ގަތަރު ވޯލްޑް ކަޕްގެ ގަދަ 16ގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީގައި ޖަޕާން ބަލިކޮށް، އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއިން ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރުވެސް ނަތީޖާ އޮތީ 1-1 ގައި އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނިންމީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާއިން މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތަފާތު ނަޖީތަކެއް ނެރުނު ޖަޕާނަކީ ގްރޫޕް އީގެ އެއްވަނަ ޓީމެވެ. އެޓީމުން މިރޭ ގަދަ 16ގެ މެޗަށް ނުކުތީ ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލެއްގެ އުންމީދުގައެވެ. ޖަޕާނުން މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅެ، ބެލްޖިއަމް ކައިރިން ބަލިވެގެން ދިޔައީ ފަހުވަގުތު މާޔޫސްވެގެންނެވެ.

އެ ޗެލެންޖް ފަސޭހަ ނުވާނެކަން މެޗުގެ ކުރިން ޖަޕާންގެ ކޯޗު، ހަޖީމީ މޮރިޔަސޫވެސް ވަނީ ބުނެފައެވެ. އެއީ ކްރޮއޭޝިއާއަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު ކަމަށްވުމާއެކުގައެވެ. ކްރޮއޭޝިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް އެފްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފު ވެގެން ދިޔައީ ހަމަލާތައް ގިނަ ހާފަކަށެވެ. ދެޓީމަށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްވެގެން ދިޔަ، ދާދި ހަމަހަމަ ހާފަކަށްވެސް މެއެވެ. ފުރަތަމަ ހުސް ފުރުސަތެއް މެޗުގައި ލިބިގެން ދިޔައީ ކްރޮއޭޝިއާ އަށެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޖަޕާން ޑިފެންޑަރު ޓެކެހީރޯ ޓޮމިޔާސޫ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ޝުއިޗީ ގޮންޑާ ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައަށް ކްރޮއޭޝިއާ ފޯވަޑް އަންދްރޭ ކްރަމަރިޗް މަސައްކަތްކުރި ނަމަވެސް، އޭނާއަށް އެ ބޯޅަ ނިންމައިލެވިފައެއް ނުވެއެވެ.

ކްރޮއޭޝިއާއިން އެ ހަމަލާއާއެކު ފެށި ނަމަވެސް، ޖަޕާނުން ދިޔައީ ނުރައްކާތަކަށް ފަހި ކުރަމުންނެވެ. އެޓީމުން ހަލުވި ކުޅުމުގައި ކުރިއަށް ޖެހި ރަނގަޅު ހުރަސްތަކެއް ނަގަން މަސައްކަތް ކޮށްފައިވާ އިރު، ކުރީކޮޅުގައި ނެގި ހުރަސްތަކުގެ މާ ބޮޑު ނުރްކަލެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް 41 ވަނަ މިނެޓުގައި އެންޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑައިޗީ ކަމަޑާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާއެވެ. އަދި އޭގެ ދެ މިނެޓް ފަހުން ޖަޕާން ލީޑު ނެގިއެވެ.

މިހާތަނަށް މި ވޯލްޑް ކަޕްގައި ޖަޕާނަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ ރިޓްސޫ ޑޮއާން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާއަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައިން ޖަޕާނަށް ލީޑު ނަގައިދިނީ ޑައިޒެން މައޭޑާއެވެ.

މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާއިން މެޗުގެ ކޮންޓްރޯލު ހޯދަން އަވަސްވެގަތެވެ. ހާއްސަކޮށް އެޓީމުގެ ވަރުގަދަ މެދުތެރޭގައި ކުޅެމުން ދިޔަ ލޫކާ މޮޑްރިޗާއި މަޓެއޯ ކޮވަސިޗަށް ގިނަ ބޯޅަތަކެއް ދީ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ހަމަލާތަކަށް މަސައްކަތް ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން އެޓީމުން މެޗުގެ 55 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަވެސްކުރިއެވެ. ޑެޖާން ލޮވްރެން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ. ހިތްގައިމުކޮށް ޕެރިސިޗް ބޮލުން ޖެހި ބޯޅައެކެވެ. އޭނާ ބޯޅަ އާމާޒުކޮށްލީ ސީދާ ކަނަށެވެ.

އެ ގޯލާއެކު ކްރޮއޭޝިއާއިން ހަމަޖެހިލިއެވެ. އޭގެ ފަހުންވެސް ހަމަލާތައް ފެނުނީ ކްރޮއޭޝިއާގެ ފަރާތުންނެވެ. 63 ވަނަ މިނެޓުގައި މޮޑްރިޗްގެ ބާރު ހަމަލާއެއް ފެނިގެން ދިޔައެވެ. ގޯލުގެ މަތީ ކަނަށް އަމާޒުކޮށް މޮޑްރިޗް ފޮނުވާލި ހަމަލާ ޖަޕާންގެ ގޯލްކީޕަރު ގޮންޑާ ހުޝިޔާރުކަމާއެކު މަތަކޮށް އުންމީދު ދަމަހައްޓައިދިނެވެ.

މެޗުގެ 90 މިނެޓް ހަމަވާން ގާތަށް ދިޔަ ވަރަކަށް ޖަޕާނުން ދިޔައީ ފަހަތުން ކުރަމުން ދިޔަ މަސައްކަތް އިތުރުކުރަމުންނެވެ. ފަހުވަގުތުގެ ގޯލަކުން އަނެއްކާވެސް ކަޓައިގެން ދާން ޖެހިދާނެތީ އެކަމަށް ޖަޕާނުން ދިޔައީ ސަމާލުވަމުންނެވެ. ފަހު ވަގުތުގައި ހަމަލާތައް މަދުކޮށް ފެނި، ދެޓީމުގެ ވަރުބަލިކަމާވެސް އެކު މެޗު ދިޔައީ އިތުރު ވަގުތުގެ ކުޅުމަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހަމަލާ ކްރޮއޭޝިއާގެ ޕެރަސިޗް ފަރާތުން ފެނުނު އިރު، އޭނާގެ ހަމަލާ ޖަޕާންގެ ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައެވެ. އަދި އޭގެ ފަހުން މެޗުގެ 115 ވަނަ މިނެޓުގައި ޖަޕާނުން ގޯލަކާ ގާތަށް ޖެހިލިއެވެ. ޖަޕާންގެ ހާފްގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ކައޯރޫ މިޓޮމާ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ ބޮޑެތި ބަދަލުތަކެއް ޓީމަށް ގެނެސްފައެވެ. އެގޮތުން ކެޕްޓަން މޮޑްރިޗާއި ޕެރަސިޗާއި ކޮވަސިޗްވެސް ބަދަލުކޮށްފައިވާ އިރު، ބެލެވޭ ގޮތުގައި ކޯޗު ވިސްނީ ވަރުބަލިކަމުން ސަލާމަތްވެ، ފަހުވަގުތަށް ހިތްވަރު އާކުރުމަށެވެ. އެކަމުގެ ނަތީޖާ ކޮންމެވެސް ވަރަކަށް ފާހަގަވެސް ވިއެވެ. އިތުރު ވަގުތުގެ ކުޅުން ނިމެން ދަނިކޮށް، ކްރޮއޭޝިއާގެ މާޔާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ޕެނަލްޓީގައި ޖަޕާނުން ފުރަތަމަ ޖެހި ޕެނަލްޓީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވަކޮވިޗް މަތަކުރި އިރު، ކްރޮއޭޝިއާގެ ފުރަތަމަ ދެ ޕެނަލްޓީ ނިކޮލާ ވްލަސިޗާއި ބްރޮޒިވިޗް ކާމިޔާބުކުރިއެވެ. ޖަޕާނަށް މެޗުގައި ދެމިއޮތުމުގެ އުންމީދެއް ހޯދައިދިނީ ތިންވަނަ ޕެނަލްޓީ އަސާނޯ ކާމިޔާބުކޮށްގެންނެވެ. އަނެއްކޮޅުން ކްރޮއޭޝިއާގެ ތިންވަނަ ޕެނަލްޓީ ލިވާޔާ އަތުން ދަނޑީގައި ޖެހި ބޭރުވި އިރު، ޖަޕާނަށް އިތުރު އުންމީދަކަށް ޝީޑާ ފޮނުވާލި ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކުރިއެވެ. އެ ނަތީޖާއާއެކު ކްރޮއޭޝިއާއަށް މޮޅުވާން ލިބުނު ފުރުސަތުގައި ޕަސަލިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް ކްރޮއޭޝިއާ ކުއާޓާ ފައިނަލް ޔަގީންކުރިއެވެ.