ގަތަރު ވޯލްޑް ކަޕް 2022

މޮރޮކޯގެ ހުވަފެނީ ދަތުރުގެ ސިއްރު، ވަތަނީ ރޫހާއި މައިބަފައިންނާއި އާއިލާގެ ލޯބި

މުޙައްމަދު ޝަމްޢޫން

މޮރޮކޯއިން ފުޓުބޯޅައިގެ މުޅި ދުނިޔެ އާޝޯހު ކޮށްލައިފިއެވެ. ރަތް ކުލައިގެ "އެޓްލަސް ލަޔަންސް" ތާރީހުވެސް ލިޔެލައިފިއެވެ. އެތައް ގައުމެއްގެ، އެތައް ބައެއްގެ ލޯބިވެސް ހޯދައިފިއެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ގޮސް، އެ މޮޅު، މުޅި އަރަބި ދުނިޔެއާއި މުސްލިމުންނަށް ހަދިޔާކޮށް، ނަމޫނާއެއްވެސް ދައްކައިފިއެވެ. ފަލަސްތީނުގެ ދިދައާއެކު އުފާފާޅުކޮށް މުސްލިމުންވެސް ހެއްވާލައިފިއެވެ. ކޮންމެ މޮޅަކާއެކު ޓީމު އެއްކޮށް ޖަހާ ޝުކުރުގެ ސަޖިދައާއެކު އެތައް ހާސް ބަޔަކު މޮރޮކޯއަށް ލޯބި ދީފިއެވެ. އެއީ މޮރޮކޯގެ ރައްޔިތުން ނޫންނަމަވެސް، މޮރޮކޯއަށް ލޯބިކުރާނެ އެތައް ބަޔަކު ވޯލްޑް ކަޕުންވެސް އިތުރުވެއްޖެއެވެ.

ގްރޫޕް ސްޓޭޖު މޮރޮކޯއިން ފެށީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ، އެއްވަރުކޮށްގެންނެވެ. އެއަށްފަހު ޔޫރަޕްގެ ގަދަ ބާރު، ދުނިޔޭގެ ދެވަނައިގައި އޮތް ބެލްޖިއަމް ބަލިކުރިއެވެ. ފަހު މެޗުގައި އެޓީމުން ކެނެޑާ ބަލިކޮށް އެއްވަނަވެސް ހޯދިއެވެ. ބެލްޖިއަމް ބަލިކުރި މެޗުގެ ހަނދާނުން އާވާނީ އެތައް ހާސް މޮރޮކޯ ރައްޔިތުންނެއް، ޑަރުބޫކާއާއި ބެރު ދުންމާރިތަކާއެކު ޓީމަށް ދިން ތަރުހީބުން ކައްކާލި ސްޓޭޑިއަމްގެ ހަނދާނެވެ. އެއަށްވުރެ ހާއްސައެވެ. އެމެޗަށްފަހު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ޕީއެސްޖީގެ އަޝްރަފް ހަކީމީ، އޭނާގެ މަންމަ ގާތަށް ގޮސް ޖާޒީ ހަވާލުކޮށް، މަންމައަށް ލީބިން ބޮސް ދޭ މަންޒަރުން އެތައް ބަޔަކު ހިތްވަރު ހޯދައިދިނެވެ. އެ ފޮޓޯއާއެކު ހަކީމީ ސޯޝަލް މީޑިއާގައި ޖެހީ "މަންމަދެކެ ވަރަށް ލޯބިވޭ،" މިހެންނެވެ.

އުމުރުން 24 އަހަރުގެ ހަކީމީ ރޭ ސްޕެއިން ބަލިކޮށްފައިވެސް މަންމަ ގާތަށް ގޮސް، އަސަރުގަދަ މަންޒަރެއް ދައްކުވާލިއެވެ. ދަތި ހާލަތުގައި ސްޕެއިންގައި ދިރިއުޅެ ބޮޑުވި ހަކީމީގެ މަންމައާއި ބައްޕަ މޮރޮކޯ ދޫކޮށް ދިޔައީ ފަހި ދިރިއުޅުމަކަށެވެ. އެއްވެސް ހާލެއްގައި މޮރޮކޯ ދޫކޮށްލީ ނޫން ކަމަށް ހަކީމީ ބުނެފައިވާ އިރު، އޭނާ ބުނީ ފުޓުބޯޅަ ދަނޑު މައްޗަށް އަރާ ކޮންމެ ފަހަރަކީ މަންމައާއި ބައްޕައަށްޓަކައި ވާ ގުރުބާނީއެއް ކަމަށެވެ.

ކޮންމެއަކަސް މޮރޮކޯއަށް ހާއްސަ ކުލުނެއް އުފެދުމަށް އެތައް ކަމެއް ފެނިއްޖެއެވެ. އެ ކަންކަމުގައި ކޯޗު ވަލީދު ރެގްރަގޫގެ ހާއްސަ ދައުރެއްވެސް ވެއެވެ. ސްޕެއިން މެޗުގެ ކުރިން އެވާހަކަތައް މީޑިއާތަކުން ހިއްސާވެސް ކުރިއެވެ.

ކުޅުންތެރިންގެ އާއިލާތައް ގަތަރަށް ގެންދިޔައީ ފެޑަރޭޝަނުން

ކޯޗު ވަލީދުގެ އިރުޝާދަށް، ރޯޔަލް މޮރޮކަން ފުޓުބޯލް ފެޑެރޭޝަންގެ ރައީސް، ފައުޒީ ލެކްޖާކުރި އެންމެ މުހިއްމު ކަމަކީ ކުޅުންތެރިން ބޭނުން އާއިލާ މެންބަރަކު، މޮރޮކޯގެ ހަރަދުގައި ގަތަރަށް، ހުރިހާ ހަރަދެއް ބަލަހައްޓާ ގޮތަށް ގެންދިޔަ ގެންދިޔުމެވެ. އެހެން ގައުމުތަކުންވެސް އާއިލާތައް ގެންދާ ނަމަވެސް، ސީދާ ކޭމްޕްގައި ބޭސްކުރަނީ މަދު ގައުމެކޭ ބުނެވިދާނެއެވެ. އެހެން ގައުމުތަކުން އާންމުކޮށް އާއިލާއާ ބައްދަލުކުރަން ދަނީ އޮފް ދުވަސްތަކެކެވެ. އާއިލާތައް އެކުވެ، އެއްކޮށް އުޅޭ މަންޒަރުވެސް ފެންނަނީ މަދުންނެވެ.

އާއިލާތަކުގެ ސަބަބުން މޮރޮކޯގެ ތަމްރީނު ބޭސް، ދޯހާގެ ވައިދަމްގައި ހުންނަ ވެސްޓް ބޭ ހޮޓަލުގެ މާހައުލު އުފާވެރިވެއްޖެއެވެ. އާއިލާތަކާއެކު ކުޅުންތެރީންގެ ގުޅުންތެރިކަން ބޮޑުވެ، ކުޅުންތެރިންގެ ރޫހަށް އިތުރު އާރޯކަމެއް ގެނެސްދީފައިވެއެވެ. އަދި ކިއެއްހެއްޔެވެ، ކޯޗު ވަލީދުގެ މަންމަ، ފާތިމާއަށްވެސް އެއީ ހަޔާތުގައި ކުރެވޭ އެންމެ ތަފާތު އެއް ތަޖުރިބާއެވެ.

"ވަލީދު ކުޅުނުއިރުވެސް، އަދި ކޯޗުކަން ކޮށްދިން މި ހުރިހާ ދުވަހުވެސް އަހަރެން އެހެން ގައުމަކަށް ގޮސް އޭނާގެ މެޗެއް ނުބަލަން. އަހަރެން މިހާރު ފްރާންސްގައި އުޅޭތާ 50 އަހަރު ވެއްޖެ. މިއީ މުބާރާތަކަށް ފްރާންސް ދޫކޮށް އައި ފުރަތަމަ ފަހަރު،" ފާތިމާ މޮރޮކޯގެ ކުޅިވަރު ޗެނަލެއް ކަމަށްވާ އައްރިޔާދިއާއަށް ބުންޏެވެ.

މިޑްފީލްޑަރު އަބްދުލްހާމިދު ސަބަރީގެ މަންމައާއި ބައްޕަގެ ކަމަކީ ފޮޓޯ ނެގުން ކަމަށްވެސް އެ ނޫހުގައިވެއެވެ. ޗެލްސީގެ މިޑްފީލްޑަރު ހަކީމް ޒިޔެޗާއި، ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޯނޯގެ އިތުރު ކޯޗު ވަލީދާއެކު ނަގާފައިވާ ފޮޓޯތައްވެސް ސަބަރީގެ މަންމަ ހިއްސާ ކޮށްފައިވާ އިރު، ކުޅުންތެރީން މައިންބަފައިން ބުނެފައި ވަނީ ކޭމްޕްގައި ތިބި ހުރިހާ ކުދީންނަކީ ދަރިންކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

އެއީ ވަލީދު މޮރޮކޯ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ބުނި ބަހުގައި އިތުބާރު ދަމަހައްޓަންވެސް އޭނާއަށް މުހިއްމުވި މަސައްކަތެކެވެ. ގައުމީ ޓީމާ ހަވާލުވެ އޭނާ ފުރަތަމަވެސް ބުނި ވާހަކައަކީ "މަންމައާއި ބައްޕަގެ އުފާވެރިކަމާނުލައި އަހަރެންގެ ކާމިޔާބު ނާންނާނެ،" ކަމަށް ބުނި ވާހަކައެވެ.

މޮރޮކޯއަކީ ވޯލްޑް ކަޕްގެ ފެވަރިޓުން ނޫނަސް، އެޓީމަކީ މިހާރު ޔަގީނުންވެސް ސްޕްރައިޒިން ޓީމެވެ. 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16ގައި ކުޅެ، ގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާއަށްވެސް ދަތުރުކޮށްފިއެވެ. އެކިއެކި ގައުމުތަކަށް އުފަން އެތައް ކުޅުންތެރިންނެއް ތިބި ޓީމަށް، އެ ޑައިވާސިޓީން އަރައިގަންނަންވެސް އެހީތެރިވެދެނީ ހަމަ އެއްކަލަ މަންމައާއި ބައްޕަ ކިޔައިދޭ ދަރިންގެ ވާހަކަތަކުންނެވެ.

ޓީމުގެ 14 ކުޅުންތެރިންނަކީ އެހެން ގައުމުތަކަށް އުފަން ކުޅުންތެރިން، އެ ކުޅުންތެރިންގެ ގައުމީ ލޯބި ކިޔައިދެނީ އާއިލާ

ގަތަރު ވޯލްޑް ކަޕް 2022ގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން 137 ކުޅުންތެރިންނަކީ އެހެން ގައުމުތަކަށް އުފަން ނަމަވެސް، މަންމައާއި ބައްޕަ ނިސްބަތްވާ ގައުމު ތަމްސީލުކުރާ ކުޅުންތެރިންނެވެ. އޭގެ ތެރެއިންވެސް އެކަން އެންމެ ބޮޑު ގައުމަކީ މޮރޮކޯއެވެ. ސްކޮޑުގެ 26 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ އެހެން ގައުމުތަކަށް އުފަން، އެހެން ގައުމުތަކުގައި އުޅެ ބޮޑުވެފައިވާ ކުޅުންތެރިންނެވެ. އެކުޅުންތެރިންގެ ގައުމީ ރޫހަށްވެސް ވަލީދު ބޭނުންކުރާ އުކުޅަކީ މައިންބަފައިންނެވެ.

އަލް ޖަޒީރާއިން ބުނެފައިވާ ގޮތުން، މޮރޮކޯގެ ކޭމްޕް ތެރޭގައި މިދިޔަ ހަފުތާގައި ކުޅުންތެރިންގެ މައިންބަފައިން، ކުޅުންތެރިން ގައުމުން ބޭރުގައި އުޅޭ ނަމަވެސް، ގައުމަށް ދޭ ލޯބި ކިޔައިދީފައިވެއެވެ. ހާއްސަކޮށް މޮރޮކޯ ތަމްސީލުކުރަން ކުޅުންތެރީންގެ ހިތުގައި ކުޑައިރުންސުރެ ބިންވަޅު ނެގުމުގެ ވާހަކަތައްވެސް މައިންބަފައިން ވަނީ ކިޔައިދީފައެވެ.

ފޯވަޑް ޒަކަރިޔާ އަބޫޚްލާލްގެ ބައްޕަ، ތާރިކް ބުނި ގޮތުގައި، ޒަކަރިޔާ އުފަންވީ ނެދަލޭންޑްސްއަށެވެ. އެގައުމުގައި އޭނާ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަޔަށް ހުރިނަމަވެސް، ޒަކަރިޔާގެ ލެޔަކީ މޮރޮކޯގެ ލޭކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް ތާރިކް ބުންޏެވެ.

މިޑްފީލްޑަރު ބިލާލް އެލް-ކަނޫސްއަކީ ބެލްޖިއަމަށް އުފަން ކުޅުންތެރިއެކެވެ. އޭނާގެ ބައްޕަ ބުނީ ބެލްޖިއަމަށް ކަނޫސް އުފަންވި ނަމަވެސް، އޭނާގެ ހިތް އަބަދުވެސް އޮތީ މޮރޮކޯގައި ކަމަށާއި، މޮރޮކޯއަށް ކުޅުމަކީ ހިތުގެ އަޑީން ނިންމި ނިންމުމެއް ކަމަށެވެ. ކޯޗު ވަލީދަކީ ފްރާންސަށް އުފަން ކޯޗެކެވެ. ގަދަ 16ގެ މެޗުގެ ކުރިން އޭނާ ބުނީ 1986ގެ ހަނދާން އެބަހުރި ކަމަށާއި، ފްރަންސްގައި ހުރި ނަމަވެސް، "އެއީ ހަޔާތުގެ އެންމެ އުފާވި ދުވަސް،" ކަމަށެވެ.

ވަލީދު ވަނީ ރޭ ސްޕެއިން ބަލިކޮށްފައިވެސް، އެޓީމުގެ ކުޅުންތެރިންގެ ހިތުގައި މޮރޮކޯ އޮތްވަރު ދައްކާލައިފި ކަމަށް ބުނެފައެވެ.

"ވޯލްޑް ކަޕްގެ ކުރިން ބައެއް މީހުން ސުވާލު އުފެއްދި ޔޫރަޕަށް އުފަން ކުޅުންތެރިންނާ މެދު. މިއަދު އެދެއްކީ މޮރޮކޯ ޕާސްޕޯޓެއް އޮތް ކޮންމެ މީހަކީ ހަގީގީ މޮރޮކޯ މީހެއްކަން. އަހަރެންވެސް އުފަންވީ ފްރާންސަށް. އެކަމަކު އަހަރެން މިގައުމަށް ދޭ ލޯބި ދެވޭނެ ވަކި އިތުރު މީހަކު ނުވެސް ހުންނާނެ،" ރޭގެ މޮޅަށްފަހު ވަލީދް އަސަރާއެކު ބުނެފައިވެއެވެ.

މިއީ ގަލްފްގެ ވޯލްޑް ކަޕަކަށްވުމުން، އަރަބި ގައުމުތަކަށް އޮތީ ފަހި ފުރުސަތެކެވެ. ހާއްސަކޮށް މުސްލިމް ގައުމުތަކަށް ގަތަރުން އޮތީ ފަސޭހަ ދިރިއުޅުމެކެވެ. މޮރޮކޯ ފަދަ ގައުމުތަކުގެ އެތައް ހާސް ރައްޔިތުންނެއް ގަތަރަށް ގޮސްފައިވާ އިރު، ގަތަރަކީ މޮރޮކޯއަށް ހޯމް ސްޓޭޑިއަމްތަކެއްގެ އިހުސާސްވެސް ކުރެވުނު ގައުމެކެވެ. ވަލީދު މާކުރިންވެސް ބުނީ ސަޕޯޓަރުންނާ ނުލައި، ގްރޫޕް ސްޓޭޖުވެސް ކަޑައްތު ނުކުރެވުނީސް ކަމަށެވެ.

އެކަން ކޮންމެ މެޗަކުން ފެންނަމުންވެސް ދެއެވެ. ގަތަރުގައި 15،000 އެއްހާ މޮރޮކޯ ރައްޔިތުން ދިރިއުޅޭ އިރު، ކައިރި ގައުމުތަކާއި، ދުރު ގައުމުތަކުގެ އިތުރުން މޮރޮކޯއިންވެސް ހާހުން ސަޕޯޓަރުން ޓީމުގެ ޝަރަފުގައި ސްޓޭޑިއަމަށް ވަދެއެވެ. އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމުން ރޭ އެތަފާތުވެސް ފެނުނެވެ. ގަތަރުންވެސް ލޯތްބާއި ސަޕޯޓް ދިނީ މޮރޮކޯއަށެވެ. އެތައް އަރަބީންނެއްގެ ޝަރަފުގައި، ހޯދި މޮޅަކީ އަރަބީންނާއެކު ހޯދި މޮޅެކެވެ. މޮރޮކޯއަށް އާއިލީ ލޯބީގެ ތެރެއިން ލިބޭ ހިތްވަރަކީ ސަޕޯޓަރުންނެވެ. އެޓީމަށް ދެން އޮތް ޗެލެންޖަށްވެސް ހިތްވަރު ދެނީ ހަމަ އާއިލާތަކާއި ސަޕޯޓަރުންނެވެ.