ރިޕޯޓް

މަންމައާއި އެކު ކަސަބު ލިބާސް އުފެއްދުމުގައި ޝަރީފާގެ ފަހުރުވެރި ދަތުރު، ފިރިމީހާ ކިނާރީ ގެތުމުގައި

މަރިޔަމް ޝަފާ އިބްރާހިމް

ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ދިވެހި ގައުމިއްޔަތު އިހުސާސްކޮށްދޭ، އެކުލަތަކާއި އެފަރުމާތަކުން އަމިއްލަވަންތަކަމުގެ ޔަގީންކަން ލިއްބައިދޭ ހެދުމަކީ އަދި އަދަށްދާންދެންވެސް ބަދަލެއް ނާންނަ ކަސަބު ބޯވަޅު އެޅި ލިބާހެވެ. ކަނބަލުން އެ ހެދުމުގައި ފިސާރި ފުރިހަމަކަމަށް ދައްކުވައިދޭ މިލިބާހަކީ ސައްތައިން ސައްތަ އަމިއްލަ އުފެއްދުމަކަށްވާތީއެވެ. މެޝިންތަކަކަށް ބޭނުމެއް ނުވެއެވެ. އަތުގެ އިނގިލިތަކުގެ ފަރިތަ ފަރި ހަރަކާތްތަކުން، ފުން ވިސްނުމަކުން، މޮޅު ތަރުތީބަކުން ގަތައިލެވޭ ގެތުމެކެވެ. މިފުރިހަމަ މަސައްކަތް ކުރުމުގައި ދިވެހިން އިރެއްގައި ތިބީ ވަރަށްވެސް ކުރީގައެވެ. ނަމަވެސް މިއަދު އެންމެ އިހުގެ ވައްޓަފާޅިއަށް މިމަސައްކަތް ކުރާ މީހުން މަދުކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ގައުމިއްޔަތުގެ މި ހިދުމަތްތެރި މަސައްކަތުގައި، 60 އަހަރުކުރީއްސުރެ، އާއިލާގެ މަތިމަތިފުށުން ވާރުތަވަމުން އައި ހުނަރުވެރިކަން ކުރިއަރުވައި އާލާ ކުރަމުން އަންނަ ޝަރީފާ މުހައްމަދަކީ ކަސަބު ބޯވަޅު އެޅި ލިބާހުގެ ހިރުގެތުމުގައި ކުޅަދާނަ އަންހެނެކެވެ.

"ލޯ ހުޅުވި، ތަންތަން ފެނި އެނގެން ފެށިއިރު ގޭތެރޭގައި ވަރަށް ފޯރީގައި މާމަ މި މަސައްކަތް ކުރާތަން ފެންނަން ފެށީ. ތަންދޮރު އެނގެން ފެށިއިރު މިކަމުގެ ތެރޭގައި އުޅެވެން ފަށާފަ ހުރީ. ދަސްކުރަން އޮޅުން ފިލުވި ހަނދާން ވަނީ ހަމަ އެންމެ ކަމެއް. ފަސްފޯލިން ހަދާ ތުނޑު. އެނޫން އެއްޗެއް އަހައިގެން އޮޅުން ފިލުވައިގެން ދަހެއް ނުކުރަން. ތާ އަބަދު އެއްކަމެއް ފެނި އެއްއަޑެއް އިވެންޏާ ދަސްކުރަން ކިހާ ފަސޭހަ ވާނެ."

63 އަހަރުގެ ޝަރީފާ، އޭނާގެ މަންމަ ފާތިމަތު ފަރިޔާލާ އެކުގައި ހިރު ގެތުމުގައި އަވަދިނެތި އިންނަ އިރު އޭނާގެ ލޮބުވެތި ފިރިމީހާ ކިނާރީ ގެތުމުގައި އަވަދިނެތި އިނދެއެވެ. މިއީ އިރެއްގައި ފަރިޔާލުގެ މަންމަ އާދެ! ޝަރީފާގެ މާމަ އާއި ފަރިޔާލު ކުރަމުން އައި މަސައްކަތެވެ. ފަރިޔާލަށް މި މަސައްކަތް ވާރުތަވެފައި ވަނީ އޭނާގެ މަންމަ، ހުވަދޫގައި މިމަސައްކަތަށް އަރައިހުރިކަމަށް ނަންހިނގާފައިވާ އެކަކު ކަމަށްވާ ރަންދިޔެގެ ފުށުންނެވެ. އެދިޔެއަށް މިކަން ދަސްވީ ފަރިޔާލުގެ މާމަ ނުވަތަ އެދިޔެގެ މަންމަ ފުށުންނެވެ. އެހެންކަމުން ބެލެވޭގޮތުގައި މިއީ އާއިލީ މަތިމަތިފުށުން ވާރުތަވަމުން އައިސްފައިވާ ހުނަރެކެވެ.

"ކުރިއާ އަޅައި ބަލާއިރު މިހާރު އެއްޗެހި ހޯދުމަކީ ދަތިވާ ކަމެއް. ކުރީގަ އަހަރެމެން ދަނީ ރާއްޖެއިން ބޭރަށް. ބޭނުންވާ ތަކެތި ދެތިން އަހަރަށް ވާ ވަރަށް ގެނެސްގެން މަސައްކަތް ކުރަނީ. އެކަމަކު މިހާރު އަށެއްކަ ވަރަކަށް އަހަރު މިވަނީ. އެގޮތަށް ބޭރަށް ނުދެވޭތީ މީހުން އަތަށް ދީގެން ބޭނުންވާ ތަކެތި ގެނުވަނީ. މިއީ ވަރަށް އުނދަގޫ ކަމެއް. ގިނަފަހަރު ބޭނުންވާ އެއްޗެހި ނުލިބިފަ ނޫނީ އެމީހާއަށް ނުއެނގިފަ އޮންނަނީ. ދެން މިޖެހެނީ މިގައުމުގަ އަތުޖެހޭ ހިސާބުގައި ލިބޭ ގޮތަށް ހުންނަ ތަނަކުން ބޮޑު އަގުދީފަ ގަންނަން. ވަރަށް ތަދޭ ބުނެވޭނީ."

ހުރިހާ މަސައްކަތެއް ނިންމާފަ ލިބާސް ހުންނައިރު އެ ފުރިހަމަ ވިދުންތަކާއި ތަރުތީބުކަމާއެކު ވަރަށްވެސް ފުރިހަމައެވެ. ގަންނަން އަންނަ މީހުން 3500، 4000 އަށްވީމަ އަގުބޮޑު ކަމަށް ބުނި ނަމަވެސް ގަންނަން ބޭނުންވާ މީހުން އައިސް ގަންނަ ކަމަށް ޝަރީފާ ކިޔައިދިނެވެ.

"އަގުބޮޑު ވެގެން މީހުން އެވާހަކަ ދައްކާ. އެކަމަކު މި މަސައްކަތުގެ ކަވިކަމާއި އުނދަގޫކަމަށް ވިސްނަން ވާނެދޯ. އެކަމަކު ހަމަ ގަންނަން ޖެހޭ ބައެއްނަމަ ގަނެގެން ދާނީ. ގާތްގަނޑަކަށް މަހެއްގެ މައްޗަށް އެންމެ ރަނގަޅަށް ހަތަރު ފަސް އޯޑަރު ގެންދޭ."

މިއީ މީގެ އެތައް އަހަރެއް ކުރިން ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ޝަރީފާގެ މައިފުށުގެ މާމަވެސް ކޮށްފައިވާ މަސައްކަތެކެވެ. ޝަރީފާގެ މަންމަ، މަޑަވެލީ އަލިވާގޭ ފާތިމަތި ފަރިޔާލު ނުވަތަ އައްޑޫ ދޮންހުތާގެ އިބިރިހިންފުތާގެ ފާތިންދިޔެ މިމަސައްކަތް ދަސްކުރީ އޭނާގެ މާމަ މަޑަވެއްޔަށާއި މުޅި ހުވަދުއަށްވެސް މިމަސައްކަތުގައި އެންމެ ކުރިއަރައި ހުރު ރަންދިޔެގެ ދިޔެ ފުށުންނެވެ. މަންމަ ހެޔޮހާލުގައި އުޅުނުއިރު މަންމަގެ ފަހަތުން މިމަސައްކަތް ކުރަމުން އަދި މަންމައާ އެއްހަމައަކަށް މަސަައްކަތް ކުރެވޭތޯ ދިޔައީ ހިތްވަރު ކުރަމުންނެވެ. މިހާރު އޭނާގެ ދަރިފުޅަކުވެސް މިކަމުގައި ވަނީ އެދުރު ކޮށްފައެވެ. އާއިލާގެ ނަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ލިބޭ ކާމިޔާބީވެސް ފުރިހަމައެވެ.

މިހާރުވެސް ހުޅުމާލޭ ފޭސް ދޭއްގައި، ދަރިފުޅު ގާތުގައި އުޅޭއިރުވެސް އަބަދުވެސް ޝަރީފާ ކޮންމެވެސް އެއް ބޯވަޅެއްގައި ކަސަބު އެޅުމަށް ހިރު ގެތުމުގައި އިންނައިރު ފިރިމީހާ ކިނާރީ ގެތުމުގައި އިނދެއެވެ. އާއިލީ ގުޅުން ނުހަނު ފުރިހަމަވެފައި އުފާވެރިއެވެ. މި ތާރީހީ މަސައްކަތް ކުރުމުގައި އެންމެން ތިބީ އަތު ގުޅާލައިގެންނެވެ. ދިވެހިވަންތަ މިމަސައްކަތް ކުރުމުގައި ޝަރީފާ އާއި އޭނާގެ އާއިލާ ކުރަމުން އަންނަ މަސައްކަތަށް "ވަން"އިން އެދެނީ ފާގަތި ކަމާއި ކާމިޔާބުގެ އުސްމިންތަކަށް ދެވުމެވެ. ރާއްޖޭގެ މާކެޓުން ބޭރަށް ދުނިޔޭގެ ބާޒާރަށް މި އުފެއްދުންތައް ނުކުތުމެވެ. ދިވެހި ގައުމު ތާރީހުގައި އަދިވެސް އެއްފަހަރު އެހެން ގޮތަކަށް ލިޔެވޭނެހެން ބައިނަލް އަގުވާމީ ބާޒާރަށް ނުކުމެވުމެވެ.