ވޯލްޑް ކަޕްގައި ކުޅުންތެރިން ޓީމެއް އިހުތިޔާރުކުރަން ލިބޭ ފުރުސަތުގައި ތަފާތު ނިންމުންތަކެއް ނިންމައެވެ. ބައެއް ކުޅުންތެރިން އުފަންވި ގައުމު އިހުތިޔާރު ކުރާ އިރު، އަނެއްބައި ކުޅުންތެރިން އުފަން ގައުމުގެ ޓީމު ހިޔާރުނުކޮށް، އެ ކުޅުންތެރިއެއްގެ މައިންބަފައިން ނިސްބަތްވާ ގައުމެއްގެ ޓީމު ހިޔާރުކުރެއެވެ. މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ވެސް ވަރަށް ބޮޑަށް އެކަން ފާހަގަވެއެވެ.
މި ވޯލްޑް ކަޕްގައި އެގޮތަށް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މޮރޮކޯގެ ޓީމެވެ. އެޓީމުން މި ވޯލްޑް ކަޕްގެ ނަތީޖާ ވެސް ފާހަގަކޮށްލެވެއެވެ. ކްރޮއޭޝިއާ، ބެލްޖިއަމް އަދި ކެނެޑާ ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދިއެވެ. ކްރޮއޭޝިއާ ހިފަހައްޓައި، ވަރުގަދަ ބެލްޖިއަމާއި ކެނެޑާ ވެސް ހިފެހެއްޓިއެވެ. އެއަށްފަހު ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވީ ގަދަ 16 ގައި ރޭ ސްޕެއިން ބަލިކޮށް، ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިގެންނެވެ.
މޮރޮކޯ ޓީމުގެ ނަތީޖާތަކުގެ އިތުރުން އެޓީމު ވެސް ތަފާތެވެ. އެޓީމަށް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ ޓީމުގެ ކުޅުންތެރިންނަށެވެ. މޮރޮކޯގެ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން މޮރޮކޯއަށް އުފަން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 12 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ވެސް ދެ ކުޅުންތެރިޔަކު ވަރަށް ޒުވާން އުމުރުގައި މޮރޮކޯ ދޫކޮށް، ޔޫރަޕަށް ބަދަލުވިއެވެ.
މޮރޮކޯގެ ޓީމުގެ ކޯޗު ވަލީދް ރެގްރާގީއަށް ބެލި ކަމުގައިވިޔަސް، އޭނާއަކީ ގައުމަށް އުފަން ކޯޗެއް ނޫނެވެ. މޮރޮކޯ ގައުމީ ޓީމަށް ވެސް ކުޅުނު ރެގްރާގީއަކީ ފްރާންސަށް އުފަން މީހެކެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯގެ ޖާޒީގައި ފެންނަ ކުޅުންތެރިންގެ ތެރޭގައި ގިނައީ ފްރާންސާއި ނެދަލެންޑްސްއަށް އުފަން ކުޅުންތެރިންނެވެ. އެޓީމުގައި ދެން ހިމެނެނީ ބެލްޖިއަމާއި އިޓަލީ އާއި ކެނެޑާ އަދި ސްޕެއިނަށް އުފަން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ މައިބަފައިން އުފަން ގައުމުތައް ހިޔާރުކުރި ކުޅުންތެރިންނެވެ.
މޮރޮކޯގެ ވޯލްޑް ކަޕް 1998 ގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ގައުމުން ބޭރަށް އުފަން ދެ ކުޅުންތެރިޔަކު ހިމެނުނެވެ. ދެން މުޅިން ވެސް އެ ސްކޮޑުގައި ހިމެނުނީ މޮރޮކޯއަށް އުފަން ކުޅުންތެރިންނެވެ. ނަމަވެސް އޭގެ 24 އަހަރު ފަހުން ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިޔަކީ ގައުމުން ބޭރަށް އުފަން ކުޅުންތެރިންނެވެ.
ޓީމުގައި މިހާރު ހިމެނޭ ތަރިން މޮރޮކޯ ޓީމާ ގުޅިފައިވަނީ 2014 ގައި ކުރިއަށްގެންދިޔަ ކުޅުންތެރިން ރެކްރޫޓްކުރުމުގެ ކެމްޕޭނެއްގެ ތެރެއިންނެވެ. މޮރޮކޯ ޓީމުގައި މިހާރު ހިމެނޭ ތަރިންގެ ތެރެއިން ހަކީމް ޒިޔެޗް ފަދަ ބައެއް ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި ޔޫރަޕުން ދެކެނީ އެ ކުޅުންތެރިންނަކީ ބިދޭސީންގެ ގޮތުގައެވެ. އެހެންކަމުން އުފަން ގައުމުން ފާޑުކިޔުންތައް އަމާޒުވެއެވެ.
މޮރޮކޯގެ ޓީމަށް އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާ، ޗެލްސީގެ ޒިޔެޗް އަކީ ނެދަލެންޑްސްއަށް އުފަން ކުޅުންތެރިއެކެވެ. މޮރޮކޯގެ ސީނިއާ ޓީމާ 2015 ވަނަ އަހަރު ގުޅުމުގެ ކުރިން އޭނާ ވަނީ ނެދަލެންޑްސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައެވެ. ޓީމު ބަދަލުކުރުމާ ގުޅިގެން 2017 ވަނަ އަހަރު ޒިޔެޗްއަށް ވަނީ ނެދަލެންޑްސްގެ ސްޓޭޑިއަމްތަކުގެ ތެރެއިން ނަސްލީ ތަފާތުކުރުންތަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.
ޒިޔެޗްގެ އިތުރުން މޮރޮކޯގެ ޓީމުން ދެން ފާހަގަކޮށްލެވޭ ސޮފްޔާން އަމްރަބާތަކީ ވެސް ނެދަލެންޑްސްއަށް އުފަން ކުޅުންތެރިއެކެވެ. އޭނާ ވެސް ވަނީ ނެދަލެންޑްސްގެ ޒުވާން ގައުމީ ޓީމަށް ކުޅެފައެވެ. އެއަށްފަހު މޮރޮކޯގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެ، ސީނިއާ ޓީމުން އޭނާ ފެންނަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ.
"އަހަރެންގެ މައިންބަފައިންނާއި އަހަރެންގެ ކާފަ އަދި މާމަ އަކީ ވެސް މޮރޮކޯ ރައްޔިތުން. މޮރޮކޯއަށް ކުރާ ކޮންމެ ދަތުރެއްގައި އަހަރެންނަށް އަމިއްލަ ގައުމުގެ އިހުސާސް ކުރެވޭ. އަދި ނެދަލެންޑްސްއަކީ ވެސް އަހަރެންގެ އަމިއްލަ ގައުމު. އެކަމަކު މޮރޮކޯ ހާއްސަ،" މިދިޔަ އަހަރު އަމްރަބާތު ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އެހެން ގައުމުތަކުގައި ދިރިއުޅެމުންދިޔަ ކަމުގައިވިޔަސް، ކުޅުންތެރިންގެ ހިތްތަކުން މޮރޮކޯ ފިލައިގެންނެއް ނުދެއެވެ. އެ ކުޅުންތެރިން މޮރޮކޯގެ ކެއުންތަކާއި ސަގާފަތާއި އިސްލާމްދީން އަދި ގައުމީ ބަސް ވެސް ދޫކޮށްލައިފައެއް ނުވެއެވެ. ހަމައެކަނި ތަފާތަކީ ގައުމުން ބޭރުގައި ދިރިއުޅުމެއް ބިނާކުރުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މޮރޮކޯގެ ގިނަ ރައްޔިތުން ދިރިއުޅުން ބިނާކުރުމަށް ބޭނުންވަނީ އެހެން ގައުމުތަކަށް ހިޖުރަކުރާށެވެ. އަމިއްލަ ގައުމު ދޫކުރަން ކިތަންމެ ބޭނުން ނުވި ކަމުގައިވިޔަސް، އެމީހުން ދެކެނީ އާއިލާގެ އުފަލަށްޓަކައި ހިޖުރަކުރުން މަޖުބޫރުކަމެވެ.
މޮރޮކޯގެ ގިނަ ރައްޔިތުން އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރަނީ ސަބަބުތަކަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މޮރޮކޯގެ ސަރުކާރެވެ. ނަމަވެސް އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ އިގުތިސާދީ ހާލަތު ދަށްވުމުން ވަޒީފާގެ ފުރުސަތުތައް މަދުވުން ނުވަތަ ވަޒީފާއެއް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވުމެވެ. އަމިއްލަ ގައުމުން ރަނގަޅު މުސާރައެއް ލިބެން ނެތުމުން ސިއްހީ ދާއިރާއަށް ހާއްސަ ގިނަ ރައްޔިތުން ވެސް ދިރިއުޅެނީ އެހެން ގައުމުތަކުގައެވެ.
އެ މަޖުބޫރީ ހާލަތާ ގުޅިގެން މޮރޮކޯގެ ގިނަ ރައްޔިތުން ހިޖުރަކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. މިހާރު މޮރޮކޯގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ އާއިލާތަކަކީ ވެސް އެ ހާލަތާ ގުޅިގެން ހިޖުރަކޮށް، އެހެން ގައުމުތަކުގައި ވަޒަންވެރިވެފައިވާ އާއިލާތަކެވެ.
އެ ކުޅުންތެރިންނަކީ ޔޫރަޕުގެ އުފެއްދުންތަކޭ ބުނެވިދާނެއެވެ. ޔޫތު ކެރިއަރު ފެށުނީ ޔޫރަޕުގެ ކްލަބުތަކުންނެވެ. ގިނަ ކުޅުންތެރިންނަކީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ތަޖުރިބާ ލިބިފައި ހުރި ކާމިޔާބު ކުޅުންތެރިންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ މިހާރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ސްޕެއިނަށް އުފަން އަޝްރަފް ހަކީމީއެވެ. ކުރިން އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅުނު ހަކީމީ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ހުނަރުވެރި ޕްރޮޑަކްޓެކެވެ.
ހަކީމީގެ އިތުރުން މޮރޮކޯގެ ކީޕަރު އަދި ސްޕެއިންގެ މެޗުގައި ހީރޯގެ ގޮތުގައި ފާހަގަކޮށްލެވުނު ކެނެޑާއަށް އުފަން ޔަސީން ބޯނޯ، ނެދަލެންޑްސްއަށް އުފަން ނޫސައިރް މަޒްރާއީ، ފްރާންސަށް އުފަން ކެޕްޓަން ރޯމަން ސައިސް، ނެދަލެންޑްސްއަށް އުފަން ސޮފްޔާން އަމްރަބާތު، ބެލްޖިއަމަށް އުފަން ސެލީމް އާމަﷲ، ބެލްޖިއަމަށް އުފަން ބިލާލް އެލް ކާނޫސް، ނެދަލެންޑްސްއަށް އުފަން ހަކީމް ޒިޔެޗް، ބެލްޖިއަމަށް އުފަން އަނަސް ޒަރޫރީ، ނެދަލެންޑްސްއަށް އުފަން ޒަކަރިއާ އަބޫކްލާލް، ފްރާންސަށް އުފަން ސޮފިއާން ބޫފާލް އަދި އިޓަލީއަށް އުފަން ވަލީދް ޗެޑީރާ އަކީ ވެސް ޒުވާން އުމުރުން ފެށިގެން އަދިވެސް ޔޫރަޕުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ.
- ގޯލްކީޕަރުން
- ޔަސީން ބޯނޯ، އުފަން ގައުމު: ކެނެޑާ
- މުނީރު މުހައްމަދީ، އުފަން ގައުމު: ސްޕެއިން
- އަހްމަދު ރެދާ ތަގްނައޫތީ، އުފަން ގައުމު: މޮރޮކޯ
- ޑިފެންޑަރުން
- އަޝްރަފް ހަކީމީ، އުފަން ގައުމު: ސްޕެއިން
- ނޫސައިރް މަޒްރާއީ، އުފަން ގައުމު: ނެދަލެންޑްސް
- ނަޔެފް އެގާޑް، އުފަން ގައުމު: މޮރޮކޯ
- ރޯމަން ސައިސް، އުފަން ގައުމު: ފްރާންސް
- ޖަވާދު އެލް ޔާމިގް، އުފަން ގައުމު: މޮރޮކޯ
- އަޝްރަފް ދާރީ، އުފަން ގައުމު: މޮރޮކޯ
- ބަދްރު ބެނޫން، އުފަން ގައުމު: މޮރޮކޯ
- ޔަހިއާ އަތިއަތަﷲ، އުފަން ގައުމު: މޮރޮކޯ
- މިޑްފީލްޑަރުން
- ސޮފްޔާން އަމްރަބާތު، އުފަން ގައުމު: ނެދަލެންޑްސް
- އެޒެއްދީން އޫނާހީ، އުފަން ގައުމު: މޮރޮކޯ
- އަބްދުލްހާމިދު ސަބީރީ، އުފަން ގައުމު: މޮރޮކޯ
- އަލިއާސް ޗެއާ، އުފަން ގައުމު: ބެލްޖިއަމް
- ސެލީމް އާމަﷲ، އުފަން ގައުމު: ބެލްޖިއަމް
- ބިލާލް އެލް ކާނޫސް، އުފަން ގައުމު: ބެލްޖިއަމް
- ޔަހްޔާ ޖަބްރޭން، އުފަން ގައުމު: މޮރޮކޯ
- ފޯވަޑުން
- ހަކީމް ޒިޔެޗް، އުފަން ގައުމު: ނެދަލެންޑްސް
- އަބްދުއްރައްޒާގް ހަމްދަﷲ، އުފަން ގައުމު: މޮރޮކޯ
- އަނަސް ޒަރޫރީ، އުފަން ގައުމު: ބެލްޖިއަމް
- ޒަކަރިއާ އަބޫކްލާލް، އުފަން ގައުމު: ނެދަލެންޑްސް
- އަބްދޭ އެޒާލްޒޫލީ، އުފަން ގައުމު: މޮރޮކޯ
- ސޮފިއާން ބޫފާލް، އުފަން ގައުމު: ފްރާންސް
- ޔޫސުފް އެން ނަސީރީ، އުފަން ގައުމު: މޮރޮކޯ
- ވަލީދް ޗެޑީރާ، އުފަން ގައުމު: އިޓަލީ
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022