ގަތަރު ވޯލްޑް ކަޕް 2022

މޮރޮކޯ މިރޭ ނުކުންނާނީ ތާރީހު ލިޔެލުމުގެ އަޒުމުގައި، ސްޕެއިނާ ކުރިމަތިލާނީ ޕްލޭނަކާއެކު: ރެގްރަގޫ

މުޙައްމަދު ޝަމްޢޫން

މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނަ ގަދަ 16 ގެ މެޗަކީ މޮރޮކޯގެ ތާރީހުގައިވެސް އެންމެ މުހިއްމު މެޗު ކަމަށާއި، މެޗަށް ނުކުންނާނީ ސްޕެއިން ބަލިކުރެވޭނެ ޕްލޭނަކާ އެކުގައި ކަމަށް ކޯޗު ވަލީދު ރެގްރަގޫ ބުނެފިއެވެ.

މޮރޮކޯއަކީ މިފަހަރު ވޯލްޑް ކަޕްގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެ، ގަދަ 16 ޔަގީންކުރި ޓީމެކެވެ. ބެލްޖިއަމްއާއި ކްރޮއޭޝިއާ އަދި ކެނެޑާ ހިމެނުނު ގްރޫޕް އެފްގެ އެއްވަނަ މޮރޮކޯއިން ހޯދީ، ބެލްޖިއަމާއި ކެނެޑާވެސް ބަލިކޮށްފައެވެ. މިފަހަރުގެ ގަދަ 16ގެ މެޗު ވެގެންދަނީ 1986 ވަނަ އަހަރަށްފަހު އެގައުމުން ކުޅޭ ތާރީހީ ގަދަ 16 ގެ މެޗަކަށެވެ. އެފަހަރު ކުޅުނު ގަދަ 16 ގެ މެޗުގައި ވެސްޓް ޖަރުމަނު އަތުން 1-0 އިން މޮރޮކޯ ބަލިވެފައިވާ އިރު، އެގައުމުގެ ތާރީހުގައިވެސް އަދި ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ގޮސްފައެއް ނުވެއެވެ.

މޮރޮކޯއިން ފުރަތަމަ ކުއާޓާއެއްގެ އިންތިޒާރުގައި މިރޭ ނުކުންނާނީ ގްރޫޕް އީގެ ރަނަރަޕް ޓީމް ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިނަކީ 2010 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި ޓީމެކެވެ.

"މި މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް. ސްޕެއިނަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމް. ވޯލްޑް ކަޕްގެ ފެވަރިޓެއްވެސް މެ. އެހެން ނަމަވެސް އަހަރެމެންގެ އަމިއްލަ ކޮލިޓީތަކެއް އެބަހުރި. އަހަރެމެން ސްޕެއިނާ ދެކޮޅަށް ތައްޔާރުވާން ޖެހެނީ މެންޓަލީ. ސްޕެއިން ކަޓުވާލައިފިނަމަ، އެކަން ވެގެންދާނީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ބޮޑު އެއް ހައިރާން ކަމަށް. މިރޭގެ މެޗަކީ މޮރޮކޯއަށް ފައިނަލެއް. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން ފައިނަލަށްފަހު އަނެއްކާވެސް މި ނުކުންނަނީ ފައިނަލަކަށް. އެކަމަކު އުންމީދުކުރަނީ ކުއާޓާއާ ހަމައަށް ގޮސް، އަދިވެސް އިތުރު ފައިނަލެއް ކުޅެން ޖެހޭނެ ކަމަށް،" ރެގްރަގޫ ބުންޏެވެ.

ސްޕެއިނާއި މޮރޮކޯ 2018 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރެގްރަގޫ ބުނީ އެމެޗަށް ހަނދާންތައް ނުގެންދެވޭނެ ކަމަށާއި، ސްޕެއިން ކައިރީ މުޅި މެޗު ކުޅެން ޖެހޭނީ ކެނެޑާ ކައިރީ ކުޅުނު ދެވަނަ ހާފުގެ ސްޓައިލްގައި ކަމަށެވެ. ސްޕެއިނަށް ބޯޅަ ގެންގުޅެން ފުރުސަތު ދިން ނަމަވެސް ނުރައްކާ ކުރެވޭނެ ފުރުސަތު ދޭން ނުވިސްނާ ކަމަށްވެސް ރެގްރަގޫ ބުންޏެވެ.

"މިއީ މޮރޮކޯ ތާރީހުގައި އެންމެ މުހިއްމު މެޗު. އެކަމަކުވެސް އަހަރެން އުންމީދުކުރަނީ މި ވޯލްޑް ކަޕްގައި އަދި އެއަށްވުރެވެސް ތާރީހީ މެޗަކާ ހަމައަށް ދާން. އަހަރެމެންނަށް ކުރިން މި ހިސާބަށް އާދެވި، އެކަން ނުނިންމި އޮތީ. އަހަރެން މި ބަލަނީ ކުޅުންތެރިންގެ ޖަޒުބާތުތައްވެސް ކުޑަކޮށް، އެކުޅުންތެރިން ހިތްހަމަޖެހުމާއެކު މެޗަށް ނުކުމެ ކުޅޭނެ ވިސްނުމެއް ގެންނަން. މޮރޮކޯގައި މިރޭގެ މެޗު މިލިއަނުން މީހުން ބަލާނެ. ސްޕެއިންގެ އެންމެ ވަރުގަދަ ކަމަކީ ބޯޅަ ހިފެހެއްޓުންކަން ގަބޫލުކުރަން ޖެހޭ. އެކަން އެމީހުން ކުރާނެ. އަހަރެމެން ކުރަންވީ ކަމަކީ ބޯޅައިން ކުރެވޭނެ ކަންކަން ހުއްޓުވުން. ބެލްޖިއަމާއި ކްރޮއޭޝިއާ ކައިރީވެސް އަހަރެމެން ބޯޅަ ގެންގުޅުން ދޫކޮށްލައި، ބެލީ ހުއްޓުވަން،" ރެގްރަގޫ އިތުރަށް ބުނެފައިވެއެވެ.

މޮރޮކޯއާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.