Close
ގަތަރު ވޯލްޑް ކަޕް 2022

ގަދަފަދަ ސްޕެއިން ކަޓުވާލައި، މޮރޮކޯ ތާރީހުގައި ފުރަތަމަ ކުއާޓާއަށް

ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16ގައި މިރޭ ކުޅުނު މެޗުގައި ގަދަފަދަ ސްޕެއިން ކަޓުވާލައި، މޮރޮކޯއިން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތުމުން މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ. އިތުރު ވަގުތުގެ 30 މިނެޓް ކުޅުން ނިމުނު އިރުވެސް މެޗުގައި ގޯލެއް ނުފެނުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މޮރޮކޯ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ނުކުތީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ ބަލިކުރީ 7-0 އިންނެވެ. ދެވަނަ މެޗުގައި ޖަރުމަނާ 1-1 އިން އެއްވަރު ކުރި އިރު، ތިން ވަނަ މެޗުގައި ޖަޕާން އަތުންވީ ބައްޔެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ.

ސްޕެއިނަށް މިރޭގެ މެޗު ޕްރެޝަރު ވެފައި އޮތީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 އިން އެޓީމު ރަޝިއާ އަތުން ކަޓާފައި އޮތުމުންނާއި، މޮރޮކޯގެ އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީގައި މެޗު ކުޅެން ޖެހުމުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް މޮރޮކޯއަށް ހޯމް މެޗެއްގެ އިހުސާސް ގެނުވާނެކަން ޔަގީނެވެ. މޮރޮކޯ ސަޕޯޓަރުން ދިޔައީ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމް ގުގުމަމުންނެވެ.

ސްޕެއިނާ ދެކޮޅަށް ނުކުތް މޮރޮކޯއަށް މިރޭގެ މެޗަކީ ގައުމީ މަސައްކަތެކެވެ. އެޓީމަށް ތާރީހު ލިޔެލަން ލިބުނު ފުރުސަތުގައި ބޭނުން ހިފަން ކެތްމަދުވެފައިވާ ކަމަށް މެޗު ކުރިން ކޯޗުވެސް ދިޔައީ ބުނަމުންނެވެ. ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި މިފަހަރުގެ ގަދަ 16އަށް ދިޔަ މޮރޮކޯއަށް މިރޭގެ މެޗަކީ 1986 ވަނަ އަހަރަށްފަހު އެގައުމުން ކުޅުނު ފުރަތަމަ ގަދަ 16ގެ މެޗެވެ. އެފަހަރު ކުޅުނު ގަދަ 16 ގެ މެޗުގައި ވެސްޓް ޖަރުމަނު އަތުން 1-0 އިން މޮރޮކޯ ބަލިވެފައިވާ އިރު، އެގައުމުގެ ތާރީހުގައިވެސް އަދި ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ގޮސްފައެއް ނުވެއެވެ.

މޮރޮކޯއިން އެކަން ކުރަން ނުކުތީ ޕްލޭނަކާ އެކުގައިކަން މެޗުގެ ފެށުމުންވެސް އެނގުނެވެ. ސްޕެއިންގެ ޕާސިން ސްޓައިލްގެ ގޭމްގެ ބޭނުން ނުހިފޭނެ ގޮތެއް ހޯދުމަށް މޮރޮކޯއިން ފުރަތަމަ ހާފްގައި ކުޅުނު ކުޅުން ކާމިޔާބުވެސް ކުރިއެވެ. ސްޕެއިނަށް ފުރަތަމަ ހާފްގައި މޮރޮކޯގެ ގޯލަށް އަމާޒުކޮށް، ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ސްޕެއިންގެ އަރިމަތިން ކުރިއަށް އަރައި މާކަސް އަސެންސިއޯ ޖެހި ބާރު ބޯޅައެއް ގޯލްގެ އަރިމަތީ ދާގަނޑަށް އަމާޒުވި އިރު، މޮރޮކޯއިން ކައުންޓާގައި ސްޕެއިނަށް ނުރައްކާ ކޮށް، ފަހަތަށް ޖެހެން މަޖުބޫރުވެސް ކުރުވިއެވެ.

ސުފިޔާން ބޫފާލްއާއި ހަކީމް ޒިޔެޗްގެ ފެންވަރު މޮރޮކޯގެ އަރިމަތިން ފާހަގަކޮށްލެވުނު އިރު، 33 ވަނަ މިނެޓުގައި އޭރިއާ ބޭރުން ނޫސައިރް މަޒްރާއީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން އަޝްރަފް ހަކީމީގެ ބާރު ހިލޭ ޖެހުމެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، ބޫފާލް ފަހުން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ދެޓީމުންވެސް މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ކުޅުން، ދެވަނަ ހާފްގައި ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. ހާއްސަކޮށް ހާފްގެ ކުރީކޮޅުގައި ކޮންމެވެސް ވަރެއްގެ ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ސްޕެއިންގެ ހިލޭ ޖެހުމުން މާކޯ އަސެންސިއޯ ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފްގެ ތެރެއިން ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ކުޅެން ނުކުތުމާއެކު އެޓީމުން އޭރިއާ ތެރޭގައި މޮރޮކޯ ޑިފެންސަށް އުނދަގޫތަކާ ކުރިމަތިކުރުވިއެވެ. މޮރާޓާގެ ހަރަކާތްތަކާއެކު ސްޕެއިންގެ ހަމަލާތަކަށް ހަނި ފުރުސަތުތައް ލިބެމުން ދިޔަ އިރު، 81 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ މޮރޮކޯ ގޯލު ކުރިމަތިން ބޭރަށެވެ.

އޭގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، 89 މިނެޓްގެ ކައުންޓާ އެޓޭކެއްގައި މޮރާޓާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، މޮރޮކޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.

ދެޓީމުގެ ހަމަލާތަކަށްވެސް މާ ބޮޑު ކުރި އެރުމެއް ނުލިބި، މެޗު ދިޔައީ އިތުރު ވަގުތަށެވެ. ސްޕެއިންނަށް އަނެއްކާވެސް އެންމެފަހުން ކުޅުނު ޔޫރޯގެ ހަނދާން އާވެގެން ދިޔައެވެ. ޔޫރޯގެ ނޮކްއައުޓްގައި ސްޕެއިން ކުޅުނު ގަދަ 16 ގައި ކްރޮއޭޝިއާ ކައިރިން މޮޅުވީވެސް އިތުރު ވަގުތުގައެވެ. ކުއާޓާގައި ސްވިޒަލޭންޑް ބަލިކުރީވެސް ޕެނަލްޓީއަށް ގޮސްގެންނެވެ. އަދި ސެމީގައި އިޓަލީ އަތުން ބަލިވީވެސް ޕެނަލްޓީއަށް ގޮސްގެންނެވެ.

އިތުރު ވަގުތުގެ ކުރީކޮޅުގައިވެސް ސްޕެއިނުން ވަރުގަދަކޮށް ކުޅެމުން ދިޔަ އިރު، އެޓީމުން ދިޔައީ ކުރިއަށް ޖެހިވެސް ކުޅެމުންނެވެ. ސްޕެއިން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް، އަނެއްކާވެސް ނުރައްކާ ކުރީ މޮރޮކޯއިންނެވެ. މެޗުގެ 104 ވަނަ މިނެޓުގައި އޫނާހީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާލިދް ޗެޑީރާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަަތަކޮށްފައެވެ.

އަނެއްކޮޅުން އިތުރު ވަގުތުގެ ފަހު މިނެޓް ކޮޅުގައި ސްޕެއިނުން ފުލުފުލުގައި ހަމަލާތައް ފޮނުވާލިއެވެ. ކެޕްޓަން ބުސްކަޓްސްގެ ހަމަލާ ބްލޮކްވި އިރު، އެންމެ ފަހު ސިކުންތުގައި ޕަބްލޯ ސަރާބިއާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑީގައިވެސް ޖެހިއެވެ. ހަމަލާތައް ނާކާމިޔާބުވެ، މެޗު ދިޔައީ ޕެނަލްޓީއަށެވެ.

މޮރޮކޯއިން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ސަބީރީ ކާމިޔާބުކުރި އިރު، ސްޕެއިންގެ ސަރާބިއާ ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ސްޕެއިނަށް ފުރަތަމަވެސް މާޔޫސްކަން ކުރިމަތިވި އެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ހަކީމް ޒިޔެޗް ވައްދާލައި އެޓީމަށް އުންމީދު އާކޮށްދިނެވެ.

ސްޕެއިންގެ ދެވަނަ ޕެނަލްޓީ ކާލޯސް ސޮލާ ޖެހުމުން ޔާސީން ބޯނޯ ވަނީ މަތަކޮށްފައެވެ. މޮރޮކޯއަށް ފުރަތަމަ ކުއާޓާ ފައިނަލްގެ އިހުސާސް ކުރެވުނެވެ. އެހެން ނަމަވެސް ބެނޫންގެ ޕެނަލްޓީ މަތަކޮށް ސިމޯން ސްޕެއިނަށް އުންމީދު ހޯދައިދިނެވެ. އެހެން ނަމަވެސް ސްޕެއިންގެ ކެޕްޓަން ބުސްކަޓްސް ޕެނަލްޓީ ބޯނޯ މަތަކުރުމުން ހަކީމީއަށް މޮރޮކޯ ކުއާޓާއަށް ގެންދަން ފުރުސަތު ލިބުނެވެ. ހަކީމީގެ ޕެނަލްޓީއާއެކު މޮރޮކޯ ކުއާޓާ ފައިނަލް ހޯދައި ތާރީހު ލިޔެލިއެވެ.