އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯނު 14 އަކީ ނިސްބަތުން ކުރީގެ ފޯނުތަކަށްވުރެ ބެޓެރީ ވަރުގަދަ ފޯނު ތަކެކެވެ. އައި އައިފޯން 14 ޕުރޯ އާއި ޕުރޯ މެކްސް އަކީ މާ ބޮޑަށްވެސް ބެޓެރީ ވަރުގަދަ އެއްފަހަރު ޗާޖުކޮށްލުމުން މުޅި ދުވަހު ބެޓެރީ ހިފަހައްޓާ ފޯނުތަކެކެވެ. އެހެން ނަމަވެސް އައިފޯން 14 ބޭނުން ކުރާ ބައެއް މީހުން ބުނާ ގޮތުގައި އެ މީހުންގެ ފޯނުގެ ބެޓެރީ މާ އަވަހަށް ހުލިވެއެވެ. ވަކި ސަބަބެއް ނޭނގިގެން އުޅޭ ބައެއް މީހުން ގޯސްކުރަނީ އައިފޯން 14 ހެދި މީހުންނެވެ.

އެހެން ނަމަވެސް އަތުގައި އޮތް ފޯނުގެ ސެޓިން ބަދަލުކޮށްލުމުން އެކަން ހައްލުވެއެވެ. ނުވަތަ ބެޓެރީ ގިނައިން ބޭނުންކުރާ ދެ އެޕްލިކޭޝަނެއް ފާހަގަވެ އެ ދެ އެޕްލިކޭޝަން ބޭނުންކުރާވަރު މަދު ކޮށްލުމުންވެސް ބެޓެރީ މައްސަލަ ހައްލުވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އެ ދެ އެޕްލިކޭޝަނަކީ ފޭސްބުކް އަދި ގޫގުލް މެޕްސް އެވެ. މި ދެ އެޕްލިކޭޝަނަކީވެސް ބެޓެރީގެ ހަކަތަ ވަރަށް ގިނައިން ބޭނުން ކުރާ ދެ އެޕްލިކޭޝަނެވެ. ސަބަބަކީ މި ދެ އެޕްލިކޭޝަންވެސް ފޯނުގައި ހިންގާ އިރު ލޮކޭޝަން ސާވިސް ނުވަތަ ޖީޕީއެސް މާ ގިނައިން ބޭނުން ކުރުމެވެ. މިކަން ހައްލު ކުރުމަށް ފޯނުގެ ސެޓިން ބަދަލުކޮށްލެވިދާނެއެވެ.

ފޯނުގައި ހިމެނޭ ޖީޕީއެސް މެދުވެރިކޮށް ސެޓެލައިޓާ އެކު ހިންގާ ގުޅުން މެދުނުކެނޑި މަސައްކަތް ކުރާނެތީ މާ ގިނައިން ބެޓެރީ ހަކަތަ ބޭނުން ކުރުމުން ފަހުގެ އައިފޯނުތަކުން މާ އަވަހަށް ބެޓެރީ ދާ ކަމަށް ބައެއް ފަރާތްތަކަށް ފާހަގަ ކުރެވެއެވެ. ސަބަބަކީ ފަހުގެ އައިފޯނުގައި ހިމެނިފައިވާ ޖީޕީއެސް އަކީ އެޕަލް އަށް ހާއްސަ ވަކި ސެޓްލައިޓްތަކާ ގުޅޭގޮތަށް ހަދާފައިވާ ފޯނަކަށް ވުމެވެ. ކުރިން ޖީޕީއެސް ނުވަތަ ލޮކޭޝަންގެ ހިދުމަތް ހޯދުމަށް ގޫގުލްގެ ސެޓެލައިޓްތައް ބޭނުންކުރި ނަމަވެސް މިހާރުގެ ފޯނުގައި އިތުރު ސެޓެލައިޓްތަކުން ލޮކޭޝަން ހޯދައެވެ. މިހާރުގެ އައިފޯނުތަކުގައި އެޕަލް ކުންފުނީގެ އަމިއްލަ މެޕްގެ ލޮކޭޝަން ހޯދައިދޭ ހިދުމަތްވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

އެހެން ކަމުން ފޯނުގެ ބެޓެރީ އަވަހަށް ދާ މައްސަލަ ހައްލުކުރުމަށް އައިފޯނުގެ ލޮކޭޝަން ހިދުމަތް އަބަދު އޮން ވެފައި ހުންނަ ސެޓިން ބަދަލު ކުރަން ޖެހެއެވެ. ނުވަތަ ލޮކޭޝަން ހިދުމަތް ބޭނުން ނުކުރާ ގޮތަށް ހަދާށެވެ. ލޮކޭޝަން ހިދުމަތް ބޭނުންވާ އެޕްލިކޭޝަނެއް ހުޅުވުމުން އެކަނި ލޮކޭޝަން ހޯދާ ޖީޕީއެސް ފޯނުގައި މަސައްކަތް ކުރާ ގޮތަށް ސެޓިން ބަދަލުކޮށްލުމުން ވެސް ބެޓެރީ ދާ ވަރު ކުޑަ ކުރެވެއެވެ. ފޯނުގެ ބެޓެރީ ހުސްވާ ވަރު ލޮކޭޝަން ޖެއްސުމާއެކު އަވަސް ވާ ފަދައިން ލޮކޭޝަން އޮފްކޮށްލުމުން ބެޓެެރީ ހުލިވާ ވަރު ލަސްކަންވެސް ފާހަގަ ކުރެވޭނެއެވެ.