ގަތަރު ވޯލްޑް ކަޕްގެ 2022ގެ ގަދަ 16 އިން ސްޕެއިން ކެޓުމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ސްޕެއިނާއި މޮރޮކޯ ވާދަކުރި ގަދަ 16 ގެ މެޗު، ޕެނަލްޓީގައި ކާމިޔާބުކުރީ މޮރޮކޯއިންނެވެ. ރޭގެ މެޗުން މޮޅުވެ، މޮރޮކޯ ވަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 އިންވެސް ކަޓައިގެން ދިޔަ ސްޕެއިން ބަލިވީ އެންމެ ޕެނަލްޓީއެއްވެސް ކާމިޔާބު ނުކުރެވިއެވެ.
ސްޕެއިނުން 120 މިނެޓް ތެރޭގައި 988 ޕާސް ކާމިޔާބުކޮށް ޖެހި ނަމަވެސް މާ ބޮޑު ނުރައްކަލެއް މޮރޮކޯ ގޯލަކަށް ކުރިމަތިކުރެވިފައެއް ނުވެއެވެ. މޮރޮކޯއިން މެޗުގައި ކައުންޓާގައި ނުރައްކާ ކުރިއިރު، ސްޕެއިންގެ ޕެނަލްޓީތައް ނާކާމިޔާބު ކޮށްލީ ސަރާބިއާއާއި ސާޖިއޯ ބުސްކަޓްސްގެ އިތުރުން ކާލޯސް ސޮލާއެވެ. މެޗުގެ ކުރިން އެންރީކޭ ބުނީ ސްޕެއިނުން ޕެނަލްޓީއަށް ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް އެ މަންޒަރު ފެނުނީ މޮރޮކޯގެ ފަރާތުންނެވެ. ހާއްސަކޮށް ގޯލް ބަލަހައްޓަމުން ޔަސީން ބޯނޯ ވަނީ ދެޕެނަލްޓީއެއް މަތަކޮށްފައެވެ.
"އަހަރެން ޒިންމާ ނަގަން. މެޗުގައި ފުރަތަމަ ޕެނަލްޓީ ޖަހާނެ ތިން ކުޅުންތެރިން ނެގީވެސް އަހަރެން. އަހަރެންގެ ނަޒަރުގައި އެއީ އެންމެ ކުޅަދާނަ ޕެނަލްޓީ ޖެހުންތެރިން. އަހަރެމެންނަށް ހަތަރުވަނަ ޕެނަލްޓީއެއް ޖަހަން ނުވެސް ލިބުނު،" އެންރީކޭ ބުންޏެވެ.
"ބޯނޯއަކީ އާދަޔާހިލާފު މޮޅު ގޯލްކީޕަރެއް. ގިނަ ފަހަރަށް ބޯނޯ ގޮސްފައިވަނީވެސް ރަނގަޅު ފަޅިއަށް. މެޗުގައި އޭނާ ތަފާތު ދެއްކި،" އެންރީކޭ އިތުރަށް ބުންޏެވެ.
އޭގެ އިތުރުން އެންރީކޭ ބުނީ މެޗު ކޮންޓްރޯލްކޮށް ކުޅުނީ ސްޕެއިން ކަމަށާއި، މޮރޮކޯއިން އެޓޭކް ކުރީވެސް އެންމެ ދެތިން ފަހަރަކު ކަމަށެވެ. އެހެން ނަމަވެސް ސްޕެއިނަށްވެސް އެކަށީގެންވާ އެޓޭކެއް އުފެެއްދިފައި ނުވާ ކަމަށް އެންރީކޭ ބުންޏެވެ.
"ފުޓުބޯޅައަކީ އަޖައިބުކުރުވަނިވި އެއްޗެއް. ޓީމަކަށް އެޓޭކް ނުކޮށްވެސް މޮޅުވެވިދާނެ. މޮރޮކޯއިން ދެތިން ފަހަރަކު ނުރައްކާތެރި އެޓޭކްތަކެއް ކުރި. އެހެން ވިޔަސް ބޮޑަށް އެޓޭކްކޮށް ކުޅުނީ ސްޕެއިން. މެޗު ކޮންޓްރޯލް ކުރީވެސް ސްޕެއިން. އެހެން ނަމަވެސް އަހަރެމެންނަށް އެކަށޭނެ ހަމަލާއެއް އުފައްދިފައެއް ނުވޭ،" އެންރީކާ ހިތްދަތިވެފައި ހުރެ ބުންޏެވެ.
އެންރީކޭ ވޯލްޑް ކަޕަށް ސްކޮޑު ނެގި ހިސާބުންވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އިތުރު ޕްރެޝަރަކާއެކު ސްޕެއިންގެ ކޯޗުކަން ދޫކޮށްލާފާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. ރޭގެ ޕްރެސްގައި އެންރީކޭ ބުނީ ކޯޗުކަމުގައި މަޑުކުރުމާމެދު ގޮތެއް ނިންމަން ވާހަކަ ދައްކާނީ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.