ގަތަރު ވޯލްޑް ކަޕް 2022

ބެންޓޯ ކޮރެއާގެ ކޯޗުކަން ދޫކޮށްލީ ފަހުރުވެރިކަމާއެކު

މުޙައްމަދު ޝަމްޢޫން

ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 އިން ކަޓައިގެން ދާން ޖެހުނު ނަމަވެސް، ކޯޗުކަން މިހިސާބުން ދޫކޮށްލަނީ ފަހުރުވެރިކަމާއެކުގައި ކަމަށް ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ ބުނެފިއެވެ.

ދެކުނު ކޮރެއާއިން ރޭ ގަދަ 16 ގައި ބްރެޒިލް އަތުން 4-1 އިން ބަލިވެ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާ އިރު، ރޭގެ ގަދަ 16ގެ މެޗަކީ އެގައުމުގެ ތާރީހުގައިވެސް ވޯލްޑް ކަޕްގެ ގަދަ 16ގައި ކުޅުނު ތިންވަނަ މެޗެވެ. އެމެޗުން މޮޅު ނުވެވުމާއެކު ދެކުނުކޮރެއާއަށް މިހާތަނަށް އެންމެ ކާމިޔާބު ވޯލްޑް ކަޕަކަށް އަދިވެސް އޮތީ އަމިއްލަ ގައުމުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކޮރެއާ ކުޅުނެވެ.

"އަހަރެން ދެން އަމިއްލަ މުސްތަގުބަލަށް މިހާ ހިސާބުން ވިސްނާނީ. އަހަރެން ދެން ކޮރެއާ ޓީމުން އެއް ފަރާތްވެލާނަން. ރެސްޓް ކޮށްލާފަ ދެން ގޮތެއް ވިސްނާނީ،" އުމުރުން 53 އަހަރުގެ ބެންޓޯ ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން 2018 ވަނަ އަހަރު ކޮރެއާ ކޯޗުކަމާ ހަވާލުވި ބެންޓޯއަކީ 2014 ވަނަ އަހަރު ޕޯޗުގަލްއަށްވެސް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. ބެންޓޯ ބުނީ އޭނާގެ ނިންމުމަކީ މާ ކުރިންވެސް ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، މި ވޯލްޑް ކަޕް ނިމުމާއެކު އެކަން މިހާރު ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.

"އަހަރެން ދެކުނު ކޮރެއާގެ ކޯޗުކަން ކުރީ ފަހުރުވެރިކަމާއެކު. އަހަރެން ގަބޫލުކުރާ ގޮތުގައި މި ވޯލްޑް ކަޕްގެ ނަތީޖާއަކީވެސް ފަހުރުވެރިވާން ޖެހޭ ނަތީޖާއެއް. އަދި މިދިޔަ ހަތަރު އަހަރު ދުވަހު ކުރެވުނު މަސައްކަތަށްވެސް ފަހުރުވެރިވަން،" ބެންޓޯ ބުންޏެވެ.

ބެންޓޯއާއެކު ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާއިން ވަނީ ފުރަތަމަ މެޗުގައި އުރުގުއާއީއާ އެއްވަރުކޮށް، ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްފައެވެ. އެޓީމުން ބަލިވީ ގާނާ އަތުންނެވެ. ބެންޓޯ ބުނީ ދެކުނު ކޮރެއާގެ ސްކޮޑަކީ އޭނާގެ ކެރިއަރުގައިވެސް މަސައްކަތް ކޮށްލަން ލިބުނު އެންމެ ރަނގަޅު އެއް ސްކޮޑު ކަމަށާއި، ކުރެވުނު މަސައްކަތަށް ހިތްހަމަ ޖެހޭ ކަމަށެވެ.