ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއިން ފުލެޓް ގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބާއްވާ އޯޕަންޑޭ މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި އޯޕަންޑޭ އަކީ ވިނަރެސް ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން ފޯމާއެކީ ހުށަނާޅާ ލިޔެކިޔުންތައް ހުށަހެޅުމަށާއި މިކަމާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި އޯޕަން ޑޭގެ ހަރަކާތްތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުމާލޭ ވޯޓާސްއެޖްގައެވެ.
އެޗްޑީސީން ބުނީ ފްލެޓަށް ހޮވުނު ކޮންމެ ފަރާތަކަށްވެސް ވަކި ވަކިން އެޕޮއިންޓްމަންޓް ގަޑިތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި މިކަމާ ބެހޭ ހުރިހާ މައުލޫމާތެއް އެ ފަރާތްތަކާ ހިއްސާ ކުރަމުން ދާނީ އެކަމަށް ހާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަދި ވިނަރެސް އާ ގުޅޭ ހުރިހާ މައުލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެއްވެސް ލިންކެއް އަދި ފައިސާގެ މުއާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެ ކަމަށް ބުންޏެވެ.
ނަމަވެސް މައިހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެ ކަމަށާއި ވިނަރެސްއާ ބެހޭގޮތުން އިތުރު މައުލޫމާތެއް ހިއްސާ ކުރާނަމަ، ގުޅާނީ އެ ކޯޕަރޭޝަންގެ ނަންބަރު 3353535 އިން އެކަނި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު