2020 އިން ފެށިގެން 90 ދުވަހުގެ ތެރޭގައި ނެގުމަށެވެ. މިއިން ކޮންމެ އިއުލާނެއްގައިވެސް އެ މުއްދަތުގައި އެތަކެތި ނަގާފައި ނުވާނަމަ އެތަކެތި ނަގައި ނައްތާލުމުގައި، ވާ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ނިންމި ނިންމުމުގައި ވަނީ، އާއްމު ތަންތަނަށާއި މަގުތަކަށާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެއްޗާމެދު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، އެފަދަ ތަކެތި ނައްތާލަމުން އަންނަނީ އެކަން ކުރާނެ ގޮތް ކުރީއްސުރެ އާއްމު ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން އާއްމު ކޮށްފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އިއުލާންތަކުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައި، ނުވަތަ ދޫކޮށްލާފައި ހުންނަ ތަކެއްޗާމެދު އަމަލު ކުރަމުންދާނެ ގޮތް ގާނޫނީ އިމުގެ ތެރެއިން ކަނޑައަޅައި، ގަވާއިދުތައް ހެދުމުގެ ބާރު އެޗްޑީސީއަށް ލިބިގެންނުވާކަމަށް ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެޗްޑީސީން ގަވާއިދު ތަކާއި، އުސޫލުތައް ހަދައި، އިއުލާނުކޮށް، އެތަކެތި އެތަނުން ނަގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމުގައި ހުރަހެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށާއި، ތިލަފުށީ ފަޅު ސަރަހައްދުގައި އެކި ފަރާތްތަކުން އަޅާފައިވާ އުޅަނދުތައް ނެގުމަށް ކުރި އާއްމު އިއުލާނާއި އެއްގޮތަށް، އެ ސަރަހައްދުން ނަގާފައި ނުވާ އުޅަނދުފަހަރު އެ ސަރަހައްދުން ނަގައި، ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަމާމެދު މައްސަލައެއް އުފަންވެފައިވާކަން ފާހަގަ ނުވާކަމަށްވެސް ބުނެފައިވެއެވެ. އެކަން އެހެން އޮތަކީ، މިކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅާން ޖެހޭ ތަނެއް ނެތްކަމަށާއި، އެޗްޑީސީގެ ފަރާތުން އެކަން ކުރިއަށް ގެނދާނެ ގޮތުގެ ގަވާއިދުތައް ހަދައި އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ތިލަފުށީ ފަޅުގެ ސަރަހައްދުން ނަގާފައިނުވާ އުޅަނދުފަހަރު ނަގައި އެތަކެތި ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަމަށް ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ދެއްކިފައި ނުވާތީ އެ ކުންފުނިން އެދިފައިވާ ފަދައިން، އެ ތަކެތި ނަގައި ނައްތައިލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަމަށް ޝަރީއަތުން ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރާކަމަށް މި މައްސަލައިގައި ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.