ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން ބަލަނީ، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރާއި ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމްގެ ސުލޫކީ މައްސަލައެއް ކަމަށެވެ.

އެ މައްސަލައަކީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު އެ ކޮމިޝަނުން ތަހުގީގުކުރަން ފެށި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.

ޖޭއެސްސީން ބުނީ އެ މައްސަލަ ބަލަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 85 ވަނަ ޖަލްސާގައި ނިންމާ ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ.