ގަތަރު ވޯލްޑް ކަޕް ގަދަ 16 ގައި ރޭ އިންގްލެންޑުން ކުޅުނު މެޗުގެ ސްކޮޑުގައި ރަހީމް ސްޓާލިން ނުހިމެނުނީ އޭނާގެ އާއިލާ ކަމެއްގައި އެނބުރި އިނގިރޭސިވިލާތަށް ދާން ޖެހިގެން ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑް ރޭ ގަދަ 16 ގައި ކުޅުނު މެޗުގައި ފަސޭހަކަމާއެކު 3-0 އިން ސެނެގާލް ބަލިކޮށް، ކުއާޓާ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ. އިންގްލެންޑުން ކުއާޓާ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.
ރޭގެ މެޗަށް ގަޑިއިރެއްހާއިރު ކުރިން އިންގްލެންޑް އެފްއޭއިން ބުނެފައިވަނީ ފޯވަޑް ސްޓާލިން ސްކޮޑާ ދުރުގައި ހުރީ އާއިލީ ކަމެއް ޖެހިގެން ކަމަށެވެ. އެކަމުގެ ތަފްސީލު ހާމަކޮށްފައި ނުވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ ސްޓާލިންގެ އާއިލާ ދިރިއުޅޭ ގެއަށް ހަތިޔާރާއެކު ބަޔަކު ވަދެ ފޭރެން މަސައްކަތް ކުރި ކަމަށެވެ. އެކަމުގައި ސްޓާލިންގެ އާއިލާއަށް އުނދަގޫތަކަކާ ކުރިމަތިވުމުން ސްޓާލިން ގަތަރުގެ ކޭމްޕް ދޫކޮށް ދިޔައީ ކަމަށް ނޫސްތައް ބުނެއެވެ.
ރޭގެ މެޗަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ސަތުގޭޓް ބުނީ ސްޓާލިންނަށް މިވަގުތު އެންމެ މުހިއްމީ އޭނާގެ އާއިލާ ކަމަށާއި، އޭނާ ބޭނުން ވަގުތެއް އާއިލާ ކައިރީ ހޭދަކުރަން ފުރުސަތު ދޭނެ ކަމަށެވެ. ސްޓާލިންއަށް އިތުރު ޕްރެޝަރެއްވެސް ނުކުރާނެ ކަމަށާއި، އާއިލާއަކީ އެންމެ މުހިއްމު ކަންތައް ކަމަށް ފާހަގަކޮށް ސައުތުގޭޓް ބުނީ، ކުރިއަށް އޮތް މެޗުގައި ސްޓާލިން ފެންނާނެ ކަމާމެދު އަދި ޔަގީންކަމެއް ނެތް ކަމަށެވެ.
އިންގްލެންޑް ސްކޮޑުގައި ހިމެނުނު އާސެނަލްގެ ބެން ވައިޓްވެސް މިދިޔަ ހަފުތާ ތެރޭގައި އަމިއްލަ ކަމެއްގައި ކޭމްޕް ދޫކޮށްލާފައިވެއެވެ. އެކަމުގެ ތަފްސީލު މީޑިއާތަކުންވެސް އަދި އެފްއޭއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022