ސްޕެއިންގެ ތަމްރީނު ކޭމްޕެއްގައި އެއްފަހަރު ކުޅުންތެރީންނަށް 1،000 ޕެނަލްޓީ ޖެހުމުގެ ހޯމްވޯކެއް ދިން ކަމަށާއި، އޭރު އެ ހޯމްވޯކް ފުރިހަމަ ކުރި ކަމަށް އުންމީދު ކުރާ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ސްޕެއިނުން ގްރޫޕް ސްޓޭޖު ނިންމާލީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެންމެފަހުން ކުޅުނު މެޗުގައި ޖަޕާން އަތުން 2-1 އިން ބަލިވެ ސްޕެއިނަށް އެ ގްރޫޕްގެ އެއްވަނަ މަގާމު ގެއްލުނު އިރު، މިރޭ ނުކުންނާނީ ގްރޫޕް އެފްގެ އެއްވަނަ ޓީމް، މޮރޮކޯއާ ދެކޮޅަށެވެ.

މިރޭގެ މެޗަކީ މޮރޮކޯއިން 1986 ވަނަ އަހަރަށްފަހު ކުޅޭ ގަދަ 16ގެ ފުރަތަމަ މެޗެވެ. ސްޕެއިނުން އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16ގައި ކުޅެ ބަލިވީ ހޯސްޓް ރަޝިއާ އަތުންނެވެ. އެ މެޗުގައި ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ. އެ ބަލީގެ ހަނދާން ނައްތާލަން އެޓީމަށް، މިރޭގެ މެޗަށް ހުރިހާ ގޮތަކަށް ތައްޔާރުވުން މުހިއްމެވެ. އެއީ ޕެނަލްޓީއަށް ދިޔަ ކަމުގައި ވިޔަސް، އެކަމަށްވެސް ތައްޔާރުކަމަށް އުންމީދުކުރާ ކަމަށް ކޯޗު އެންރީކޭ ވަނީ މެޗުގެ ކުރިން ބުނެފައެވެ.

"މީގެ އަހަރެއްހާ ދުވަސްކުރިން، ސްޕެއިންގެ ތަމްރީނު ކޭމްޕެއްގައި އަހަރެން ބުނިން ދެން އަންނައިރު އަންނަންވާނީ 1000 ޕެނަލްޓީ ޖަހައި، ހޯމްވޯކެއް ހަދައިގެންނޭ. އަހަރެން އުންމީދުކުރަނީ ކުޅުންތެރިން އެކަމަށް ސަމާލުވެ، އަހަރެންގެ ޓީމުން އެ ހޯމްވޯކް ހަދާފައިވާނެ ކަމަށް. އެއީ މިކަހަލަ މުބާރާތަކަށް އައިސް، ވަކިން ޕެނަލްޓީ ފަރިތަކުރަން ވަގުތު ނުލިބޭނެތީ،" އެންރީކޭ ބުންޏެވެ.

އެންރީކޭ އިއްޔެގެ ޕްރެސްގައި ބުނެފައި ވަނީ ޕެނަލްޓީއަކީ ލޮޓަރީއެއް ނޫން ކަމަށެވެ. ޕެނަލްޓީއަށް ގޮސްގެންވެސް މޮޅުވާނީ އެކަމަށް ތައްޔާރުވެ، ފަރިތަކޮށްފައިވާ ޓީމު ކަމަށެވެ.

"އެއީ އެންމެ ހާސްވާނެ ވަގުތު، އެއީ ހަމަޖެހެވޭނެކަން ދައްކަން ޖެހޭ، އެކަން ސާބިތުކޮށްދޭން ޖެހޭ ވަގުތު. އެގަޑީގައި ރަނގަޅު ޕެނަލްޓީއެއް ޖެހޭނީ އެކަމަށް މާ ކުރީން ތައްޔާރުވެ، ގޮތެއް ނިންމައިގެން ހުރުމުން. އެހެންވީމަ އެކަމަށް 1000 ފަހަރު ތައްޔާރުވެފައި ހުރިއްޔާ ޖެހޭ ޕެނަލްޓީގެ ކޮލިޓީ ރަނގަޅުވާނެ،" އެންރީކޭ ބުންޏެވެ.

އޭގެ އިތުރުން އެންރީކޭ ބުނީ ޕެނަލްޓީގެ ނަތީޖާ ވަރަށް ބޮޑަށް ކީޕަރަށް ބަރޯސާވާނެ ކަމަށާއި، ސްޕެއިންގައި ތިބީ ޕެނަލްޓީއަށްވެސް ރަނގަޅު ގޯލްކީޕަރުންކަން އޭނާ ގަބޫލުކުރާ ކަމަށެވެ.

ސްޕެއިނުން ކުޅޭ ސްޓައިލްގެ ސަބަބުން އެޓީމު ނުރައްކަލަށް ވެއްޓިގެން ދާކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔާފައިވާ ފާޑު ކިޔުމަށްވެސް އިއްޔެ ޕްރެސްގައި ކޯޗު އެންރީކޭ ވަނީ ރައްދު ދީފައެވެ.

"ކޮންމެ ޓީމެއްގައިވެސް ހުންނާނެ ސްޓައިލެއް. އަހަރެމެން ކުޅެނީ އެންމެ ފަސޭހަ ގޮތަކަށް ބޯޅަ ކުރިއަށް ގެންދެވޭނެ ސްޓައިލަކަށް. ދިގު ބޯޅައެއް ކުރިއަށް ލާން ޖެހިއްޖެއްޔާ އެކަންވެސް ޓީމުން ކުރާނެ. އެ ބަދަލު ގެންނާނީ ދަނޑިމަތީގައި ތިބޭ ކުޅުންތެރިން. އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކައެއް ނޫން ޖަޕާން އަހަރުމެން ކޮޅަށް ޖެހި ފުރަތަމަ ގޯލް ޖެހީ ފަހަތުން ބޯޅަ ސާފުކޮށް ނުލިވެގެންނޭ ބުނުމަކީ. އަހަރެމެން ފަހަތުން ބޯޅަ ޕާސް ޖަހައިގެން އަހަރެމެން ކުޅޭ ކުޅުން ނުކުޅޭނަމަ ގޯލް ޖަހަންވެސް އުނދަގޫވާނެ. އެހެންވީމަ އަދިވެސް އެ ސްޓައިލްގައި ކުޅޭނީ،" އެންރީކޭ ބުންޏެވެ.

ސްޕެއިނާއި މޮރޮކޯ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.