ނަފުސާނީ ސިއްހަތަށް އަހުލުވެރިކުރުވުމަށް "ކިހިނެއް؟" ގެ ނައުމުގައި ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ނަފުސާނީ ސިއްހަތުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ވެސް އިފުތިތާހުކޮށްދެއްވައިފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ނަފުސާނީ ސިއްހަތަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ރެޕިޑް އެސެސްމެންޓެއް މިއަހަރު ހަދާފައިވާ ކަމަށާއި "ކިހިނެއް؟" ފަރުމާކުރީ މި އެސެސްމަންޓުން ފާހަގަވި މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެގޮތުން މިކޭމްޕޭންގެ ދަށުން ފަރުދުންނާއި މުޖުތަމައުގެ ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފުސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް، ތަފާތުކުރުން ނައްތާލުން ހިމެނެއެވެ.
މި ކެމްޕޭނުގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަރުދުންގެ ގާބިލުކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިހުސާސްތައް ތަހައްމަލު ކުރަން، ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ގާބިލުކަން އުފެއްދުން ހިމެނެއެވެ. އަދި އަމިއްލަ ނަފުސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި، އެކަން ކުރެވޭނެ ގާބިލްކަން ފަރުދުންގެ މެދުގައި އުފެއްދުމާއި ނަފުސާނީ ކަންކަމަށް ހޭލުންތެރި، ބާރުވެރި އަދި އަޅާލާ މުޖުތަމައުއެއް ބިނާކުރުމުގެ އިތުރުން ވިސްނުމުގެ ތަފާތު ހުރިނަމަވެސް އެކަކު އަނެކަކު ބަލައިގަނެ، އަޅާލައި ޒިންމާދާރު މުޖުތަމައެއް އުފެއްދުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކެމްޕޭނެކެކެވެ. އަދި މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު